ENGLISH
02 ޖުލައި 2025
ޤަވާއިދާ ޚިލާފަށް ޕާކުކުރުމުން 42 ވެހިކަލެއް ޓޯ ކޮށްފި
13 ޖޫން 2025
|
ފުލުހުން ވެހިކަލްތަކެއް ޓޯ ކުރަނީ -- ފޮޓޯ: ޕޮލިސް
މަޖީދީމަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރަން ނިންމި ނިންމުމާއި އެއްގޮތަށް އެފަދަ 42 ވެހިކަލެއް މިއަދު ޓޯވ ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މަޖީދީ މަގުގައި ޢާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
އަދި މިގޮތަށް ޓޯވ ކުރެވޭ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން މިރޭ ބުނީ މިއަދު 42 ވެހިކަލް ޓޯ ކޮށްފައިވާ ކަމަށެވެ. އެއީ ދެ ފޮރުޅީ 37 ވެހިކަލާއި ހަތަރު ފުރޮޅުލީ ފަސް ވެހިކަލް ކަމަށް ބުންޏެވެ.
އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މަޖީދީމަގަކީ އެންމެ ބާރުބޮޑު މަގަށްވާއިރު މަގުގެ ދެ ފަރާތުގައި ވެހިކަލްތައް ޕާކު ކުރުމަކީ އެކަމުން އެތައް ބަޔަކަށް ދަތި އުނދަގޫ ކުރިމަތިވާ ކަމެކެވެ. މަޖީދީމަގުގެ ބައެއް ސަރަޙައްދުތަކުގައި ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކުކޮށްފައި ބެހެއްޓުމަކީ އާންމު ކަމެކެވެ. އަދި މަޖީދީމަގުގެ އެކި ހިސާބުތަކުގައި ވަރަށް ގިނައިން ސައިކަލު ޕާކުކޮށްފައި ބަހައްޓަ އެވެ.