ENGLISH
02 ޖުލައި 2025
ބޭނުންކުރެވޭ ރިޒާވްގައި 217 މިލިއަން ޑޮލަރު؛ 27 އިންސައްތައިގެ ކުރިއެރުމެއް
13 ޖޫން 2025
|
މަރުކަޒީ ބޭންކު އެމްއެމްއޭ، ފޮޓޯ: މިހާރު
ދިވެހިރާއްޖޭގެ ރިޒާވްގެ ހާލަތު ރަނގަޅުވެ ބޭނުންކުރެވޭނެހެން ހުރި ރިޒާވް ފައިސާގެ އަދަދު މަހުން މަަހަށް 27 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ މާލީ ހިސާބުތައް ދައްކާ ގޮތުން ރަސްމީ ރިޒާވްް އެސެޓުގެ ގޮތުގައި މޭ މަހުގެ ނިޔަލށް 815.8 މިލިއަން ޑޮލަރު ހުއްޓެވެ. އޭގެ އިތުރަށް ރާއްޖޭގެ ބޭންކުތަކުގައި އެމްއެމްއޭއިން އިންވެސްޓުކޮށްފައި ހުރި ޑޮލަރުގެ ގޮތުގައި 144.3 މިލިއަން ޑޮލަރު ހުރިކަން ހިސާބުތަކުން ދައްކައެވެ.
އެހެންކަމުން ޖުމްލަ ރިޒާވްގެ ގޮތުގައި 960.1 މިލިއަން ޑޮލަރު މޭ މަހުގެ ނިޔަލަށް ހުއްޓެވެ. އަދި މޭ މަހުގެ ނިޔަލަށް ރާއްޖެއިން އަދާކުރަންޖެހޭ ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް ހުރީ 742.2 މިލިއަން ޑޮލަރުގައެވެ.
އެހެންކަމުން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް ޖުމްލަ ރިޒާވްއިން އުނިކުރުމުން ބޭނުންކުރެވޭ ރިޒާވް ފައިސާގެ ގޮތުގައި 217 މިލިއަން ޑޮލަރު ހުންނާނެއެވެ. މޭ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްގައި ހުރީ 171.3 މިލިއަން ޑޮލަރެވެ. އެހެންކަމުން އެއް މަސް ތެރޭ ބޭނުންކުރެވޭ ރިޒާވްއަަށް 27 އިންސައްތަައާ ގާތްކުރާ އިތުރުވުމެއް އައިސްފަައިވެއެވެ.
މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭ ރިޒާވް އިތުރުވީ މޭ މަހަށްވުރެ އޭޕްރީލު މަހުގައި ކުރު މުއްދަތުގެ އިލްތިޒާމުތައް ދަށްވުމުންނެވެ. މޭ މަހުގެ ނިޔަލަށް ކުރު މުއްދަތުގެ މާލީ އިލްތިޒާމުގެ ގޮތުގައި 828 މިލިއަން ޑޮލަރު ރެކޯޑުކުރެވުނު ނަމަވެސް އޭޕްރީލުގެ ނިޔަލަށް އެ އަދަދުވަނީ 742.2 މިލިއަން ޑޮލަރަށް ދަށްވެފައެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން މިހާރަށްވުރެ ދަށްނުކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ރިޒާވްގެ ހާލަތު ރަނގަޅުވުމެވެ. އެގޮތުން ރިޒާވްގެ ހާލަތު ރަނގަޅުވި ސަބަބުތަކުގެ ތެރޭގައި އިންޑިޔާގެ ރިޒާވް ބޭންކުން ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖަައްސައިދިނުމާއި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީން މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުވާނެ ގޮތަށް ގާނޫނު ބަދަލުކުރުމުގެ ސަބަބުން އެމްއެމްއޭއަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު ލިބޭ މިންވަރު އިތުރުވެފައިވުން ފިޗުން ފާހަގަކުރިއެވެ.
މި މަހުން ފެށިގެން ބޭންކުތަކަށް ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާރުކުރާ ފައިސާގެ 90 އިންސައްތަ ނަގާނީ އެމްއެމްއޭއަށެވެ. އަދި އެއަށްފަހު އާއްމުންނަށް ބޭރު ފައިސާއިން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ ފައިސާ ބޭންކުތަކަށް ދޫކުރަމުންދާނީ އެމްއެމްއޭއިންނެވެ.