ENGLISH

19 ޖޫން 2025

Advertisement

އަލް ހިލާލްގެ މައްޗަށް، ރެއާލް އަށް މޮޅެއް ނުވެވުނު

19 ޖޫން 2025

|

އިސްމާއީލް ރާތިއު

ގޮންޒާލޯ ގާސިއާ، ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ-- ފޮޓޯ: ރެއާލް މެޑްރިޑް

ފީފާ ކްލަބް ވޯލްޑް ކަޕުގައި ރޭ، ސަޢޫދީ އަރަބިއާގެ އަލް ހިލާލް އަދި ޔޫރަޕުގެ ރަސްގެފާނު، ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު، 1-1 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.

މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުންވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރުސަތުތަކުގެ ބޭނުން، މާ އެދެވޭ ގޮތަކަށް ހިފިފައެއް ނުވެއެވެ. އެގޮތުން އަލް ހިލާލުން ފޮނުވާލި 10 ޝޮޓުގެ ތެރެއިން އަށް ޝޮޓު ގޯލާ އަމާޒުވެސް ނުވެއެވެ. ރެއާލުން ޖުމްލަ 16 ޝޮޓު ފޮނުވާލާފައި ވާއިރު، އޭގެތެރެއިން އަށް ޝޮޓު ގޯލާ އަމާޒެއް ނުވެއެވެ. މެޗުގައި 55 އިންސައްތަ ބޯޅަ ހިފަހައްޓާފައި ވަނީ އަލް ހިލާލުންނެވެ.

ޒަބީ އެލޮންސޯގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނު ފުރަތަމަ މެޗު ކުޅެން ޖެހުނީ، ހޫނުގެ އަސަރުކުރުމުގެ ސަބަބުން ފްރާންސްގެ ފޯވާޑް، ކިލިއަން އެމްބާޕޭ ނުލައެވެ. ކުރިއަށް އޮތް މެޗުގައިވެސް އޭނާއަށް ކުޅެވޭނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް މި ޓްރާންސްފަރ މާކެޓުގައި ޓީމާއި އަލަށް ގުޅުނު ދެ ޑިފެންޑަރުން ކަމަށްވާ އިނގިރޭސިވިލާތުގެ ޓްރެންޓް އެލެކްޒެންޑަރ-އާނޯލްޑް އަދި ސްޕެއިންގެ ޑީން ހޮއިސަން ވަނީ މެޗުގައި ކުޅެފައެވެ.

މެޗުގެ 34 ވަނަ މިނެޓުގައި، ފުރަތަމަ ލަނޑު ޖަހާ، ރެއާލްއަށް ލީޑު ނަގައިދިނީ އެމްބާޕޭގެ ބަދަލުގައި ކުޅެން އެރުވި ރެއާލް މެޑްރިޑްގެ ޒުވާން ޓީމު (ރެއާލް މެޑްރިޑް ކަސްޓިއާ) ގެ ފޯވާޑް، ގޮންޒާލޯ ގާސިއާ އެވެ. މިއީ، ރޮޑްރީގޯ ނަގައިދިން ހުރަހަކުން އޭނާ ޖެހި ލަނޑެކެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން، ރެއާލްގެ ޒުވާން ޑިފެންޑަރު، ރައުލް އެސެންސިއޯ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީގެ ފައިދާ ނަގާ، އަލް ހިލާލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ރައޫލް ނެވޭޒް އެވެ. މެޗު ނިމެން ދަނިކޮށް ރެއާލްއަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ފެޑެރިކޯ ވަލްވަރޑޭ ފޮނުވާލި ޕެނަލްޓީ، އަލް ހިލާލްގެ ގޯލްކީޕަރު، ޔާސީން ބޮނޫ، މަތަކުރީއެވެ.

މި ދެ ޓީމު ހިމެނޭ ގްރޫޕް އެޗްގައި ދެން ކުޅުނު މެޗުގައި، އޮސްޓްރިއާގެ ސަލްޒްބަރގް ވަނީ މެކްސިކޯގެ ޕަޗޫކާ، 0-3 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އެހެންކަމުން ތިން ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައި އޮތީ ސަލްޒަބަރގް އެވެ. ދެވަނަ އަދި ތިންވަނައިގައި އޮތީ ރެއާލް އަދި އަލް ހިލާލް އެވެ. 

މި ގުރޫޕުގެ މެޗުތައް ދެން ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު، ރެއާލް މެޑްރިޑް ނުކުންނާނީ ޕަޗޫކާއާ ދެކޮޅަށެވެ. އަލް ހިލާލް ނުކުންނާނީ ސަލްޒްބަރގްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު