ENGLISH

20 ޖޫން 2026

Advertisement

އޮސްޓްރޭލިއާ ބަލިކޮށް އެމެރިކާ ދެވަނަ ބުރަށް

20 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި އޮސްޓްރޭލިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު އެމެރިކާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ދެވަނަ ބުރަށް އެމެރިކާ ދަތުރުކޮށްފިއެވެ. މި މުހިންމު ކާމިޔާބީ އެމެރިކާއިން ހޯދީ އެ ޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއަން ޕުލިސިކް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުއްޓައެވެ.

މިއީ އެމެރިކާގެ ފުޓްބޯޅަ ތާރީޚުގައި އެންމެ ދެ މެޗަށްފަހު ނޮކްއައުޓް ބުރުން ޖާގަ ކަށަވަރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1994 ވަނަ އަހަރު އެމެރިކާގައި މުބާރާތް ބޭއްވިއިރު، އެ ޓީމު ދެވަނަ ބުރަށް ދިޔައީ ގްރޫޕުތަކުގެ ތިންވަނައަށް ދިޔަ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. އެ ފަހަރު ގަދަ 16 ގެ ބުރުގައި އެމެރިކާ ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބްރެޒިލް އަތުންނެވެ.

އޭސީ މިލާނަށް ކުޅޭ އަދި ގައުމީ ޓީމަށް ކުޅުނު 87 މެޗުގައި 33 ލަނޑު ޖަހާފައިވާ ޕުލިސިކަށް މިރޭގެ މެޗުގައި ނުކުޅެވުނީ އޭނާގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

ވޯލްޑް ކަޕުގައި އެމެރިކާ އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ޕުލިސިކް ނެތް ނަމަވެސް ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހުން ފާޅުކުރަމުން، ޕެރަގުއޭ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ދެ ލަނޑު ޖެހި ފޯލަރިން ބަލޮގަން ބުނީ، ޕުލިސިކަކީ ޓީމަށް ވަރަށް މުހިންމު، ހުނަރުވެރި ލީޑަރެއް ކަމަށެވެ. އަދި އޭނާ ނެތް ނަމަވެސް، އެމެރިކާ ޓީމަކީ ނަތީޖާ ނެރުމުގެ ގާބިލުކަން ހުރި ޓީމެއްކަން މި މެޗުން ސާބިތުކޮށްދީފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ސިއެޓްލް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު އެމެރިކާއިން ކާމިޔާބުކުރީ 11 ވަނަ މިނެޓުގައެވެ. ބަލޮގަން އަރިމަތިން ހުރަސްކުރި ބޯޅަ، ޕުލިސިކުގެ ބަދަލުގައި ކުޅެން ނުކުތް ރިކާޑޯ ޕެޕީއަށް ލިބުމުގެ ކުރިން، އޮސްޓްރޭލިއާގެ ޑިފެންޑަރު ކެމަރަން ބާގަސްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަނީއެވެ.

އެމެރިކާ ޓީމުގެ އެންމެ ޒުވާން ކުޅުންތެރިޔާ، އުމުރުން 21 އަހަރުގެ އެލެކްސް ފްރީމަން ވަނީ މެޗުގެ 43 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެލެކްސް މި ލަނޑު ޖެހީ ސާޖީނިއޯ ޑެސްޓް ފޮނުވާލި ހަމަލާއެއް، ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ވޯލްޑް ކަޕުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މި ލަނޑު އެންމެ ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، ލަނޑު ގަބޫލުކުރީ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހުއެވެ.

އެމެރިކާއިން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ 6 ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރިއިރު، އެ ޓީމުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު އޮންނާނީ މި މަހުގެ 25 ގައި ތުރުކީއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު