ENGLISH

21 ޖޫން 2026

Advertisement

މަހަކު 63 ޓަނުގެ މޫދުވިނަ އެކްސްޕޯޓުކުރޭ

21 ޖޫން 2026

|

އައިމިނަތު ޝަފާ

މޫދު ވިނަ އާލާކުރުމަށް ކުރިއަށްގެންދިޔަ ޕްރޮޖެކްޓު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ވަޒީރު ޝިޔާމް.

ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް މަހެއްގެ މައްޗަށް 63 ޓަނުގެ ސީވީޑް ނުވަތަ މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަމުންދާކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ވިދާޅުވީ ރާއްޖޭގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ކުންފުންޏަކުން ތަޖުރިބާކޮށްފައިވާކަމަށާއި 100 ވަރަކަށް ކިލޯގެ މޫދުވިނައިން ފަށައިގެން މި މަސައްކަތުން މިހާރު މަހެއްގެ މައްޗަށް 63 ޓަނުގެ މޫދުވިނަ އެކްސްޕޯޓްކުރެވޭކަމަށެވެ. މި މަސައްކަތް ކުރަމުންދަނީ ބ. ފެހެންދޫގައެވެ.

"އެބޭފުޅުން ފެށީ ގާތްގަނޑަކަށް 100 ވަރަކަށް ކިލޯގެ ސީވީޑު ކަލްޗާކުރަން ފެށީ. އެހެންނަމަވެސް މިހާރު އެބޭފުޅުން ގާތްގަނޑަކަށް މަހެއްގެ މައްޗަށް 63 ޓަނުގެ ޑްރައިޑް ސީވީޑް ހާވެސްޓް ކުރާކަމަށް އެ ބޭފުޅުން އަޅުގަނޑުމެންނަށް މައުލޫމާތުދީފައި އޮތީ. 63 ޓަނުގެ ޑްރައިޑް ސީވީޑަކީ އެއީ ގާތްގަނޑަކަށް ބަލާނަމަ ފަސް ކޮންޓެއިނަރުގެ ސީވީޑް އެކްސްޕޯޓްކުރެވިގެން އެދަނީ މަހެއްގެ މައްޗަށް. އެހެންވީމަ މިއީ ހަމަ ރަނގަޅު އިންވެސްޓްމަންޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. އަޅުގަނޑުމެން މިވަގުތު މި މަސައްކަތް ކުރަނީ މި މަސައްކަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެއަށް ފަތުރާލުމުގެ މަސައްކަތް،". މުއްތަލިބު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ ގއ. އަތޮޅުގައިވެސް ދިވެހި އިންވެސްޓަރުންތަކެއް މޫދުވިނަ އާލާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި ދާއިރާއަށް ވަނުމަށް އިތުރު ޕްރޮޕޯސަލްތައްވެސް ލިބެމުންދާ ކަމަށެވެ. 

މެރިކަލްޗާއަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއް ކަނޑައަޅުއްވާފައެވެ. އެއީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި، މ. އަތޮޅާއި، ތ. އަތޮޅުވެ. މީގެއިތުރުން މިކަމަށް ވަނީ، މަނިޔަފުއްޓާއި ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ކަނޑައަޅާފައެވެ.

އޭޝިއާގެ ގައުމުތަކުގައި މޫދުވިނަ އާލާކުރުމަކީ ކުރިއަރަމުން އަންނަ ސިނާއަތެކެވެ. މިވަގުތުވެސް ދުނިޔޭގައި ހައްދާ މޫދުވިނައިގެ 98 އިންސައްތަ ހައްދަނީ އޭޝިއާގެ ގައުމުތައް ކަމުގައިވާ ޗައިނާ، އިންޑޮނޭޝިއާ، ދެކުނު ކޮރެއާ އަދި ފިލިޕީންސްގައެވެ.

އެގޮތުން 2023 ވަނަ އަހަރު ދުނިޔޭގެ މޫދުވިނައިގެ މާރކެޓް ވެލިއު 17.14 ބިލިއަން ޑޮލަރުގައި ހުރިއިރު 2032 ވަނަ އަހަރަށް އަންނައިރު މި އަދަދު ދެ ގުނަ ވާނެކަމަށް މާހިރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު