ENGLISH
16 ޖޫން 2025
ރާއްޖޭގެ ޒުވާން ބީޗް ވޮލީބޯލް ޓީމު ސަރަހައްދީ މުބާރާތަކަށް
15 ޖޫން 2025
|
ރާއްޖޭގެ ބީޗް ވޮލީބޯލް ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ރާއްޖޭގެ 21 އަހަރުން ދަށުގެ ބީޗް ވޮލީބޯލް ޓީމު "އޭޝިއަން 21 އަހަރުން ދަށުގެ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕް" ގައި ވާދަކުރުމަށް ހަމަޖެހިއްޖެއެވެ.
މި ޖޫން މަހުގެ 18 އިން 22 ގެ ނިޔަލަށް ތައިލެންޑްގައި ބާއްވާ މި ފަހަރުގެ ސަރަހައްދީ ބީޗް ވޮލީބޯލް މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމުގެ ފަރިތަކުރުންތައް މީގެ ދެ މަހެއްހާ ދުވަސްކުރީން ވަނީ ފަށައިފައެވެ.
ތައިލެންޑް މުބާރާތަށް ޒުވާން ޓީމު ފުރުމުގެ ކުރީން، ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފައިވަނީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޖާޒީ ހަވާލުކޮށްދެއްވާފައިވަނީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ. މީގެއިތުރުން، ކުޅިވަރު ވުޒާރާ އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިސްފަރާތްތައް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުބާރާތުގައި ވާދަކުރާ ޤައުމީ ބީޗް ވޮލީބޯލް ޓީމާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ، އެ ޓީމަށް ހިތްވަރު ދެއްވާފައެވެ. އެގޮތުން، ވަޒީރު ދެއްކެވި ވާހަކައިގައި ވަނީ، ޓީމެއްގެ ގޮތުގައި ރަނގަޅު ޑިސިޕްލިންއާއެކު މުބާރާތުގެ ހުރިހާ ކަމެއް ކުރިއަށްގެންދިއުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމާއެކު ވަޒީރު ރާފިޢު (މ) ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ވަޒީރު އިތުރަށް ވިދާޅުވީ، ވަގުތަށް ފަރުވާތެރިވުމާއި، ކޯޗުންގެ އިރުޝާދާ އެއްގޮތަށް ހުރިހާ ކަމެއް ބައްޓަންކުރުން މުހިއްމު ކަމަށެވެ. އަދި، ޤައުމީ ޓީމް ތަމްސީލްކުރަން ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް ކުޅިވަރުގެ ރިވެތި އަހުލާގާއި، ޤައުމީ ރޫޚާއެކު ކުޅުމަށް ކުޅުންތެރިންގެ ކިބައިން ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ތައިލެންޑް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭ ޓީމުގެ ފަރިތަކުރުންތައް ބާއްވާފައިވަނީ ހުޅުމާލޭގައި އޮންނަ ދަނޑުގައެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބީޗް ވޮލީބޯލް ޓީމުގެ ކޯޗަކީ، އަދުނާން ޢަބްދުލް ހަމީދު އެވެ.
މުބާރާތާ ގުޅޭގޮތުން އަދުނާން ބުނީ، ތައިލެންޑްގައި ކުރިއަށް މިއޮތް މުބާރާތުން ބޮޑު ކާމިޔާބީއެއް ނުލިބުނުނަމަވެސް މިއީ ކުރިއަށް ހުރި މުބާރާތްތަކަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ. ހާއްސަކޮށް، މި އަހަރު ބަހްރެއިންގައި ބާއްވާ މުބާރާތުގެ ކުރީން ތައިލެންޑް މުބާރާތުގެ ސަބަބުން ރަނގަޅު ތަޖުރިބާއެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އަދުނާން ވަނީ ބުނެފައެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މިރެ އެވެ.