ENGLISH
19 ޖޫން 2025
ޔުވެންޓަސް އަށް ފަސޭހަ މޮޅެއް، ސިޓީން ފެށީ މޮޅަކުން
19 ޖޫން 2025
|
ޔުވެންޓަސްއާ އަލް-އައިން ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް
މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ޔުވެންޓަސް ފަސޭހަކަމާއެކު ޔޫއޭއީގެ އަލް-އައިން އަތުން މޮޅުވިއިރު، މެންޗެސްޓަރ ސިޓީން ވެސް މޮޅަކާއެކު ފަށައިފިއެވެ.
މުބާރާތުގެ ގްރޫޕް ޖީ ގައި ހިމެނޭ ޔުވެންޓަސް ވަނީ އަލް-އައިން އަތުން 5-0 އިން މޮޅުވެފައެވެ. މޮރޮކޯގެ ވިދާދް ކަސަބްލަންކާ އަތުން ސިޓީ މޮޅުވީ 2-0 އިންނެވެ.
މި ނަތީޖާއާއެކު، ގްރޫޕް ޖީ ގެ އެންމެ ކުރީގައި އުޅެނީ ޔުވެންޓަސް އާއި ސިޓީ އެވެ. ޔުވެންޓަސް އެއްވަނައިގައި އުޅެނީ ލަނޑުގެ ތަފާތުންނެވެ. ސިޓީ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އުޅޭ ކަސަބްލަންކާ އާއި ފުލުގައި އޮތް އަލް-އައިން އަށް ޕޮއިންޓެއްނުލިބެއެވެ.
ވޮޝިންގޓަންގެ އައުޑީ ފީލްޑްގައި ކުޅުނު މެޗު ފެށިގެން ޔުވެންޓަސް އިން ޑޮމިނޭޓްކޮށްފައިވާއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ހަތަރު ލަނޑުޖަހައިފައެވެ.
މެޗު ފެށިތާ 11 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ފްރާންސްގެ ފޯވާޑް، ރެންޑަލް ކޯލޯ މުއާނީ އެވެ. އޭގެފަހުން، މެޗުގެ 21 ވަނަ މިނެޓުގައި ފްރާންސިސްކޯ ކޮންސެސާއޯ ލަނޑެއްޖަހައި، ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައިވަނިކޮށް، ކެނާން ޔިލްޑީޒް ވަނީ އޭގެ 10 މިނެޓުފަހުން އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކޯލޯ މުއާނީ ޖެހި ގޯލާއެކު ޔުވެންޓަސް އިން ނިންމާލީ ހަތަރު ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
މެޗުގައި ޔުވެންޓަސް އިން ޖެހި ފަސްވަނަ ލަނޑު، 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޮންސެސާއޯ އެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ސިޓީ މޮޅުވިއިރު، އެ މެޗުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ފިލް ފޮޑެން އާއި ޖެރެމީ ޑޮކޫ އެވެ.
ސިޓީން މި މެޗަށް ގިނަ ބަދަލުތަކާއެކު ކުޅެން ނިކުތްއިރު، މެޗު ނިމެންދަނިކޮށް އެ ޓީމުގެ ޒުވާން ޑިފެންޑަރު، ރިކޯ ލުވިސް އަށް ސީދާ ރަތް ކާޑެއް ދެއްކުމުން ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.