ENGLISH
02 ޖުލައި 2025
މިއަދުވެސް މޫސުން ގޯސް ވާނެކަމަށް މެޓުން ލަފާކޮށްފި
13 ޖޫން 2025
|
މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) ލަފާކޮށްފިއެވެ.
ޚާއްޞަކޮށް މެންދުރުފަހު ބޮޑަށް ވިއްސާރަ ކުރުމުގެ ފުރުޞަތު އޮތްކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުގެ އެންގުމުގައިވާ ގޮތުން، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ ފުރުޞަތު އެބައޮތެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުމުގެ ފުރުޞަތު އޮތްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ. ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރާ ދުވަސްތަކާ ގުޅޭގޮތުން މެޓް އޮފީހުން ބުނެފައިވަނީ، ދެކުނުގެ އަތޮޅުތަކަށް މި އަންނަ އާދީއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އަންނަ ހޯމަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެއް ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ. މޫސުން ގޯސްވުމުގެ ފުރުޞަތު އޮތުމާއެކު، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ ރައްޔިތުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.