ENGLISH
18 ޖޫން 2025
ޤައުމީ ކެރަމް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
17 ޖޫން 2025
|
މިދިޔަ އަހަރުގެ ޤައުމީ ކެރަމް މުބާރާތުގެ ތެރެއިން. ފޮޓޯ: އެސްއެން ކެރަމް އެކަޑެމީ
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ، ތިރީސް ހަތަރުވަނަ ޤައުމީ ކެރަމް މުބާރާތުގެ ސީނިއާ ކުޅުންތެރިންގެ ބައިގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މަހުގެ 30 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މި ފަހަރުގެ މުބާރާތުގައި ވެސް އެއްވަނަ އަދި ދެވަނަ ޑިވިޝަނުގެ ކުޅުން ކުރިއަށްދާނެ އެވެ. ދެ ޑިވިޝަނުގައި ވެސް ސިންގަލްސް، ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓް ހިމެނޭނެ އެވެ. މުބާރާތުގެ ޓީމް އިވެންޓް ކުރިއަށްދާނީ ދެ ޑިވިޝަން އެއްކޮށެވެ.
ދެވަނަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ވެސް ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. އެއްވަނަ ޑިވިޝަނުގެ ސިންގަލްސް އިވެންޓް ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާއިރު، ޑަބަލްސް އާއި މިކްސް ޑަބަލްސް ކުޅުން ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ.
މުބާރާތުގައި ބައިވެރިވުމުގެ އިންޑިވިޖުއަލް ފީއެއްގެ ގޮތުގައި ކޮންމެ ކުޅުންތެރިއަކު 150ރ. (ސަތޭކަ ފަންސާސް ރުފިޔާ) ދައްކަން ޖެހޭނެ ކަމަށާއި، ޓީމް އިވެންޓް ބައިގައި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި 1,500ރ. (އެއް ހާސް ފައްސަތޭކަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ސީއޭއެމް އިން މަޢުލޫމާތު ދެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 10 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށާއި، އޭގެ ދެ ދެވަސްފަހުން މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ 8 ގައި މާލޭ ކެރަމް ހޯލުގައި މުބާރާތުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސީއޭއެމް އިން ވަނީ ބުނެފައެވެ.