ENGLISH

20 ޖޫން 2026

Advertisement

އެންމެ އަވަސް ލަނޑާއެކު ސްކޮޓްލެންޑް އަތުން މޮރޮކޯއަށް މޮޅެއް

20 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ސްކޮޓްލެންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު މޮރޮކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސީގައި މިރޭ ކުޅުނު މެޗުގައި ސްކޮޓްލެންޑުގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައި، މި ގްރޫޕުގެ އެއްވަނައަށް މޮރޮކޯ ޖެހިލައިފިއެވެ.

މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށް އެންމެން ހައިރާންކޮށްލި އުތުރު އެފްރިކާގެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލްއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަނެއްކޮޅުން މި ގްރޫޕުގައި ސްކޮޓްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 1-0 ގެ ނަތީޖާއަކުން ހައިޓީ ބަލިކޮށްފައެވެ.

ބޮސްޓަން ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ 71 ވަނަ ސިކުންތުގައި އިސްމާއިލް ސައިބާރީ ޖެހި ލަނޑުން، މޮރޮކޯއިން ވަނީ މި މެޗު ކާމިޔާބުކޮށްފައެވެ. ބްރަހީމް ޑިއާޒް ނެގި ހުރަހަކަށް، ސްކޮޓްލެންޑުގެ ޑިފެންޑަރު ގްރާންޓް ހޭންލީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ސައިބާރީ ވަނީ ހުށިޔާރުކަމާއެކު މި ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕުގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައިވާ މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީއާ ދެކޮޅަށް ސްކޮޓްލެންޑުގެ ސަޕޯޓަރުން އަޑުއުފުލަމުން ދިޔަ ނަމަވެސް، މޮރޮކޯއިން ވަނީ ދެވަނަ ލަނޑެއް ޖެހުމާ ވަރަށް ގާތަށް ގޮސްފައެވެ. އަޒްއެދިން އޫނާހީ ދިން ބޯޅައަކަށް ގޯލް ކުރިމަތީގައި ތިބި މޮރޮކޯގެ ދެ ކުޅުންތެރިއަކަށް ރަނގަޅަށް ފައި ނުލެއްވުމުން، އެ ފުރުސަތު ގެއްލުނީއެވެ.

ވޯލްޑް ކަޕުގައި މޮރޮކޯ އާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

މޮރޮކޯއިން ބޯޅަ ހޯދައިގެން ރީތި ކުޅުމެއް ދައްކަމުން ދިޔައިރު، ބިލާލް އެލް ޚާނޫސް ވަނީ 36 ވަނަ މިނެޓުގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް މޮރޮކޯއިން މެޗު ޑޮމިނޭޓުކުރިއިރު، ސައިބާރީ ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުނެވެ. އަދި އެލް ޚާނޫސް ބޮލުން ފޮނުވާލި ހަމަލާއެއް ސްކޮޓްލެންޑްގެ ގޯލްކީޕަރު އެންގަސް ގަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފަހުކޮޅު ސްކޮޓްލެންޑުން ނަތީޖާ އެއްވަރު ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ބައެއް ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް، މޮރޮކޯގެ ދިފާއު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މިހާތަނަށް ކުޅުނު ދެ މެޗުން މޮރޮކޯއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުގެ ކުރިއަށް އޮތް މެޗުގައި ބުދަ ދުވަހު ބައްދަލުކުރާނީ ހައިޓީއާއެވެ. ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ ސްކޮޓްލެންޑުން ފަހު މެޗުގައި ނުކުންނާނީ ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު