ENGLISH
17 ޖޫން 2025
ޗެލްސީއާ އެލްއޭ އެފްސީގެ ކުރިމަތިލުން: ޖިރޫޑް ނުކުންނާނީ ކުރީގެ ޓީމާ ދެކޮޅަށް
16 ޖޫން 2025
|
އޮލިވިއަރ ޖިރޫޑް، މިރޭ ނުކުންނާނީ ކުރީގެ ޓީމާ ދެކޮޅަށް.-- ފޮޓޯ: ޗެލްސީ ވެބްސައިޓު
ކްލަބް ވޯލްޑް ކަޕުގައި މިރޭ ޗެލްސީ އަދި އެލްއޭ އެފްސީ ބައްދަލުކުރާ މެޗު ވެގެންދާނީ، ފްރާންސްގެ ފޯވާޑް، އޮލިވިއަރ ޖިރޫޑަށް ޚާއްޞަ މެޗަކަށެވެ. އެއީ، އޭނާ މިރޭ ކުޅެން ޖެހޭނީ އޭނާ ކުރިން ކުޅެފައިވާ ކުލަބަކާއި ދެކޮޅަށް ކަމަށް ވާތީއެވެ.
އެގޮތުން އޭނާ ވަނީ ޗެލްސީގައި 119 މެޗު ކުޅެ، 39 ލަނޑު ޖަހާ، 14 ލަނޑު ޖެހުމަށް އެހީވެފައެވެ. މި ދުވަސްވަރު ޖިރޫޑް ހޯދާފައިވާ ކާމިޔާބީ ތަކަށް ބަލާއިރު، 2021 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގު، 2019 ވަނަ އަހަރު ޔުއެފާ ޔޫރޮޕާ ލީގު، އަދި 2018 ވަނަ އަހަރުގެ އިނގިރޭސި އެފްއޭ ކަޕު ކާމިޔާބުކޮށްފައިވުން ފާހަގަ ކޮށްލެވެއެވެ.
މިރޭގެ މެޗު ވެގެންދާނީ ދެ ޗެމްޕިއަނުންގެ ގަދަހިފުމަކަށެވެ. ޗެލްސީއަކީ މިދިޔަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަނުންނެވެ. އަދި އެލްއޭ އެފްސީއަކީ 2024 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކަޕުގެ ޗެމްޕިއަނުންނެވެ. ނަމަވެސް ލޯކަލް މުބާރާތްތަކަށް ބަލާއިރު، ދެޓީމަށްވެސް ފަހުގެ ތާރީޚެއްގައި މާ ބޮޑު ކާމިޔާބޯއެއް ހޯދިފައެއް ނުވެއެވެ. ޗެލްސީއަށް ބަލާއިރު، އެޓީމުން މިދިޔަ ސީޒަން ނިންމާލީ ލީގު ތާވަލުގެ ހަތަރު ވަނައިގަ އޮވެއެވެ. އަދި އެލްއޭ އެފްސީ އުޅެނީ ތާވަލުގެ ފަސްވަނައިގައެވެ.
މި މުބާރާތަށް ކުރިމަތިލުމުގެ ކުރިން ދެޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، އެލްއޭ އެފްސީ ވަނީ ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ދެ މެޗުން ބަލިވެފައެވެ. އަދި ޗެލްސީ ވަނީ ހަތަރު މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފައެވެ.
މި މެޗަށް އެލްއޭ އެފްސީ ނުކުންނަ އިރު، އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކަށް ވާނީ ގަބޯން ގަބޯންގެ ފޯވާޑު، ޑެނިސް ބޮއަންގާއެވެ. އޭނާ ވަނީ މިހާތަނަށް އެމްއެލްއެސް ގައި އަށް ލަނޑު ޖަހާ، ފަސް ލަނޑު ޖަހަން އެހީވެފައެވެ. މީގެ އިތުރަށް، ޓީމުގެ ފަހަތުން ސެރޖީ ޕެލެންސިއާ އަދި ރަޔަން ހޮލިންގްޝީޑް ވެސް މުހިންމު ދައުރެއް އަދާކުރާނެއެވެ.
ޗެލްސީ ޓީމަށް ބަލާއިރު، މިޑްފީލްޑަރުން؛ ކޯލް ޕާމަރ، އެންޒޯ ފެނާންޑޭޒް ގެ އިތުރުން ފޯވާޑް ނިކޮލަސް ޖެކްސަން، ޓީމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.
މިމެޗު ކުޅޭނީ ރާއްޖެ ގަޑިން މިރޭ މެންދަމު 12:00 ގައެވެ.