ENGLISH

12 ޖުލައި 2025

Advertisement

ޕާޓް-ޓައިމް ކުޅުންތެރިން ހިމެނޭ އޯކްލޭންޑް އަތުން ބަޔާނަށް ރެކޯޑް މޮޅެއް

16 ޖޫން 2025

|

މުޙައްމަދު އަދުހަމް

އޯކްލޭންޑާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ ސްކޯ ބޯޑު ފެންނަ ފޮޓޯއެއް. ފޮޓޯ: އޭޕީ

ޕާޓް-ޓައިމް ކުޅުންތެރިން ހިމެނޭ ނިއު ޒީލެންޑްގެ އޯކްލޭންޑް ސިޓީއާ ދެކޮޅަށް 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޯދީ ރެކޯޑް މޮޅާއެކު ޖަރުމަންގެ ޗެމްޕިއަން، ބަޔާން މިއުނިކުން ފީފާ ކްލަބް ވޯލްޑް ކަޕް ފަށައިފިއެވެ.

މިއީ ކްލަބް ވޯލްޑް ކަޕްގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އަދި، މިއީ އެ މުބާރާތުގައި ޓީމަކުން ހަތް ލަނޑަށްވުރެ އިތުރު ގޯލްޖެހި ފުރަތަމަ ފަހަރު ވެސް މެއެވެ. މީގެކުރީން، ކްލަބް ވޯލްޑް ކަޕުގައި ފެނިގެންގޮސްފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާއަކީ 2022 ވަނަ އަހަރުގެ މުބާރާތުގައި އަލް ހިލާލުން 6-1 އިން އަލް ޖަޒީރާ ބަލިކުރި މެޗެވެ.

މިދިޔަ ހަތަރު އަހަރުގެ އޯޝެނިއާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ އޯކްލޭންޑުން މި ފަހަރުގެ މުބާރާތަށް ނިކުތީ ޓީޗަރުންނާއި، ކިޔަވާކުދިންގެ އިތުރުން އެސްޓޭޓް އޭޖެންޓުން ހިމެނޭ ގޮތަށް ގިނަ އަދަދަކަށް ޕާޓް-ޓައިމް ވަޒީފާ އަދާކުރާ ކުޅުންތެރިންނާއެކު އެވެ.

ބަޔާންއާ ދެކޮޅަށް ނިކުތް އޯކްލޭންޑްގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން. ފޮޓޯ: ގެޓީ އިމޭޖަސް

ސިންސިނާޓީގައި ހުންނަ ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ހަ ލަނޑުޖަހައިފައެވެ. އަދި، ދެވަނަ ހާފުގައި އިތުރު ހަތަރު ލަނޑުޖެހިއެވެ.

މެޗު ފެށިގެން ހަވަނަ މިނެޓުގައި ބަޔާނުން ލީޑު ނެގީ ކިންގްސްލީ ކޯމަންގެ ގޯލުންނެވެ. އޭގެފަހުން، ޝާޝާ ބޯއޭ އާއި މައިކަލް އޮލީސޭ ޖެހި ލަނޑާއެކު ބަޔާނުން ވަނީ ފުރަތަމަ ވިއްސަކަށް މިނެޓުގެ ތެރޭގައި 3-0 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.

އަދި، އޭގެފަހުން، ކޯމަން އާއި ތޯމަސް މުލާ އަދި އޮލީސޭގެ ގޯލާއެކު އެ ޓީމުން ހާފު ނިންމާލީ 6-0 އިން ކުރީގަ އޮވެގެންނެވެ.

އޯކްލޭންޑް ކޮޅަށް ލަނޑުޖެހުމަށްފަހު ބަޔާންގެ މުލާ (ވ) އާއި މުސިއާލާ އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

ދެވަނަ ހާފުގައި ބަޔާނުން ކާމިޔާބުކުރި އަނެއް ހަތަރު ލަނޑުގެ ތެރެއިން ތިން ގޯލުޖަހައިދިނީ ޖަރުމަންގެ މިޑްފީލްޑަރު، ޖަމާލް މުސިއާލާ އެވެ. ފަހު ހާފުގައި ކުޅެން ނިކުތް މުސިއާލާގެ ހެޓްރިކް ފުރިހަމަކުރީ 17 މިނެޓުގެ ތެރޭގައެވެ. މިއީ އަނިޔާގެ ސަބަބުން ބުންޑެސްލީގާގެ ފަހު ހަ މެޗުގައި ނުކުޅެވުނު މުސިއާލާ އަނިޔާއިން އެނބުރިއައިސް ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި ބަޔާނުން ޖެހި 10 ވަނަ ގޯލަކީ، ސާޖް ނެބްރީ ދިން ބޯޅައަކުން މުލާ ކާމިޔާބުކުރި ގޯލެކެވެ.

މުބާރާތުގެ ގްރޫޕް ސީ ގައި ބަޔާން އާއި އޯކްލޭންޑްގެ އިތުރުން ދެން ހިމެނެނީ؛ އާޖެންޓީނާގެ ބޮކާ ޖޫނިއާސް އާއި ޕޯޗުގަލްގެ ބެންފީކާ އެވެ.

ކިޔުންތެރިންގެ ހިޔާލު