ENGLISH
02 ޖުލައި 2025
ދައުލަތުގެ އާމްދަނީއަށް ކުރިއެރުން، އަހަރުގެ މިހާތަނަށް 16.7 ބިލިއަން ރުފިޔާ
12 ޖޫން 2025
|
މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 16.77 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 15.7 ބިލިއަން ރުފިޔާއެވެ. އެއީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާގެ އިތުރުވުމެކެވެ.
ސަރުކާރަށް އާމްދަނީގެ ގޮތުގައި މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39.7 ބިލިއަން ރުފިޔާއެވެ. އަހަރުގެ މިހާތަނަށް ލިބިފައިވަނީ އޭގެތެރެއިން 42 އިންސައްތައިގެ އާމްދަނީއެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން 13 ބިލިއަން ރުފިޔާ ލިބިފައިވަނީ ޓެކުހުގެ ގޮތުގައެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 12.5 ބިލިއަނެވެ.
ޓެކުހުގެ އާމްދަނީއަށް ބަލާއިރު އެންމެ ގިނައިން ދައުލަތަށް އާމްދަނީ ލިބުނީ، މުދަލާއި ޚިދުމަތުގެ ޓެކުހުންނެވެ. އެގޮތުން އާއްމު މުދަލާއި ހިޚިދުމަތުގެ ޓެކުހާއި ޓޫރިޒަމް ޓެކްސް ހިމެނޭހެން 7.8 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. ބިޒްނަސް ޕްރޮޕަޓީ ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 2 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 100 މިލިއަން ރުފިޔާއެވެ.
މިއަހަރު ދައުލަތުގެ ބަޖެޓަކީ 56.64 ބިލިއަން ރުފިޔާއެވެ. އޭގެތެރެއިން މިހާތަނަށް ހަރަދުވީ 20.46 ބިލިއަނެވެ. މުސާރާއާއި ޕެންޝަނަށް 6 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. އިދާރީ އަދި އޮޕަރޭޝަނަލް ހަރަދުތަކަށް ހަރަދުވެފައިވަނީ 8 ބިލިއަން ރުފިޔާއެވެ.