ENGLISH

15 ޖޫން 2025

Advertisement

އަލް އަހްލީއާ ދެކޮޅަށް ނުކުންނައިރު، މަޔާމީއަށް އަނިޔާގެ މައްސަލަތަކެއް

14 ޖޫން 2025

|

އިސްމާއީލް ރާތިއު

އިންޓަރ މަޔާމީގެ ކޯޗު، ހަވިއަރ މަޝަރާނޯ-- ފޮޓޯ: މޭޖަރ ލީގް ސޮކަރ

ފީފާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން މިރޭ ފަތިހު 5:00 ގައި، މިސްރުގެ އަލް އަހްލީއާ ދެކޮޅަށް ނުކުންނަން ތައްޔާރުވަމުންދާ އެމެރިކާގެ އިންޓަރ މަޔާމީއަށް އަނިޔާގެ ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ސްޕެއިންގެ ޤައުމީ ޓީމަށާއި ބާސެލޯނާއަށް ގިނަ ދުވަހު ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ޖޯޑީ އަލްބާގެ އިތުރުން ގޮންޒާލޯ ލުހާން، ޑްރޭކް ކަލެންޑަރ، ޔެނިކް ބްރައިޓް އަދި ޑެވިޑް ރުއިޒްއަށް މި މެޗުގައި ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފައެވެ. މަޔާމީގެ ކޯޗު، ބާސާގެ ކުރީގެ ތަރި، ހަވިއަރ މަޝަރާނޯ އަށް ވަނީ ފުރަތަމަ ޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވޭ ގޮތް ވުމުން، ޓީމުގެ ޓެކްޓިކްސްތައް ބަދަލުކުރަން މަޖުބޫރުވެފައެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން މަޝަރާނޯ ވަނީ މުބާރާތުގެ ކުރިން އިތުރު ކުޅުންތެރިން ޓީމަށް ނުގެނެވުމުން އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

"މުބާރާތުގެ ކުރިން އިތުރު ކުޅުންތެރިން ގެންނަން އަހަރުމެން ބޭނުންވި،" މަޝަރާނޯ ބުންޏެވެ. "މިހާރު އަހަރުމެން މިތިބީ ވަރަށް ދެރަ ހާލެއްގަ. އަނިއްކާ ޖޯޑީ (އަލްބާ) ގެއްލުނީމަ އިތުރަށް އުނދަގޫވެއްޖެ."

މި ހުރިހާ އަނިޔާތަކާ އެކު، ބޮޑަށް ބެލެވެނީ ޒުވާން ކުޅުންތެރިތަކެއް، މި މުބާރާތުގައި މަޔާމީ ޓިމުން ފެނިގެންދާނެ ކަމަށެވެ. އެގޮތުން އަލްބާގެ ބަދަލުގައި ނޯއާ އެލަން ނުވަތަ (ކުރިއަށް ހުރި މެޗުތަކުގައި) ޑޭވިޑް ރުއީޒް ވެސް ވާތު ފަޅިން ފަހަތަށް ކުޅުވަފާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުބާރާތަށް ކުރިމަތިލުމުގެ ކުރިން އިންޓަރ މަޔާމީ އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، އެޓީމުން ވަނީ 1-5، 2-4 ގެ ނަތީޖާތަކަކުން ކޮލަމްބަސް އަދި ސީއެފް މޮންޓްރިއާލް ބަލިކޮށްފައެވެ. އަދި 3-3 ގެ ނަތީޖާ އަކުން ފިލެޑެލްފިއާ ޔޫނިއަން އާއި ސެން ހޯޒޭ އަރތުކުއޭކްސް އާ ބައްދަލުކުރި މެޗުތަކުން އެއްވަރު ވެފައި ވާއިރު، 3-0 ގެ ނަތީޖާއަކުން މަޔާމީ ވަނީ އޯލަންޑޯ ސިޓީ އަތުން ބަލިވެފައެވެ.

މެޗަށް ނުކުންނަ އަލް އަހްލީ ޓިމަށް ބަލާއިރު، ނިމިދިޔަ ސީޒަނުގައި އެކި މުބާރާތްތަކުގައި 19 ގޯލު ޖަހާ، ނުވަ ގޯލު ޖަހަން އެހީވެދީފައިވާ އިމާމް އަޝޫރު، މި މުބާރާތުގައިވެސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ އެސްޓަން ވިލާއަށް ކުޅެފައިވާ ޓްރެޒެގޭ އާއި ވިސާމް އަބޫ ޢަލީ ވެސް އަލް އަހްލީގެ ކުރީގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

މިބާރާތުގެ ކުރިން އެޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އެގޮތުން އެޓީމުން ވަނީ 0-6 އަދި 0-5 ގެ ބޮޑު ތަފާތަކުން ފާކޯ އަދި ހަރަސް އަލް ޙުދޫދު ބަލިކޮށް، 1-2 ގެ ނަތީޖާއަކުން ނޭޝަނަލް ބޭންކް، 0-1 ގެ ނަތީޖާއަކުން ސެރަމިކާ ކްލިއޯޕަޓްރާ އަދި 2-4 ގެ ނަތީޖާއަކުން އަލް މަޞްރީ ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު