ENGLISH

17 ޖޫން 2026

Advertisement

ކިންގްސް ކަޕް: ހޯކްސް ބަލިކޮށް ޗެމްޕިއަންކަން ސްޓެލްކޯއަށް

17 ޖޫން 2026

|

އިސްމާއިލް ޝާހު

ކިންގްސް ކަޕުގެ ޓްރޮފީ ސްޓެލްކޯގެ ކުޅުންތެރިން އުފުލާލަނީ --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް 2026 ގެ ޗެމްޕިއަންކަން ސްޓެލްކޯ ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ކުލަބު ހޯކްސް އަތުން 7-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްޓެލްކޯއިންނެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ނަޒާމެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޓެލްކޯގެ ހަވަނަ ފައުލްވުމާއެކު، ލިބުނު ދުރު ޕެނަލްޓީއަކުން ހޯކްސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުޙައްމަދު ފާސިރެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ސްޓެލްކޯއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީނަށް ޖަހައިދިނީ ޝުއައިދު ސައީދެވެ. އޭގެ އަށް މިނެޓު ފަހުން ސާދު ނިޒާރު އަނެއްކާވެސް ހޯކްސްއަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، އޭގެ މިނެޓެއް ފަހުން ކެޕްޓަން އިބްރާހީމް ރިމާހު ވަނީ ސްޓެލްކޯއަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.

ކިންގްސް ކަޕުގައި ސްޓެލްކޯ އާއި ހޯކްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

މި މެޗުގައި ސްޓެލްކޯއިން ލީޑު ފުޅާކުރީ މެޗުގެ 32 ވަނަ މިނެޓުގައި ރިމާހު ކާމިޔާބުކޮށްދިން އިތުރު ލަނޑަކުންނެވެ. އެކަމަކު ޕަވަރ ޕްލޭގެ ބޭނުންހިފައި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ހޫދު އަޙްމަދު ފަތުހީ ވަނީ ހޯކްސްއަށް ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް އޭގެ ދެ މިނެޓު ފަހުން ޝުއައިދު ސްޓެލްކޯއަށް އަލުން ލީޑު ފުޅާކޮށްދިންއިރު، އޭގެ ކުރިން އޭރިއާ ތެރެއިން އެ ޓީމުގެ މުޙައްމަދު ވިލްފުގެ އަތުގައި ބޯޅަ ޖެހުނުކަމަށް ހޯކްސްއިން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފައެވެ. އެއާއެކު މެޗުގެ ކުޅުން މެދުކެނޑިގެންދިޔައިރު، ކުޅުން އަލުން ފެށިއިރު ރެފުރީ ވަނީ ހޯކްސްގެ ދެ އޮފިޝަލަކަށް ރަތް ކާޑު ދައްކާފައެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ސާދު ހޯކްސްއަށް އަނެއްކާވެސް ފަރަގު ކުޑަކޮށްދިން ނަމަވެސް، ފަހުކޮޅު ސްޓެލްކޯއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ނަޒާމް އަދި މުޙައްމަދު ސިރުޚާނެވެ.

ކިންގްސް ކަޕުގައި ހޯކްސް ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޓެލްކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ކިންގްސް ކަޕުގެ "ސުލްތާން އޮފް ފުޓްސަލް" ގެ މަގާމު ހޯދީ ސްތެލްކޯގެ ރިމާހެވެ.

މިއީ ސްޓެލްކޯއިން ކިންގްސް ކަޕުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ކިންގްސް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު، ސްޓެލްކޯއިން މި މުބާރާތުގައި ވާދަކޮށްފައިވަނީ މިދިޔަ ދެ އަހަރުގެ އޮފީސް ލީގުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. 

މި އަހަރުގެ ކިންގްސް ކަޕްގައި 12 ޓީމެއް ވާދަކުރިއެވެ. ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގައި ހަތް މުބާރާތް މިއަހަރު ކުޅޭއިރު، ކިންގްސް ކަޕަކީ ނިމުނު ފުރަތަމަ މުބާރާތެވެ.

ކިޔުންތެރިންގެ ހިޔާލު