ENGLISH

02 ޖުލައި 2025

Advertisement

އިސްރާއީލުގެ އުދުވާނަކީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް: ދިވެހިރާއްޖެ

13 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ހާރިޖީ ވުޒާރާ ހުންނަ އިމާރާތް

އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަން ފަށާފައިވާ އުދުވާނަކީ މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ. 

މިއަދު ހާރިޖީވުޒާރާއިން އާއްމުކުރި ބަޔާނެއްގައި އިސްރާއީލުން އީރާނަށް މިއަދު ފަތިހު ދިން ހަމަލާތަކަކީ އުދުވާނެއްގެ ގޮތުގައި ސިފަކުރުމާއެކު ދިވެހި ސަރުކާރުންވަނީ އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައެވެ. 

އޭގެ އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން އީރާނަށް ދިން ހަމަލާއަކީ އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމުނުކުރުމާއި، އެ ގާނޫނުތަކާ ހިލާފުވުމުގެ ސިލްސިލާއަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށެވެ. 

އަދި އިސްރާއީލުން އީރާނަށް ދިން މި ހަމަލާގެ ސަބަބުން ވަރަށް ބޮޑަށް ސަރަހައްދީ ސަލާމަތް ހީނަރުވާނެކަން ފާހަގަކޮށް ރާއްޖެއިން ބުނެފައިވަނީ މި ހަމަލާއަކީ މެދުއިރުމަތީގެ ސުލްހައާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. 

އިތުރަށް ދިވެހި ސަރުކާރުން ފާހަގަކުރީ އިސްރާއީލުން އީރާނަށް ހަމަލާދިން މި ދަނޑިވަޅަކީ ޣައްޒާއަށް އަނެއްކާވެސް އިސްރާއީލުން ބޮޑެތި ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއް ކަމުގައެވެ. އަދި މިހުރިހާ ކަމަކީވެސް އިތުރަށް ސަރަހައްދުގެ ހަމަޖެހުން ނެތިގެންދާނެ ކަންކަން ކަމުގައިވެސް ރާއްޖެއިން ބުނެފައިވެއެވެ. 

އަދި ރާއްޖެއިންވަނީ އަވަސް ހަރުދަނާ އެކުވަނިވި ފިޔަވަޅުތަކެއް އަޅައި އިތުރަށް ސަރަހައްދުގެ ހަމަނުޖެހުން ގޯސްވިޔަނުދީ، ނުތަނަވަސްކަން ކުޑަކުރެވޭނެ ގޮތަށް މަސައްކަަތްތަކެއް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ. 

ތަސްނީމް ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުން އިންގިލާބީ ފާރަވެރިންގެ ކޮމާންޑަރު ޙުސައިން ސަލާމީގެ އިތުރަށް ނިއުކުލިއާ ދެ ސައެންސްވެރިންކަމަށްވާ މަހްދީ ޠަހްރާންޖީއާއި ފަރީދޫން ޢައްބާސީ އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވެއެވެ. 

އޭގެ އިތުރަށް އީރާނުގެ ޓީވީންވަނީ އެ ގައުމުގެ އާޒާދު ޔުނިވާސިޓީގެ ޗާންސެލާ މުޙައްމަދު މަހުދީ ޠަހްރާންޖީއާއި އީރާނުގެ އަސްކަރިއްޔާގެ ޚާތިމުލް އަންބިޔާއި ބޭސްގެ ކޮމާންޑަރު ޣުލާމް ޢަލީވެސް އަވަހާރަކޮށްލާފައިވާކަމުގެ ހަބަރު ލިބެމުންދާކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ދެ ބޭފުޅުން ޝަހީދުކޮށްލާފައިވާކަން ކަށަވަރުނުކުރެވޭކަމަށް އެ ޓީވީން ބުނެއެވެ.  

މި ހަމަލާތަކުގެ ބަދަލުހިފާނެ ކަމުގައި އީރާނުން ބުނެފައިވެއެވެ. އަދި އިސްރާއީލަށް ސިހުން ގެނުވާ ވަރުގެ ރައްދު ހަމަލާތަކެއް ދޭނެ ކަމުގެ ޔަގީންކަން އީރާނުން ދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު