ENGLISH

21 ޖޫން 2026

Advertisement

ރަފީނިއާގެ އަނިޔާއިން ރަނގަޅުވެ، އަވަހަށް ކުޅެވޭނެ ކަމުގެ އުއްމީދުގައި

21 ޖޫން 2026

|

މުޙައްމަދު އަދުހަމް

ބްރެޒިލްގެ ތަރި ރަފީނިއާ. ފޮޓޯ: އޭޕީ

ބްރެޒިލް ގައުމީ ޓީމަށް ކުޅެމުން އަންނަ ބާސެލޯނާގެ ތަރި ރަފީނިއާގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދަން ފަށައިފި ކަމަށާއި، އުންމީދަކީ ވޯލްޑް ކަޕްގެ ކުރިއަށް ހުރި މެޗުތަކުގައި އޭނާއަށް ކުޅެވުން ކަމަށް ބްރެޒިލްގެ ގައުމީ ޓީމުން ހާމަކޮށްފިއެވެ.

ފިލަޑެލްފިއާގައި ހައިޓީއާ ދެކޮޅަށް ކުޅެ 3-0 އިން ބްރެޒިލް މޮޅުވި މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، ލިބުނު އަނިޔާއަކާ ގުޅިގެން މެޑިކަލް ޓީމުގެ އެހީތެރިކަމަށްފަހު ރަފީނިއާ ވަނީ ދަނޑުން ބާލާފައެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މައުލޫމާތު ދިން ގޮތުގައި، އުމުރުން 29 އަހަރުގެ ރަފީނިއާގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ތަދެއް އިހުސާސްވުމާ ގުޅިގެން އިތުރު ޓެސްޓުތަކެއް ވަނީ ހަދާފައެވެ. މި ޓެސްޓުތަކުން ރަފީނިއާ އަށް އަނިޔާވެފައިވާކަން ކަށަވަރުވި ނަމަވެސް، މިއީ މުބާރާތުން ވަކިވާންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ގައުމުގެ ފެޑެރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މުބާރާތް ފެށެން ކައިރިވެފައިވަނިކޮށް، ބްރެޒިލްގެ ޑިފެންޑަރު ވެސްލީއަށް އަނިޔާވެ މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، ރަފީނިއާގެ ހާލަތު އެއާ ތަފާތެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، ރަފީނިއާގެ ފަރުވާ ކަންކަން ވަރަށް ބާރު ދުވެލީގައި ރޭވުންތެރިކަމާއެކު ފުރިހަމަ އަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން، އޭނާ އަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވެ، އަމާޒަކީ ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި އަލުން ފަރިތަކުރުންތަކުގައި ބައިވެރިވެ، މުބާރާތުގެ ބާކީ އޮތް ބައިގައި ފެނިގެންދިއުން ކަމަށް އެ ގައުމުގެ ފެޑެރޭޝަނުން ބުންޏެވެ.

މި މުބާރާތުގެ ގްރޫޕް ސީ ގައި މިހާތަނަށް ކުޅުނު ދެ މެޗަށްފަހު ބްރެޒިލް އާއި މޮރޮކޯ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ބްރެޒިލް އެއްވަނައިގައި އުޅެނީ ފައިދާގޯލްގެ ތަފާތުންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ފްލޮރިޑާގައި ބްރެޒިލް ނިކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު