ENGLISH

12 ޖުލައި 2025

Advertisement

އަންހެން ޓީމަށް ބްރޯންޒް، ފިރިހެން ޓީމަށް ހަތަރުވަނަ

15 ޖޫން 2025

|

މުޙައްމަދު އަދުހަމް

ރާއްޖެއާ ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ސޯޅަ އަހަރުން ދަށުގެ ފީބާ އޭޝިއާ ކަޕް ސާބާ ވިމެންސް ކޮލިފަޔާސްގައި ބަންގްލަދޭޝް ބަލިކޮށް، ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ބްރޯންޒް މެޑެލް ހާސިލްކޮށްފިއެވެ.

މި މެޗުން ރާއްޖެ މޮޅުވީ 86-22 އިންނެވެ.

މާލޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗު ފެށިގެން ފުރަތަމަ ދެ ކުއާޓާގައި ރާއްޖޭން ވަނީ ބަންގްލަދޭޝް އަށް ފުރުޞަތެއްނުދީ ގާތްގާތުގައި ގިނަ ޕޮއިންޓްތަކެއް ސްކޯކޮށް، ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ބޮޑުކޮށްފައެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭން 23-00 އިން ކުރީގަ އޮވެ ނިންމާލިއިރު، ދެވަނަ ކުއާޓާގައި ވެސް 15-01 ގެ ތަފާތަކުން ވަނީ ކުރިހޯދައިފައެވެ.

ފުރަތަމަ ދެ ކުއާޓާއާ ހިލާފަށް ތިންވަނަ ކުއާޓާގައި ބަންގްލަދޭޝް ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މި ކުއާޓާގައި ވެސް ރާއްޖޭން ވަނީ 18-08 އިން ކުރިހޯދައިފައެވެ. އަދި، އެއަށްފަހު ކުޅުނު ހަތަރުވަނަ ކުއާޓާގައި ރާއްޖޭން ވަނީ، 13-30 އިން ކުރިހޯދައި، 40 ވުރެ ބޮޑު ފަރަގަކުން މެޗު ކާމިޔާބުކޮށްފައެވެ.

މެޗުގައި ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ މަރިޔަމް ކައިލީން ޝިރުހާން އެވެ. ކައިލީން ވަނީ 30 ޕޮއިންޓާއެކު، ހަ ރީބައުންޑްނަގައި ހަތް ސްޓީލް ހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ލައިރާ އަހުމަދު ފިރާޝް ވަނީ 12 ޕޮއިންޓާއެކު 20 ރީބައުންޑްނަގައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ.

ކޮލިފައިންގެ ފިރިހެން ކުޅުންތެރިންގެ ބައިގައި ތިންވަނަ ހޮވާ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 75-42 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު