ENGLISH

16 ޖޫން 2025

Advertisement

ބަޔާން އަދި އޯކްލެންޑުގެ ކުރިމަތިލުން: ގިނަ ގޯލުތަކެއް ފެންނާނެ ކަމަށް ބެލެވޭ މެޗެއް

15 ޖޫން 2025

|

އިސްމާއީލް ރާތިއު

ބަޔާން މިއުނިކްގެ ހެރީ ކޭން. މިރޭގެ މެޗުގައި ކޭންގެ ފަރާތުން ގިނަ ގޯލުތަކެއް ފެންނާނެ ކަމަށް ބެލެވޭ. ފޮޓޯ: ގޯލް.ކޮމް

ރޭ ފަތިހު ފެށިގެން ކުރިއަށްދާ ކްލަބް ވޯލްޑް ކަޕުގެ ދެވަނަ މެޗުގައި ރާއްޖެ ގަޑިން މިރޭ 9:00 ގައި ޖަރުމަނު ވިލާތުގެ ބަޔާން މިއުނިކް އާއި ނިއުޒިލޭންޑުގެ އޯކްލެންޑް ސިޓީ ނުކުންނައިރު، މި މެޗުގައި ބަޔާންގެ ފަރާތުން ގިނަ ގޯލުތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

ނިއު ޒީލެންޑު ލީގުގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން ކްލަބް ވޯލްޑް ކަޕުގައި މީގެ ކުރިންވެސް ކުޅެފައިވާ އޯކްލެންޑް ސިޓީއަކީ މި މުބާރާތުގައި ވާދަކުރާ ހަމައެކަނި ނޮން-ޕްރޮފެޝަނަލް ޓީމެވެ. ލީގުގައި ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް މިރޭގެ މެޗުގައި ބަޔާންއާ ދެކޮޅަށް އެމީހުންގެ ކުޅުން ދެއްކިދާނެ ކަމާމެދު ޝައްކެވެ. ޓީމުގައި ޔޫރަޕު ފުޓުބޯޅައިގެ ތަޖުރިބާހުރި ކުޅުންތެރިން މަދުވުމަކީ އޯކްލެންޑަށް ދިމާވާނެ ގިނަ ގޮންޖެހުންތަކުގެ ތެރެއިން އެއްކަމެވެ. މެޗާމެދު އޯކްލޭންޑުގެ ފޯވާޑު، އެންގަސް ކިލްކޮލީ ބުނީ، މިއީ އެ ޓީމަށް ހުވަފެނެއް ކަމަށެވެ.

ކްލަބް ވޯލްޑުކަޕަށް އެމެރިކާއަށް ދަތުރުކުރުމުގެ ކުރިން ދެޓީމުވެސް ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، އެއް މެޗުން އެއްވަރު ވެފައެވެ. އެގޮތުން އޯކްލެންޑުގެ މެޗުތަކަށް ބަލާއިރު އެޓީމުން ވަނީ ވެސްޓް ކޯސްޓް ރޭންޖަރޒް އަދި މަނުރެވާ، 2-5 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި ވަންހުންގާ މަންގެރޭ ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗު، 0-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވާއިރު، އޯކްލެންޑް ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. އެ ޓީމު އެއްވަރުވެފައި ވަނީ އީސްޓް ކޯސްޓް ބޭޒް އާ ކުޅުނު މެޗުން، 2-2 ގެ ނަތީޖާއަކުންނެވެ.

ބަޔާން އިން މެޗަށް ނެރޭނެ ކަމަށް ބެލެވޭ ސްކޮޑަށް ބަލާއިރު، މިރޭ ކުޅޭ މެޗަށްވުރެ ވަރުގަދަ ކުރިމަތިލުންތައް ހުރުމުން ބަޔާންގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް މިރޭ މުޅި މެޗު ކުޅޭނެ ކަމަކަށް ނުބެލެވެއެވެ. އެގޮތުން ހެރީ ކޭން ފަދަ ކުޅުންތެރިން މެޗު ފެށި ނަމަވެސް ވަކި ހިސާބަކުން ބަދަލުކުރާނެ ކަމަށް ބެލެވެއެވެ. ބަޔާން ސްކޮޑާއެކު އެމެރިކާއަށް ދަތުރުކޮށްފައިވާ އިތުރު ކުޅުންތެރިންނަށް ބަލާއިރު، މި ޓްރާންސްފަރ ސީޒަނުގައި ޓީމަށް ބަޔަރ ލެވަކޫސަނުން ގެނައި ޑިފެންޑަރު، ޖޮނަތަން ޓާ އަދި ހޮފެންހައިމުން ގެނައި މިޑްފީލްޑަރު، ޓޮމް ބިޝޮފް ވެސް ވަނީ ޓީމުގައި ހިމަނާފައެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން ސީޒަނުގެ ފަހުބައިގައި ނުކުޅެވުނު ޖަމާލް މުސިއާލާ އަދި ޑިފެންޑަރު ކިމް މިން ޖޭ ވެސް ޓީމާއެކު މުބާރާތަށް ދަތުރުކޮށްފައި ވެއެވެ.

ނަމަވެސް، ޓީމުގެ މުހިންމު ޑިފެންޑަރެއް ކަމުގައިވާ ކެނެޑާގެ އަލްފޮންޒޯ ޑޭވީސްއަށް އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވޭނެއެވެ.

މިރޭ ބައްދަލުކުރާ ދެ ޓީމުގެ ތެރެއިން ބަޔާން އަކީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓީމެކެވެ. 

ކިޔުންތެރިންގެ ހިޔާލު