ENGLISH
12 ޖުލައި 2025
ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އަލް އަހްލީ އިން މެސީގެ އިންޓަރ މަޔާމީ ހިފަހައްޓައިފި
15 ޖޫން 2025
|
އިންޓަރ މަޔާމީ އާ އަލް އަހްލީ ވާދަކުރި ފީފާ ކްލަބް ވޯލްޑް ކަޕް 2025 ގެ ފުރަތަމަ މެޗުގައި މެސީގެ ހަމަލާތައް ދިފާޢުކުރުމުގައި އަލްއަހްލީގެ ކުޅުންތެރިން ހަރަކާތްތެރިވަނީ. ފޮޓޯ: ގެޓީ
މިހާރު އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އަލް އަހްލީ އިން މެސީގެ އިންޓަރ މަޔާމީ ހިފަހައްޓައިފިއެވެ. މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެއްވަރުވެގެން ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ގޯލެއް ނުފެނުނު ކަމުގައި ވިޔަސް މިމެޗުގައި ދެ ޓީމުގެ ފަރާތުން ވެސް އަވަސް މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.
ތާރީހުގައި 155 ތަށްޓާއެކު، ދުނިޔޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކުލަބުގެ ޝަރަފު ހޯދާފައިވާ މިޞްރުގެ އަލް އަހްލީ އިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ނުރައްކާތެރި ހަމަލާތަކަކަށްފަހު ގޯލެއް ކާމިޔާބުކުރިއިރު އެގޯލު ވަނީ އޮފްސައިޑް ފައުލަކާ ހުރެ ބާތިލުކޮށްފައެވެ. އަދި ހާފު ނިމެނިކޮށް އަލް އަހްލީގެ ޒިޒޫ ވަނީ ޕެނަލްޓީ އެއް ވެސް ހޯދާފައެވެ.
ނަމަވެސް، ޓްރެޒަގޭ ފޮނުވާލި ބާރު ޕެނަލްޓީ މަތަކޮށް އިންޓަރ މަޔާމީ ސަލާމަތްކޮށްދިނީ މުޅި ހާފުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އައި އިންޓަރ މަޔާމީގެ ކީޕަރު އޮސްކާ އުސްތާރީއެވެ.
ދެވަނަ ހާފުގައި ޓީމުގެ ކެޕްޓަން މެސީ މުގުލުގައި ހުރެ އިންޓަރ މަޔާމީން އުފެއްދި ނުރައްކާތެރި ހަމަލާތަކުން އަލް އަހްލީ ސަލާމަތްކޮށްދިނީ މިޞްރުގެ ކީޕަރު މުޙައްމަދު އަލްޝަނާވީއެވެ.
ދެ ޓީމުގެ ކީޕަރުން ވިދާލި މުބާރާތުގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އިންޓަރ މަޔާމީގެ އާޖެންޓީނާ ގޯލްކީޕަރު އޮސްކާ އުސްތާރީއެވެ.
ފީފާ ކުލަބް ވަރލްޑް ކަޕްގެ މެޗުތައް މިއަދާއި މިރޭ ފަތިހު ވެސް ކުޅޭނެއެވެ. މިރޭ ރާއްޖެ ގަޑިން 21:00 ގައި ބަޔާން މިއުނިކް އަދި އޯކްލަންޑް ސިޓީ ބައްދަލުކުރާ މެޗު އޮންނައިރު 00:00 ގައި އޮންނާނީ ޕީއެސްޖީ އާ އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗެވެ.
އަދި މިރޭ ފަތިހު 03:00 ގައި ޕަލްމެއިރާ އާ ޕޯޓޯ ބައްދަލުކުރާ މެޗު އޮންނައިރު ހެނދުނު 07:00 ގައި އޮންނާނީ ބޮޓަފޯގޯ އާ ސިއެޓްލް ސައުންޑަރސް ވާދަކުރާ މެޗެވެ.