ENGLISH

02 ޖުލައި 2025

Advertisement

ދިވެހި ހައްޖުވެރިން އަނބުރާ އަންނަން ފަށައިފި

13 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ދިވެހި ހައްޖުވެރިން އަނބުރާ އައުން، ފޮޓޯ: އެމްއެމްޓީވީ

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދިޔަ ހައްޖުވެރިންގެ ތެރެއިން ގިނަ ބަޔަަކު އަނބުރާ ރާއްޖެއަށް އަންނަން ފަށައިފިއެވެ. 

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް 1،000 މީހުން ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ގޮސްފައިވެއެވެ. މި އަހަރަކީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އެއް އަހަރެއްގައި ހައްޖަށް ދިއުމަށް ލިސްޓުކުރެވިފައިވާ އެންމެންނަށް އެ އަހަރު ހައްޖަށް ދެވުނު ފުރަތަމަ އަހަރެވެ. 

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިން ރާއްޖެއަށް އަނބުރާ އައުމަށް ހަމަޖެހިފައިވަނީ ހަތަރު ފުލައިޓެއްގައެވެ. އެގޮތުން މިއަދު ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ރާއްޖެއަށް އައިސްފައިވަނީ ސައުދީ އެއާލައިނުގެ ފުލައިޓެއްގައެވެ. 

ދެވަނަ ގުރޫޕު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މާދަން ރޭ 23:00 ގައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފުލައިޓެއްގައެވެ. 17 ޖޫން ގައި ރާއްޖެއަށް އަންނަން ހަމަޖެހިފައިވާ ދެވަނަ ގުރޫޕުވެސް ދަތުރުކުރާނީ ގައުމީ އެއާލައިނުގެ މަތިންދާބޯޓެއްގައެވެ. 

ދިވެހި ހައްޖުވެރިން އަނބުރާ ރާއްޖެއަށް އައުން، ފޮޓޯ: އެމްއެމްޓީވީ 

އޭގެ އިތުރަށް 16 ޖޫންގައި ހައްޖުވެރިންގެ އިތުރު ގުރޫޕެއް ރާއްޖެއަށް އަންނާނެއެވެ. ސައުދީ އެއާލައިނުގެ މަތިންދާބޯޓެއްގައި އަންނަ މި ގުރޫޕު ރާއްޖެއަށް ވާސިލުވާނީ އެ ދުވަހުގެ 14:00 ގައެވެ. 

ކުރިން ނުލިބޭ އެތައް ލުޔެއް ލިބުނު ހައްޖެއް 

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީންނަށް މީގެ ކުރިން ނުލިބޭ ގިނަ ލުއިތަކެއް ލިބިފައިވާއިރު، ފޯރުކޮށްދިން ހިދުމަތުގެ ފެންވަރުވެސް ކުރީ އަހަރުތަކަށްވުރެ ރަނގަޅުކަން ފާހަގަކުރެވެއެވެ. 

އެގޮތުން ސައުދީ އަރަބިއްޔާއިން ތައާރަފުކޮށްފައިވާ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ދިވެހި ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ހޮޓަލަށް ދެވޭނެ އިންތިޒާމު ހަމަޖެހުނެވެ. އަދި ދާގީނާވެސް އަމިއްލައަށް ހޮޓަލަށް ގެންދިއުމުގެ ބަދަލުގައި އެތަކެތިވެސް ހޮޓަލަށް ގެންދިއުމުގެ ހުރިހާ އިންތިޒާމެއް ސައުދީ ސަރުކާރުން ހަމަޖައްސައިދިނެވެ. 

އޭގެ އިތުރަށް ހައްޖުވެރިން މިނާއާއި އަރަފާތުގައި ތިބޭ ފޭލިގެތަކުގެ ފެންވަރު ރަނގަޅުކޮށް ކޮންމެ ހައްޖުވެރިޔަކަށްވެސް އޮށޯންނާނެ ސޯފާ އެނދެއް ފޯރުކޮށްދީފައިވާއިރު އެތަންތަނުގައި ކެއުމުގެ ކަންކަންވެސް ވަރަށް ރަނގަޅު ފެންވަރަކަށް ހަމަޖައްސައިދީފައިވެއެވެ. 

މި އަހަރު ހައްޖަށް ދިޔަ ހައްޖާޖީންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުވަނީ އަންނަ އަހަރު މި އަހަރަށްވުރެ ހައްޖުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ހައްޖާ ގުޅިގެން ފުރިހަމަކުރަންޖެހޭ މެޑިކަލް ޗެކަޕާއި ޖަހަންޖެހޭ ވެކްސިން ހިލޭ އެމީހަކު ހުރި ތަނަކުން ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަން އެމަނިކުފާނު އިއުލާނުކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު