ENGLISH
17 ޖޫން 2026
ލިވްރަމެންޓޯއަށް އަނިޔާވުމުން ޗަލޯބާ އިންގްލެންޑް ޓީމަށް
17 ޖޫން 2026
|
ޗެލްސީގެ ޑިފެންޑަރު ޓްރެވޯ ޗަލޯބާ ---
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 އަށް ނެގި އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ޓީނޯ ލިވްރަމެންޓޯއަށް އަނިޔާވުމާ ގުޅިގެން، އޭނާގެ ބަދަލުގައި ޗެލްސީގެ ޑިފެންޑަރު ޓްރެވޯ ޗަލޯބާ ޓީމަށް ނަގައިފިއެވެ.
ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ފުލްބެކް ލިވްރަމެންޓޯގެ ފައިގެ މަސްގަނޑަށް އަނިޔާވުމުގެ ސަބަބުން އޭނާއަށް ވަނީ މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިފައެވެ. އުމުރުން 23 އަހަރުގެ ލިވްރަމެންޓޯއަށް މި އަނިޔާ ކުރިމަތިވީ، ބުދަ ދުވަހުގެރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ އިނގިރޭސި ޓީމުގެ ފުރަތަމަ މެޗުގެ ކުރިން، އާދީއްތަ ދުވަހު ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިންނެވެ.
އަނިޔާއެއްގެ ސަބަބުން ސީޒަނުގެ ފަހު ފަސް ހަފުތާގައި ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ލިވްރަމެންޓޯއަށް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމާމެދު ކުރިންވެސް އޮތީ ސުވާލު އުފެދިފައެވެ.
އިނގިރޭސި ޤައުމީ ޓީމަށް މީގެ ކުރިން އެންމެ މެޗެއް ކުޅެދީފައިވާ ޗަލޯބާ ސްކޮޑާ ގުޅޭނީ ކްރޮއޭޝިއާ މެޗަށް ފަހުގައެވެ. ޓީމުގެ އެހެން ކުޅުންތެރިން ޑަލަސްއަށް ދަތުރުކުރާއިރު، އޭނާ މިހާރުދަނީ ކެންސަސް ސިޓީގައިވާ އިނގިރޭސި ކޭމްޕަށް ދިޔުމަށް ދަތުރުކުރަމުންނެވެ.
އަންނަ އަންގާރަ ދުވަހު ގާނާއާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގެ ކުރިން، މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ ޓީމެއް ކަމަށްވާ ސްޕޯޓިންގ ކެންސަސް ސިޓީއާ ދެކޮޅަށް އެކުވެރިކަމުގެ ސިއްރު މެޗެއް ކުޅުމަށް އިނގިރޭސި އެފްއޭއިން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ މެޗުގައި ޗަލޯބާ ފެނުމުގެ ފުރުސަތު އެބައޮތެވެ.
ވޯލްޑް ކަޕުގެ ގަވާއިދު ބުނާ ގޮތުން، ޓީމުގެ ފުރަތަމަ މެޗު ފެށުމުގެ 24 ގަޑިއިރު ކުރިއާ ހަމައަށް، ބޮޑު އަނިޔާއެއް ނުވަތަ ބައްޔެއް ކުރިމަތިވާ ކުޅުންތެރިންގެ ބަދަލުގައި އެހެން ކުޅުންތެރިން ސްކޮޑަށް އިތުރުކުރެވިދާނެއެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގަރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިން ލިވްރަމެންޓޯ ވަނީ މިހާރުގެ ކޯޗު ތޯމަސް ޓުޗެލްގެ ދަށުން ފަސް މެޗު ކުޅެފައެވެ. މީގެ ތެރެއިން ދެ މެޗުގައި އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފައެވެ. ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ދެވަނަ ހާފުގައި އޭނާ ކުޅެން އެރި ނަމަވެސް، ކޮސްޓަރިކާ މެޗުގައި އިނީ ބެންޗުގައެވެ.
ޗަލޯބާ އެންމެ ފަހުން އިނގިރޭސި ޓީމަށް ކުޅުނީ މިދިޔަ އަހަރުގެ ޖޫންގައި ސެނެގޯލްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. ނަމަވެސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ގިނަ މެޗުތަކެއްގައި އޭނާ އިންނަން ޖެހުނީ ބެންޗުގައެވެ.