ENGLISH
21 ޖޫން 2026
ބޮޑުތަކުރުފާނު މަގުގައި އަލަށް ހަދާ ސަރަހައްދުގައި ތާޅުއަޅަން ތައްޔާރުވަނީ
21 ޖޫން 2026
|
ބޮޑުތަކުރުފާނު މަގު
އެންމެ މަޤްބޫލު
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރަައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިހާރު ހަދާ ސަރަހައްދުގައި ތާޅުއެޅުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގެ މަސައްކަތް ފަށައިފިއެވެ.
މިހާރު ކުރިއަށްދަނީ މި ސަރަހައްދު ހިމެނޭހެން މާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ތާރުއެޅުމާއި މަގު ފުޅާކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާއިރު އެ ސަރަހައްދުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ދުވާރު ފުޅާކޮށް، މަގުގައި ހަތަރު ލޭނު ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ކުރިން އެމްއެމްއޭއިން ފެށިގެން މާލޭ ނޯތު ހާބަރާހަމައަށް އޮންނަ ސަރަހައްދުގައި މަގުގައި ތާރުއެޅުމާއި މަގު ފުޅާކުރުމުގެ މަސައްކަތް ނިންމާފައިވެއެވެ.
އެމްޓީސީސީން ބުނީ ހުޅުމާލެ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި ހިސާބަށް މިހާރު ސަބް ގްރޭޑިންގެ މަސައްކަތްތައް ނިމިފައިވާކަމަށާއި މަސައްކަތްކުރަމުންދަނީ މި ހަފްތާގެ ނިޔަލަށް އިއްޒުއްދީން ފާލަމާ ހަމައަށް މަސައްކަތް ނިންމާލުމަށްކަމަށެވެ. މަގު އެއްވަރުކުރުމުގެ މަސައްކަތަށްފަހު މިމަހުގެ ފަހު ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ކުރިން އޮތީ ނިންމާފައެވެ. އެ ކުންފުނިން ދަނީ ތާވަލާ އެއްގޮތަށް މިމަޝްރޫއު އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންނެވެ. މިދިޔަ ހަފްތާގެތެރޭގައި ބޮޑުތަކުރުފަނު މަގުގައި މައި ފެންހޮޅި ވަޅުލުމުގެ މަސައްކަތްވެސްވަނީކޮށް ނިންމާފައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ހަލުއިކަމާއެކު ކުރިއަށްދާއިރު މިހާތަނަށް މި މަޝްރޫއުގެ ދަށުން ނިމިފައިވާ ސަރަހައްދު ނިމުމާއެކު މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިފައިވެއެވެ. މުޅި މަގު ހަދައި ނިމުމުން މާލޭގެ ކާރޫބާރޫ ބޮޑުވުމާއި ތޮެއްޖެހުމަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމުގައި ސަރުކާރުން ބުނެއެވެ.
ނިމުނު އަހަރުގެ އޯގަސްޓު 21 ވަނަ ދުވަހު ފެށި ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން ތިން ސެގްމެންޓަކަށް ބަހާލައިގެން، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ފުޅާކުރުމާއި، 830 މީޓަރުގެ މަގުގައި ތާރުއެޅުމާއި، ދުވާރުތައް ހެދުމުގެ އިތުރަށް ފެން ހިންދާ ނިޒާމު ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.