ENGLISH

12 ޖުލައި 2025

Advertisement

އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ޕީއެސްޖީން ފެށުން ރަނގަޅުކޮށްފި

16 ޖޫން 2025

|

އިސްމާއީލް ރާތިއު

މެޗުގައި ގޯލު ޖެހުމަށްފަހު ޕީއެސްޖީ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ: ބީއިން ސްޕޯޓްސް

ފީފާ ކްލަބް ވޯލްޑްކަޕުގައި ރޭ، ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ބަލިކޮށް، އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަން، ފްރާންސްގެ ޕެރިސް ސެއިން ޖަރމަން (ޕީއެސްޖީ) އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ޕެސެޑީނާގައި ހުންނަ ރޯޒް ބޯލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކޮށްފައި ވަނީ 0-4 ގެ ތަފާތަކުންނެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީވެސް އެ ޓީމުންނެވެ. މި މެޗުގައި ޕީއެސްޖީން، އެތުލެޓިކޯގެ ގޯލަށް އަމާޒުކޮށް 11 ހަމަލާ ފޮނުވާލާފަވާއިރު، އެތުލެޓިކޯއަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.

ޕީއެސްޖީގެ ލަނޑުތަކަށް ބަލާއިރު، މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފަބިއަން ރުއިޒް އެވެ. ދެވަނަ ލަނޑަކީ މި ވަގުތު ދުނިޔޭގަ ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕޯޗުގަލްގެ ވިޓީނިއާ، ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވުމުން އިތުރަށް ދެއްކި ހަތަރު މިނެޓުގެ ތެރެއިން ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑެކެވެ.

އެ ޓީމުގެ ފަހު ދެ ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ މެޗުގެ އެންމެ ފަހު ވަގުތުތަކުގަ އެވެ. އެގޮތުން މެޗުގެ 87 ވަނަ މިނެޓުގައި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސްގެ 19 އަހަރުގެ ޒުވާން ކުޅުންތެރިޔާ، ސެނީ މަޔޫލޫ އެވެ. ފަހު ލަނޑު ޖެހީ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ދެކުނު ކޮރިއާގެ ލީ ކަންގް-އިން އެވެ.

ފަހަކަށް އައިސް ދަށް ކުޅުމެއް ދައްކަމުން އަންނަ ފްރާންސްގެ އެންޓޮއިން ގްރީޒްމަން އަށް މި މެޗު ވެސް ނިންމާލަން ޖެހުނީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެންކަމުން މިއީ ޖެހިޖެހިގެން އޭނާއަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިންމާލަން ޖެހުނު 17 ވަނަ މެޗެވެ. މެޗުގެ ފުރަތަ ހާފު ނިމުނުއިރު، އެންމެ މަދުން ބޯޅަ ލިބުނު ކުޅުންތެރިޔަކީވެސް ގްރީޒްމަންއެވެ.

މި މެޗަށްފަހު މި މަހުގެ 20 ވަނަ ދުވަހު އެތުލެޓިކޯ ނުކުންނާނީ އެމެރިކާގެ ސިއާޓްލް ސައުންޑަރސް އެފްސީއާ ދެކޮޅަށެވެ. އަދި ޕީއެސްޖީ ނުކުންނާނީ ބްރެޒިލްގެ ބޮޓަފޯގޯ އެފްއާރްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު