ENGLISH

02 ޖުލައި 2025

Advertisement

ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފި

13 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ޝައިޚް އިބްރާހީމް ފަރީދު

ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްްކިތެއްގައި މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ދާއީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފިއެވެ. 

ޝައިޚް ފަރީދު އަވަހާރަވީ މި މަހުގެ ނުވަވަނަ ދުވަހު މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ އެއާޕޯޓުގައި ހުންނަވަނިކޮށް ވެއްޓިވަޑައިގެން ކުއްލި ފަރުވާދެމުން ދަނިކޮށެވެ. ޝައިޚުގެ އެ ދަތުރުފުޅަކީ އިސްލާމިކް ޓޫރިޒަމް ރާއްޖޭގައި ކުރިއަށްގެންދެވުމާ ގުޅޭ މަޝްވަރާތަކެއް ކުރެއްވުމަށް އޭނާ އިސްކޮށް ހުންނަވައިގެން ހިންގަވާ ޚިދުމަތް ޖަމްއިއްޔާގެ ޓީމަކާއެކުއެކު ކުރެއްވި ދަތުރުފުޅެކެވެ. 

ޝައިޚް ފަރީދުގެ މައްޗަށް ކަށުނަމާދުކޮށް އޭނާ ފަސްދާނުލީ މެލޭޝިޔާގައެވެ. އެއާއެކު އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ޝައިޚުގެ މައްޗަށް ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި މިއަދުގެ ހުކުރު ޖަމާއަތަށްފަހު ޣައިބަށް ކަށުނަމާދުކުރުމަށެވެ. 

ޝައިޚް އިބްރާހީމް ފަރީދަކީ ރާއްޖޭގައި ދީނުގެ އިލްމު ފެތުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައި އޮތް ދުވަސްވަރެއްގައި ނުކުމެވަޑައިގެން ފާޅުގައި ދީނުގެ ދައުވަތު ދެއްވަން ފެއްޓެވި މަދު އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެ މަސައްކަތްޕުޅުގެ ތެރެއިން އެތައް ފަހަަރަކު ބަންދުކުރެވި ޖަަލަށްވެސް ޝެއިޚު ގެންދެވުނެވެ. 

އަދި ރާއްޖޭގައި ސިޔާސީ އިސްލާހީ މަސައްކަތްތައް ފެށިގެންއައި ވަގުތު އެ މަސައްކަތުގެ ކުރީ ސަފުގައިވެސް ޝައިޚު ހަރަކާތްތެރިވެވަޑައިގަތެވެ. އެގޮތުން އިދިކޮޅު އެމްޑީޕީ އުފެދުނުއިރު އެ ޕާޓީގެ ދީނީ މަޝްވަރާ މަޖިލީހުގެ ރައީސްކަމުގައި ޝައިޚް ހުންނެވިއެވެ. 

އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ދީނާ ޚިލާފު ސިޔާސަތުތަކެއް ގެންގުޅޭތީ އެކަމާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ޝައިޚް ފަރީދުވަނީ އެ ޕާޓީ ދޫކުރައްވައި ނިކުމެވަޑައިގެންފައެވެ. އޭގެ ފަހުން ސިޔާސީ މަސައްކަތްޕުޅުގައި އެއްވެސް މިންވަރަކަށް ޝައިޚް ނޫޅުއްވައެވެ. 

ޝައިޚުގެ ހަޔާތްޕުޅުގެ ބާކީ ބައި ހޭދަކުރެއްވީ ދީނީ ދައުވަތު ދެއްވުމާއި، ހެޔޮ ފޯރުވުމުގެ ގޮތުން ޚައިރީ (ޗެރިޓީ) މަސައްކަތްތައް ކުރެއްވުމުގައެވެ. އެކަމަށްޓަކައި ޚިދުމަތް ޖަމްއިއްޔާގައި އިސްދައުރެއް އަދާކުރެއްވިއެވެ. ޝައިޚް ފަރީދުގެ ދީނީ ދަރުސްތަކަކީ ގިނަ ބައެއްގެ ޝައުގުވެރިކަން އަބަދުވެސް ލިބުނު ދަރުސްތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އޭގެ އިތުރަށް ޝައިޚް ފަރީދަކީ ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވައިވިދާޅުވި ޤާރީއެކެވެ. 

ޝައިޚް ފަރީދު ތައުލީމު ހާސިލުކުރެއްވީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއާއި ޤަޠަރު ޔުނިވާސިޓީންނެވެ. ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ކިޔަވަައިވިދާޅުވި ޝައިޚް ފަރީދުވަނީ މަޢުހަދުގައި ޤާނޫނީ އަދި ޝަރުޢީ މާއްދާތައް ކިޔަވައިދެއްވާފަައެވެ. 

ކިޔުންތެރިންގެ ހިޔާލު