ENGLISH

21 ޖޫން 2026

Advertisement

ތިން އަހަރުގެ އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

21 ޖޫން 2026

|

އައިމިނަތު ޝަފާ

ކުރިއަށް އޮތް ތިން އަހަރުގެ އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އައު ހަރަކާތްތަކާއި، މަޝްރޫޢުތައް ނިއު ޕޮލިސީތަކުގެ ދަށުން ވަކިވަކި ވުޒާރާތަކުން ބަޖެޓުގައި ހިމަނަން ބޭނުންވާ އައު ކަންކަން ހުށަހެޅުމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އަންގައިފިއެވެ. 

ވުޒާރާއިން އާއްމުކުރި ސާކިއުލާއެއްގައިވާގޮތުން 2027 -2029 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، ސަރުކާރުން އެކުލަވާލި މެނިފެސްޓޯއާއި، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ މައްޗަށް ބިނާކޮށް، ތައްޔާރުކުރެވޭ ޕްރޮގްރާމް ބަޖެޓެކެވެ. ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ދައުލަތުގެ އޮފީސްތަކުން ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ޕްރޮޕޯސަލްތައް ހުށަހަޅާނީ 2027 އިން 2029 ގައި ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާއި މަޝްރޫޢުތަކަށެވެ. މިގޮތުން، ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި، ދައުލަތުގެ އޮފީސްތަކުން ހުށަހަޅާނީ ބަޖެޓުގައި ހިމެނުމަށް ބޭނުންވާ އައު ކަންތައްތަކާއި ބަޖެޓުން އިތުރަށް ޖާގަ ބޭނުންވާ ކަންތައްތަކަށްކަމަށް ވުޒާރާއިން ބުންޏެވެ. ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ އައު ކަންތައްތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، ސަރުކާރުން އެކުލަވާލި މެނިފެސްޓޯއާއި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގައި ހިމެނޭ ކަންކަން ހާސިލްވާނެ ގޮތަށް އެކުލަވާލާފައިވާ ކަންތައްތައްކަމުގައި ވާންވާނެކަމަށާއި މީގެ އިތުރުން، ޤާނޫނަކުން، ނުވަތަ އެއްބަސްވުމެއްގެ ދަށުން، އެކަމެއް ކުރުމަށް ލާޒިމުކުރާ ކަންކަންވެސް ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ތެރޭގައި ހިމަނައިގެން ހުށަހަޅަމުންދިއުމަށް ވުޒާރާއިން އެދިފައިވެއެވެ.

ދައުލަތުގެ އެންމެހައި އޮފީސްތަކުން ސާކިއުލާގައި ހިމެނޭ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، 2027 އިން 2029 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްސް އަދި އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަން އަންނަ އޯގަސްޓުމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ކުރިން ހުށަހެޅުމަށް އެދިފައިވެއެވެ.

ވުޒާރާއިން ބުނީ މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުން ކުރިއެރުވުމަށް ގުޅުންހުރި ދާއިރާތަކަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި "ޖެންޑާ އީކުއަލިޓީ އެންޑް ސޯޝަލް އިންކްލޫޝަން (ޖެސީ) ބަޖެޓިންގެ މަސައްކަތް 2027-2029 އަށް އެކުލަވާލާ ބަޖެޓުގައި ޕައިލެޓްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް އިސްކަންދޭ ބަޖެޓެއް އެކުލަވައިލުމަށާއި މިކަމާ ގުޅުންހުރި ހަރަދުތައް ދެނެގަތުމުގެ ގޮތުން، ދައުލަތުގެ އިދާރާތަކުން ހުށަހަޅާ ހަރަކާތް ނުވަތަ މަޝްރޫއަކީ ކްލައިމެޓް ރެލެވަންޓް ކަމެއް ނަމަ، އެކަން ހިމެނޭ މޫސުމީ ގިންތި ނުވަތަ ބައި ސާފުކޮށް ބަޔާންކުރަންވާނެކަމަށް ބުނެފައިވެއެވެ. 

މާލީ ވުޒާރާއިން ވަނީ 2027 އިން 2029 އަށް، ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. މީގެ ތެރެއިން އެކިއެކި ހަރަކާތްތަކަށް 500 މިލިއަން ރުފިޔާގެ ސީލިންއެއް ކަނޑައަޅާފައިވާއިރު، އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކަށް ޚާއްސަކޮށް ކަނޑައަޅާފައިވަނީ ދެ ބިލިއަން ރުފިޔާއެވެ. 

ކިޔުންތެރިންގެ ހިޔާލު