ENGLISH

17 ޖޫން 2026

Advertisement

ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ތާވަލުގެ ކުރިއަށް

16 ޖޫން 2026

|

އިސްމާއިލް ޝާހު

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ޓީސީ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ތާވަލުގެ އެއްވަނައަށް ޓީސީ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ޓީސީން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކަކީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ. 

ކޮލިފައިންގައި މިރޭ ކުޅުނު މެޗުގައި ޓީސީން ލީޑު ނަގާފައިވަނީ 36 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ޖިމޯއެވެ. އަދި މެޗުގެ ފަހު އަށް މިނިޓު ތެރޭ ޓީސީން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ބޯޑު ޕްރިންސް އާއި އައިހަމް ހަމްދޫނެވެ.

މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ. މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައަށް ޓީސީ ޖެހިލީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ދިއްދުއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބިސް ބުރަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ގައްދުއަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ފަސްވަނައިގައި އޮތް ހުރާ އާއި ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް ތިން މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ.

ކޮލިފައިންގެ މެޗެއް ދެން ކުޅޭނީ މާދަމާ ހަވީރެވެ. މި މެޗުގައި ވާދަކުރާނީ ގައްދޫ އާއި ބިސް ބުރެވެ.

ކިޔުންތެރިންގެ ހިޔާލު