ENGLISH

02 ޖުލައި 2025

Advertisement

މިއަހަރު ނިމުމުގެ ކުރިން ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ ހިދުމަތް ފަށާނީ ރަށު މުވައްޒަފުންނާއެކު: އަލީ މޫސާ

13 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ

މި އަހަރު ނިމުމުގެ ކުރިން ހއ.ހޯރަފުށީގައި ތަރައްގީކޮށްފައިވާ ބޮޓްލިން ޕްލާންޓުގެ ހިދުމަތް އެ ރަށު މުވައްޒަފުންނާއެކު ފަށާނެކަމަށް ފެނަކައިން ބުނެފައިވާކަމަށް ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ މޫސާ ވިދާޅުވެއްޖެއެވެ. 

2019 ވަނަ އަހަރު އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރަން ފެށި ބޮޓްލިން ފެސިލިޓީގެ މަސައްކަތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް އައިއިރު ނުނިމި އޮތް ނަމަވެސް އެ އަހަރުގެ އޭޕްރީލު އަދި މޭ މަހު އެތަނަށް މުވައްޒަފުން ނަގާފައިވެއެވެ. 

މިހާތަނަށް ބޮޓްލިން މަސައްކަތް އޮޕަރޭޝަނަށް ގެނެވޭ މިންވަރަށް މަސައްކަތްތައް ނިމިފައިނުވި ނަމަވެސް ކުރީ ސަރުކާރުގައި އެތަނުގައި މަސައްކަތްކުރުމަށް ކަމުގައި ބުނެ ވަޒީފާއަށް ނެގި 17 މުވައްޒަފުން ތިބީ ފެނަކައިގެ ވަޒީފާގައެވެ. 

ފެނަކައިގެ މާލީ ހާލަތު ހުރި ގޮތުން އެ ކުންފުނީގެ އެއްވެސް ތަނެއްގައި މަސައްކަތެއް ނެތި މުވައްޒަފުން ބޭތިއްބުމަކީ އެ ކުންފުންޏަށް ތަހައްމަލުކުުރެވޭ ވަރަށްވުރެ ބޮޑު މާލީ ބުރައެއްކަމަށް އޮޑިޓު ރިޕޯޓުތަކުގައި ތަކުރާރުކޮށް ފާހަގަކޮށްފައިވަނިކޮށް، އެ ކުންފުނީގެ ބޯޑުން ނިންމާފައިވަނީ ބޮޓްލިން ޕްލާންޓުގެ ވަޒީފާއަށް ނަގާފައި ތިބި މުވައްޒަފުން ކުރާނެ މަސައްކަތެއް މިވަގުތު ނެތުމާއެކު އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށެވެ. 

މި މައްސަލައަށް އިޝާރާތްކުރައްވައި ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އަލީ މޫސާ ވިދާޅުވީ ބޮޓްލިން ޕްލާންޓުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނި ފެނަކައިގެ ބޯޑުގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް، އެ ކުންފުނީގެ އެޗްއާރް ޕޮލިސީޓަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. 

އިތުރަށް މެންބަރު ވިދާޅުވީ އެއްވެސް ރައްޔިތަކު އަދާކުރަމުން އައި ވަޒީފާއިން ވަކިކުރެވި ވަޒީފާ ގެއްލިގެންދިއުމަކީ އޭނަ ބޭނުންފުޅުވާ އަދި ތާއީދުކުރައްވާ ކަމެއްވެސް ނޫން ކަމުގައެވެ. 

އަދި ފެނަކައާ މިކަމާމެދު މަޝްވަރާކުރެއްވުމުން، ބޮޓްލިން ޕްލާންޓުން ހިދުމަތް ދޭން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމައި، އެތަނުގެ ހިދުމަތް ފެށޭނެ ތާރީހެއް ކަނޑައެޅުމާއެކު، އެތަނަށް ބޭނުންވާ މުވައްޒަފުން އެ ކުންފުނިން ހޯދާނެ ކަމަށް ފެނަކައިން ބުނެފައިވާކަމަށް މެންބަރު ވިދާޅުވިއެވެ. 

މެންބަރު އިތުރަށް ފާހަގަކުރެއްވީ އެ މަޝްރޫއުގައި ނުނިމިހުރި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމުގެ ޔަގީންކަން ފެނަކައިން ދީފައިވާ ކަމެވެ. 

އަދި ބޮޓްލިން ޕްލާންޓު ހިންގާ މޮޑެލްއަކީ ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ މޮޑަލަކަށް ބަދަލުކުރުމާއެކު، އެތަނުގެ ހިދުމަތް މި އަހަރުގެ ނިމުމުގެ ކުރިން ފަށައިގަންނާނެ ކަމުގައި ފެނަކައިން ބުނެފައިވާކަން ހާމަކުރައްވަމުން މެންބަރު ވިދާޅުވީ އެތަނުގެ ހިދުމަތް ފަށާނީ ހޯރަފުށީ މުވައްޒަފުންނާއެކު ކަމަށެވެ. 

މީގެ ކުރިން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓާވަނީ ވަރަށް އަވަހަަށް އެ ކުންފުނީގެ ފަންނީ ޓީމެއް ހޯރަފުއްޓަށް ގޮސް، ބޮޓްލިން ޕްލާންޓުގެ ހިދުމަތް ފެށުމުގެ ކުރިން ނިންމަން ޖެހިފައި ހުރި މަސައްކަތްތައް ދެނެގަންނާނެ ކަމަށާއި ޖުލައި މަހު އެ މަސައްކަތްތައް ނިންމުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު