ENGLISH

15 ޖޫން 2025

Advertisement

ދެކުނު އެފްރިކާ އިން ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

14 ޖޫން 2025

|

މުޙައްމަދު އަދުހަމް

ދެކުނު އެފްރިކާ އިން މުބާރާތުގެ ޓްރޮފީ އާއެކު. --ފޮޓޯ: އައިސީސީ / ގެޓީ އިމޭޖަސް

ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އޮސްޓްރޭލިއާ ބަލިކޮށް، ދެކުނު އެފްރިކާ އިން ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ދެކުނު އެފްރިކާ އިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިހާތަނަށް މި މުބާރާތް ކާމިޔާބުކުރި ޓީމުތަކަކީ؛ ދެކުނު އެފްރިކާގެ އިތުރުން ނިއު ޒީލެންޑާއި އޮސްޓްރޭލިއާ އެވެ. އަދި، މިއީ 1998 ވަނަ އަހަރުގެ ފަހުން ދެކުނު އެފްރިކާ ކާމިޔާބުކުރި ފުރަތަމަ ޓްރޮފީ ވެސް މެއެވެ.

ދެކުނު އެފްރިކާ އިން މި މެޗު ކާމިޔާބުކުރީ ފަސް ވިކެޓުންނެވެ.

ލަންޑަންގެ ލޯޑްސްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ދެކުނު އެފްރިކާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ފުރަތަމަ އިނިންގްސްގައި އޮސްޓްރޭލިއާ އިން ކުޅެން އަރައި، 56.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 212 ލަނޑުހެދިއެވެ.

ދެކުނު އެފްރިކާއާ އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް ކުޅުނު ބިއު ވެބްސްޓާ ވަނީ 72 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ސްޓީވެން ސްމިތު 66 ލަނޑުހެދިއެވެ. މި އިނިންގްސްގައި ދެކުނު އެފްރިކާގެ ކަގީސޯ ރަބާޑާ ފަސް ވިކެޓްނެގިއެވެ.

ދެކުނު އެފްރިކާގެ ފުރަތަމަ އިނިންގްސްގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 138 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 45 ލަނޑުހެދި ޑޭވިޑް ބެޑިންގހަމް އެވެ. އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކީ އެ ޓީމުގެ ކެޕްޓަން، ޕެޓް ކަމިންސް ވަނީ ހަ ވިކެޓްނަގައިފައެވެ.

އޮސްޓްރޭލިއާގެ ދެވަނަ އިނިންގްސްގައި 65 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 207 ލަނޑަށެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 58 ލަނޑުހެދި މިޗޭލް ސްޓާކް އެވެ. މި އިނިންގްސްގައި ވެސް ދެކުނު އެފްރިކާގެ ރަބާޑާ ހަތަރު ވިކެޓްނެގިއެވެ.

ރައްދުގައި ދެކުނު އެފްރިކާ އިން ކުޅެން އަރައި، 83.4 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް ވަނީ 282 ލަނޑުހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެއިޑެން މާކްރަމް އެވެ. މާކްރަމް ވަނީ 136 ލަނޑުހަދައިފައެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން، ޓެމްބާ ބަވޫމާގެ ކުޅުން ފާހަގަކޮށްލެވުނެވެ. އޭނާ ނުބައިވީ 66 ލަނޑަށެވެ.

ކިޔުންތެރިންގެ ހިޔާލު