ENGLISH
21 ޖޫން 2026
ލުކާކޫގެ ބޭނުން ހިފާނީ ވިސްނުންތެރިކަމާއެކު، ހުމުގެ ސަބަބުން ޑޮކޫ އަށް އީރާނާ ދެކޮޅަށް ނުކުޅެވޭނެ: ކޯޗު ގާސިއާ
21 ޖޫން 2026
|
ބެލްޖިއަމްގެ ކޯޗު، ރުޑީ ގާސިއާ. ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
ބެލްޖިއަމްގެ ފޯވާޑް، ރޮމެލޫ ލުކާކޫގެ ބޭނުންހިފާނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށާއި، ކުރިއަށް އޮތް މެޗުގައި ހުމުގެ ސަބަބުން އެ ޓީމުގެ ވިންގަރ، ޖެރެމީ ޑޮކޫ ނުފެންނާނެ ކަމަށް ކޯޗު، ރުޑީ ގާސިއާ ބުނެފިއެވެ.
މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނެއް މެދުވެރިކޮށް ވާހަކަދައްކަމުން ބެލްޖިއަމްގެ ކޯޗު، ގާސިއާ ބުނީ، އީރާނާ ދެކޮޅަށް ޑޮކޫ އަށް ނުކުޅެވޭނެ ކަމަށެވެ.
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ އަށް ސޯ-ފައި ސްޓޭޑިއަމްގައި ކުޅޭ މި މެޗުގައި ބައިވެރިނުވެވޭނެކަން ބެލްޖިއަމް ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ޓީމުގެ ކޯޗު ރުޑީ ގާސިއާ، ޑޮކޫގެ ހާލަތާ ބެހޭގޮތުން އިތުރު ތަފްސީލެއް ދިނުމަށް އުޒުރުވެރިވެފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ނޭވާލާ ނިޒާމުގެ މައްސަލައެއްގައި އުޅޭތާ މިހާރު ދެ ހަފުތާ ވެދާނެއެވެ.
"އޭނާއަށް މި މެޗުގައި ކުޅެވޭކަށް ނެތް. އެހެންކަމުން އަހަރެމެން މެޗަށް ނުކުންނާނީ އޭނާ ނުލައި،" ގާސިއާ ބުންޏެވެ.
ގާސިއާ ބުނީ، ސިއްހީ ގޮތުން އެންމެ އެކަށޭނަ ހާލަތެއްގައި ނެތް ކުޅުންތެރިއަކު ލައްވައި ކުޅުވަން އޭނާ ބޭނުންނުވާ ކަމަށާއި، ކުޅުންތެރިއެއްގެ ފިިޒިކަލް ފިޓްނަސް ސައްތައިން ސައްތަ ފުރިހަމަނުވި ނަމަވެސް، މެޑިކަލް ޓީމުން ނިންމާ ގޮތް މުހިއްމު ކަމަށެވެ.
ބެލްޖިއަމްގެ އެޓޭކުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ، ލުކާކޫ (ކ) އާއި ޑޮކޫ. ފޮޓޯ: ގެޓީ އިމޭޖަސް
"އޭނާއާ ނުލައި ވެސް މާދަމާ އަހަރެމެން މޮޅުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ގާސިއާ ބުންޏެވެ.
ޑޮކޫގެ ހާލަތު މިހާރު ރަނގަޅު ކަމަށާއި، ވީހާވެސް އަވަހަށް ކުޅުމަށް އެނބުރި އާދެވޭނެ ގޮތަށް މެޑިކަލް ޓީމުން އޭނާގެ ފަރުވާގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްގެންދާ ކަން ގާސިއާ ފާހަގަކުރިއެވެ.
އީރާނާ ދެކޮޅަށް ކުޅޭ މެޗުގައި ޑޮކޫގެ ބަދަލުގައި ފަށާނެ ކުޅުންތެރިއަކު ބުނަން ގާސިއާ ދެކޮޅު ހެދިއިރު، ލުކާކޫ އެ މެޗުގައިވެސް ފެނިގެންދާނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށް ބުންޏެވެ.
ބެލްޖިއަމް ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ، އުމުރުން 33 އަހަރުގެ ލުކާކޫގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ ސީޒަނުގައި ނަޕޯލީ ކުޅުނު ގިނަ މެޗުތަކެއް ވަނީ ގެއްލިފައެވެ.
މި ފަަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިސްރާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗުގައިވެސް ލުކާކޫ ކުޅެން ނުކުތީ ދެވަނަ ހާފުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އޭނާ ވަނީ އެ މެޗުން ބެލްޖިއަމް އެއްވަރުކުރި ލަނޑުޖެހުމަށް މަގުފަހިކޮށްދީފައެވެ.
މުބާރާތުގައި މިސްރާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ
ލުކާކޫގެ ހާލަތާ ގުޅޭގޮތުން ގާސިއާ ބުނީ، މެޗުގެ ފުރިހަމަ 90 މިނެޓު ކުޅެން ލުކާކޫ އަދި ފިޓެއް ނޫން ކަމަށެވެ.
"އަހަރެމެން ވަރަށް ފަރުވާ ބަހައްޓައިގެން ލުކާކޫގެ ބޭނުންހިފަން މި ޖެހެނީ،" ގާސިއާ ބުންޏެވެ.
އޭނާ އުއްމީދު ކުރާގޮތުގައި، މުބާރާތް ނިމުމާ ހަމައަށްދާއިރު އެންމެ ފުރިހަމައަށް ލުކާކޫގެ ބޭނުންހިފޭނެ ކަމަށް ގާސިއާ ބުންޏެވެ. މިވަގުތަށް ބަލާއިރު، ބެލްޖިއަމް ސްކޮޑުގައި ތިބި އެހެން ކުޅުންތެރިން ބޭނުންކުރެވޭ ހާލަތެއްގައި ތިބުމާއެކު ލުކާކޫގެ ބޭނުން ހިފަން ޖެހެނީ ވަރަށް ބޮޑަށް ވިސްނައިގެންކަން ވެސް އޭނާ ފާހަގަކުރިއެވެ.
ގާސިއާ ބުނީ، ލުކާކޫ އަށް މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުވިނަމަވެސް، މިހާރު އޭނާގެ ފިޓްނަސް ހުރި ގޮތަށް ބަލާއިރު 60 މިނެޓަށްވުރެ ގިނައިރު ދަނޑުމަތީގައި ބެހެއްޓުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
މުބާރާތުގެ ގްރޫޕް ޖީ ގައި އީރާނާ ދެކޮޅަށް ކުޅޭ މެޗަށް ބެލްޖިއަމް ނިކުންނައިރު، މިހާތަނަށް މި ގްރޫޕުގައި ކުޅުނު ދެ މެޗު ވެސް ނިމިގެންދިޔައީ އެއްވަރުވެގެންނެވެ. އެހެންކަމުން، މުބާރާތުގައި ކުރިއަށްދިއުމަށް މި ގްރޫޕުގެ ހުރިހާ ޓީމަކަށް ވެސް ހަމަހަމަ ފުރުސަތެއް އެބައޮތެވެ.