ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

އިލެކްޝަންސް ކޮމިޝަނުގެ ވޯކް-އިން އިންޓަވިއުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ

31 އޯގަސްޓު 2025

|

ޢަލީ ޝަހީމް

އިލެކްޝަންސް ކޮމިޝަންގެ ވޯކް-އިން އިންޓަވިއު ކުރިއަށްގެންދަނީ. ފޮޓޯ: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބޭއްވި ވޯކް-އިން އިންޓަރވިއުއަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދި ވޯކް-އިން އިންޓަވިއުގައި 210 މީހުން ބައިވެރިވި ކަމަށެވެ. 

އިންޓަވިއުތައް ކުރިއަށްގެންދިޔައީ އޮގަސްޓް 29 ވީ ހުކުރު އަދި އޮގަސްޓް 30 ވީ ހޮނިހިރު ދުވަހުއެވެ. ހުކުރު ދުވަހު އިންޓަވިއު ކުރިއަށްގެންދިޔައީ ކަލާފާނު ސްކޫލުގައެވެ. ހޮނިހިރު ދުވަހު އިންޓަވިއުކުރުން އޮތީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންޓަވިއުތަކުގައި ގިނައިން ބައިވެރިވީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށެވެ. އަދި، އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ މަޤާމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. 

ވޯކް-އިން އިންޓަވިއުތަކުގައި ވަނީ ވަޒީފާއަށް ވަގުތުން ފޯމު ހުށަހަޅައި ޓެސްޓު ހެދުމުގެ އިންތިޒާމުތައް ހަމަޖައްސާފައެވެ. 

އިލެކްޝަންސް ކޮމިޝަނުން ވަނީ ކައުންސިލް އިންތިޚާބުގެ މަސައްކަތަށް 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނުކޮށްފައެވެ. 

ވޯކް-އިން އިންޓަވިއުތަކަށް ފަހު، ދެން އޮންނާނީ ފޯމުތައް އިވެލުއޭޓްކޮށް މަޤާމްތަކަށް މީހުން ނެގުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު