ENGLISH
21 ޖޫން 2026
ޖަޕާންގެ ތާރީޚީ މޮޅާއެކު ޓިއުނީޝިއާ ކަޓައިފި
21 ޖޫން 2026
|
ޓިއުނީޝިއާ ކޮޅަށް ލަނޑުޖެހުމަށްފަހު ޖަޕާނުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ފީފާ.ކޮމް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ޖަޕާން އަތުން 4-0 އިން ބަލިވެ، ޓިއުނީޝިއާ މުބާރާތުން ކަޓައިފިއެވެ.
މިއީ މި ފަހަރުގެ މުބާރާތުގެ 1،000 ވަނަ މެޗެވެ. މުބާރާތުގައި ޓިއުނީޝިއާ މިހާތަނަށް ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ. މިއީ ވޯލްޑް ކަޕުގެ ތާރީހުގައި ޖަޕާނުގެ އެންމެ ބޮޑު މޮޅެވެ. މިއާއެކު، މުބާރާތުގެ މެޗެއްގައި ހަތަރެއް ނުވަތަ އެއަށްވުރެ ގިނައިން ގޯލުޖެހި އޭޝިއާގެ ފުރަތަމަ ޓީމުގެ ޝަރަފު ޖަޕާނުން ވަނީ ހޯދާފައެވެ.
މި ނަތީޖާއާއެކު ޖަޕާން އުޅެނީ މި ގްރޫޕުގެ ދެވަނައިގައެވެ. އެއްވަނައިގައި އުޅޭ ނެދަލެންޑްސްއާ އެއްވަރަށް ޖަޕާނަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ނެދަލެންޑްސް އަށް ކުރިލިބެނީ ޖެހި ގޯލުންނެވެ. ސްވިޑެން ތިންވަނައިގައި އުޅެނީ ތިން ޕޮއިންޓާއެކު އެވެ. ފުލުގައި އޮތް ޓިއުނީޝިއާ އަށް ޕޮއިންޓެއްނުލިބެއެވެ.
ޖަޕާނުން މި މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ޓަކެފޫސާ ކޫބޯ ނުލަ އެވެ. ކޫބޯގެ ބަދަލުގައި ޖުންޔާ އިޓޯ އަށް ކޯޗު ހަޖީމޭ މޮރިޔާސޫ ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ.
ޓިއުނީޝިއާ އާ ދެކޮޅަށް ޖަޕާން ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ
މި މެޗުގެ ކޮންމެ ހާފެއްގައި ޖަޕާނުން ވަނީ ދެ ލަނޑުޖަހައިފައެވެ. މި މެޗުގައި ޖަޕާނުން ޖެހި ހަތަރު ލަނޑުގެ ތެރެއިން އެ ޓީމުގެ އަޔާސޭ އުއެޑާ ދެ ލަނޑުޖެހިއެވެ.
މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޖަޕާނުން ލީޑުނެގީ ކެއިޓޯ ނަކަމޫރާ ދިން ބޯޅައަކުން ޑައިޗީ ކަމާޑާގެ ގޯލުންނެވެ. މިއީ މުބާރާތުގެ ތާރީހުގައި ޖަޕާނުން ޖެހި އެންމެ އަވަސް ގޯލެވެ. އަދި، މިއީ މި ފަހަރުގެ މުބާރާތުގައި ކަމާޑާ ގެ ދެވަނަ ގޯލުވެސް މެއެވެ.
ޖަޕާނުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުއެޑާ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ކޯ އިޓަކޫރާ ދިން ބޯޅައެއްގެ އެހީގައެވެ. މި ގޯލާއެކު ޖަޕާނުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ވެސް މެޗު ޑޮމިނޭޓްކުރަމުންދިޔަ ޖަޕާނުން ވަނީ 69 ވަނަ މިނެޓުގައި ތިންވަނަ ގޯލެއް ޖަހައިފައެވެ. މިއީ އުއެޑާ ތަނަވަސްކުރި ފުރުސަތަކުން ޖުންޔާ އިޓޯ ކާމިޔާބުކޮށްދިން ގޯލެކެވެ.
ޖަޕާނުގެ އިޓޯ (ވ) ޓިއުނީޝިއާގެ ގޯލަށް ބޯޅަ ފޮނުވާލަނީ. ފޮޓޯ: އޭޕީ
މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް، ޖަޕާނުގެ ހަތަރުވަނަ ލަނޑުޖަހައިދިނީ އުއެޑާ އެވެ. މިއީ މެޗުގައި އޭނާ ޖެހި ދެވަނަ ގޯލެވެ. އެ ޓީމުގެ މިޑްފީލްޑަރު، ކައިޝޫ ސާނޯ ނަގައިދިން ހުރަހަކުން އުއެޑާ މި ލަނޑުޖެހީ ބޮލުންނެވެ.
މިއީ ޓިއުނީޝިއާގެ އައު ކޯޗު، ހާވޭ ރެނާޑްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ސްވިޑެން އަތުން ބަލިވުމުން އެ ޓީމުގެ ކޯޗު، ސަބްރީ ލަމޫޗީ ވަނީ މަގާމުން ވަކިކޮށްފައެވެ.
މުބާރާތުގައި ޖަޕާން ދެން ކުޅޭ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު ނިކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ޓިއުނީޝިއާ ބައްދަލުކުރާނީ ނެދަލެންޑްސް އާ އެވެ.