ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ބޮޑެތި މައްސަލަތަކުގައި ކާމިޔާބީ ހާޞިލްކޮށްދިނުމަށް ފުލުހުންނަށް، ވަޒީރު އިޙްސާން އިލްތިމާސްކުރައްވައިފި

31 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ވަޒީރު އިޙްސާން ޝަރަފްވެރިކޮށްދެއްވަނީ. ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ދިވެހި ފުލުހުންގެ ޚިދުމަތަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާތަކުގެ އިތުރުން، ވަކިން ޚާއްޞަކޮށް ޤައުމުގައި ހުރި ޖިނާޢީ ބޮޑެތި މައްސަލަތައް ޙައްލުކޮށްދެއްވުމުގައި ކާމިޔާބީ ޙާޞިލްކޮށްދެއްވުމަށް، ފުލުހުންގެ ކިބައިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިފަދައިން އިލްތިމާސްކުރެއްވީ ރޭ ދ. ވާނީގައި އޮތް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ އަޅުގަނޑުމެން އެންމެންނަކީ ދިވެހި ރައްޔިތުންގެ ތެރެއިންވާ ޚާއްޞަ ބާރުތަކަކާއި އިމްތިޔާޒުތަކަކާ އަދި ޒިންމާތަކެއް ޙަވާލުކުރެވިފައި ތިބި ދިވެހި ރައްޔިތުން ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން އެގޮތުގަ، އަޅުގަނޑުމެންނަކީ ވެސް ރައްޔިތުން ކަމަށް ދެކިގެން އަދި އަޅުގަނޑުމެންގެ ޚިދުމަތް ދެމުންދަނީ އަޅުގަނޑުމެންގެ ތެރެއިން ރައްޔިތުންނަށް ކަމަށް ޤަބޫލުކޮށްގެން، އެފަދަ ފެންވަރު ރަނގަޅު އިހުލާސްތެރި އަދި ރަހުމަތްތެރިކަމާއެކު ހިނިތުންވުމާއެކު ދެވޭ ޚިދުމަތެއްގެ ގޮތުގަ މި ޚިދުމަތް ބައްޓަންކޮށް ޚިދުމަތް ދިނުމުގަ ކޮންމެ ދުވަހަކުވެސް އުޅުމަކީ އަޅުގަނޑު ތިބޭފުޅުންގެ ފަރާތުން ސަރުކާރުގެ ފަރާތުން އެދެން އޮތް އެދުން" - ވަޒީރު ޢަލީ އިޙްސާން

ވަޒީރު އިޙްސާން ވިދާޅުވީ، ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި އޮތް ގޮންޖެހުން ބޮޑު ކަންކަން ރާއްޖޭގައި ވެސް ހިނގަމުންދާ ކަމަށެވެ. އެގޮތުން މައިގަނޑު ހަތަރު މައްސަލައެއް ފާހަގަކުރައްވައި ވަޒީރު އިލްތިމާސްކުރެއްވީ އެ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި ފުލުހުން ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށެވެ.

ވަޒީރު ވިދާޅުވީ، ޑްރަގްގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމާއި، ގޭންގު ހަދައިގެން ކުށުގެ މާޙައުލުގައި އުޅެ ކުށަށް އަރައިގަތުމާއި، ނުޤަވައިދުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުން އަދި ކުޑަކުދިން ކުށުގެ މާޙައުލުގައި އުޅެމުންދާދިއުން އެއްކޮށް ޙައްލުކުރުމަކީ ފުލުހުންގެ ޚިދުމަތާ ގުޅޭ ކުދިން ކޮންމެހެން ޒިންމާވާންޖެހޭ ކަންތައްތަކެއް ކަމަށެވެ.  

"މިކަންކަމުން ކުރިއަށް މިއޮތް އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް ކާމިޔާބީ ޙާޞިލްކޮށްދިނުމަކީ އަޅުގަނޑު ތި ފުލުހުންގެ ފަރާތުން އެދޭ ހާއްސަ އެދުމެއް" - ވަޒީރު ޢަލީ އިޙްސާން

ފުލުހުންގެ ކޮންމެ އޮފިސަރަކީ ނަޒާހާތްތެރިކަމާއެކު މަސައްކަތްކުރާ އޮފިސަރަކަށް ވާންޖެހޭއިރު، އަބުރާއި ޢިއްޒަތް ގަތުމަށް ބައެއް ޙާލަތްތަކުގައި ބައެއް ފަރާތްތަކުން މަސައްކަތްކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެފަދަ ޙާލަތުގައި ފުލުހުންގެ މުއައްސަސާގެ ކަރާމަތް ހިފަހައްޓައި ނޫނެކޭ ބުނުމަށް ފުލުހުންގެ ކިބައިން ވަޒީރު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ފުލުހުންގެ ކިބައިން އެދޭ އެދުމަކީ މިފަދަ ކަމަކަށް ފުލުހުންގެ ސަފުތަކުގެ ތެރެއިން އެއްވެސް ޖާގައެއް ނުދިނުން" -  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން

ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ފުލުހުންނަށް ބޭނުންވާ ވަޞީލަތްތައް ފަހިކޮށްދިނުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެ ހުރިހާ ކަމެއް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަނީ އެންމެ އެދެވޭ ޚިދުމަތެއް ފުލުހުންގެ ފަރާތުން ހޯދައިދިނުމަށް ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ހުރިހާ ދަސްވެނީންނަށް މަރުޙަބާ ދަންނަވައި، ފުލުހުންގެ ޚިދުމަތަށް ނުކުތުމަކީ ޤައުމީ ޚިދުމަތެއް ކަމަށް ވިދާޅުވެފައެވެ. އަދި، ދަރިވަރުން ފުލުހުންގެ ޚިދުމަތަށް ނެރުމަށް ބެލެނިވެރިން ކުރި މަސައްކަތަށް ވަޒީރު އިޙްސާން ޝުކުރުދެއްނެވިއެވެ. ވަޒީރު ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ފަދަ ޚިދުމަތަކަށް ދަރިއަކު ނެރުމަކީ ބެލެނިވެރިއަކަށް ކުރެވޭނެ އެންމެ ބޮޑު ޤައުމީ ޚިދުމަތް ކަމަށެވެ.

ދ. ވާނީގައި ކޯސް ކުރިއަށްގެންދިޔައީ އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފުލުހންގެ އަސާސީ ތަމްރީނު ކޯހުގައި 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުންނާއެކު ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވެއެވެ. އަދި 116 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ.  

ކިޔުންތެރިންގެ ހިޔާލު