ENGLISH
02 ޖުލައި 2025
ބޭރު ފައިސާގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް؛ ފާއިތުވި އަހަރާ އަޅާބަލާއިރު 171 މިލިއަން ޑޮލަރު އިތުރު
13 ޖޫން 2025
|
މީރާގައި ބަޔަކު ހިދުމަތް ހޯދަނީ، ފޮޓޯ: ސަން
މި އަހަރުގެ މިހާތަނަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފިއެވެ.
މަހަކު އެއްފަހަރު މީރާއިން އާއްމުކުރާ ހިސާބުތަކަށް ބަލާއިރު، މޭ މަހުގެ ނިޔަލށް މި އަހަރު 655،862،102 (ހަސަތޭކަ ފަންސާސްފަސް މިލިއަން އަށްލައްކަ ފަސްދޮޅަސް ދެހާސް ސަތޭކަ ދެ ޑޮލަރު) މީރާއަށް ޓެކުހާއި ޓެކުސް ނޫން ގޮތްގޮތުން ލިބިފައިވެއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނީ 484،080،141 (ހަތަރުސަތޭކަ އަށްޑިހަ ހަތަރު މިލިއަން އަށްޑިހަ ހާސް އެގާރަ ޑޮލަރު) އެވެ.
އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު، 171،781،961 (ސަތޭކަ ހަތްދިހަ އެއް މިލިއަން ހަތްލައްކަ އަށްޑިހައެއްހާސް ނުވަސަތޭކަ ފަސްދޮޅަސް އެއް) ޑޮލަރު އިތުރަށް ލިބިފައިވެއެވެ. އެއީ ގާތްގަނޑަކަށް 36އިންސައްތައިގެ އިތުރުވުމެކެވެ.
ބޭރު ފައިސާއިން ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. މޭ މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި 531،272،546 (ފަސްސަތޭކަ އެއްތިރީސް މިލިއަން ދެލައްކަ ހަތްދިހަދެހާސް ފަސްސަތޭކަ ސާޅީސްހަ) ޑޮލަރު ލިބުނެވެ. ނިމުނު އަހަރު ޓެކުހުގެ ގޮތުގައި ލިބުނީ 410،996،050 (ހަތަރުސަތޭކަ ދިހަ މިލިއަން ނުވަލައްކަ ނުވަދިހަ ހަހާސް ފަންސާސް) ޑޮލަރެވެ. އެހެންކަމުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަަނީ 29.2 އިންސައްތަ އިތުރުވެފައެވެ.
ޓެކުހުގެ ވަކި ބާވަތްތަކަށް ބަލާއިރު އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރު ލިބުނީ 19 މިލިއަން ޑޮލަރެވެ. މި އަހަރު 58.9 މިލިއަން ޑޮލަރު އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ލިބުނެވެ. ގުރީން ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު 33 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވެ 62.4 މިލިއަން ޑޮލަރު ލިބުނެވެ.
ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ ޓެކުހުންނެވެ. އެ ޓެކުހުގެ ގޮތުގައި މި އަހަރު 361.1 މިލިއަން ޑޮލަރު ލިބުނެވެ. ނިމުނު އަހަރު ލިބުނީ 326 މިލިއަން ޑޮލަރެވެ.
ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރަށް ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވެސް ފާއިތުވި އަހަރަށްވުރެ މި އަހަރު އިތުރުވެފައިވެއެވެ. އެގޮތުން އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 33.3 މިލިއަން ޑޮލަރު މިދިޔަ އަހަރު ލިބުނު ނަމަވެސް މި އަހަރު އެ އަދަދުވަނީ 48.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އަދި ލީސް ޕީރިއަޑް އިތުރުކުރުމުގެ ފީގެ ގޮތުގައި ނިމުނު އަހަރުގެ މޭ މަހުގެ ނިޔަލަށް އެންމެ ޑޮލަރެއް ވެސް ލިބިފައި ނެތް ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި 30.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
އޭގެ އިތުރަށް ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ނިމުނު އަހަރު 36 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު 39 މިލިއަން ޑޮލަރު ބިމު ކުލީގެ ގޮތުގައި ލިބިފައިވެއެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނު ޖުމްލަ އާމްދަނީއަށް ބަލާއިރު ނިމުނު އަހރު ޓެކްސް ނޫން ގޮތްތޮތުން ލިބުނީ 73،084،091 (ހަތްދިހަ ތިން މިލިއަަން އަށްޑިހަ ހަތަރުހާސް ނުވަދިހަ އެއް) ޑޮލަރެވެ. މި އަހަރު އެ އަދަދު ވަނީ 124،589،557 (ސަތޭކަ ސައުވީސް މިލިއަން ފަސްލައްކަ އަށްޑިހަ ނުވަހާސް ފަސްސަތޭކަ ފަންސާސް ހަތް) ޑޮލަރަަށް އިތުރުވެފައެވެ. އެއީ 70 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ އިތުރުވި މައިގަނޑު އެއް ސަބަބަކީ ޓެކުސް ދެއްކުމުގެ އުސޫލުތަކަށް މީރާއިން ގެނައި ބަދަލުތަކާއެކު ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ޓެކުސްތަކާއި ފީތައް ބޭރު ފައިސާއިން ދެއްކުން ލާޒިމުކުރުން ކަމަށް ބެލެވެއެވެ.