ENGLISH

02 ޖުލައި 2025

Advertisement

ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ހަމްދަރުދީ ފާޅުކުރައްވައިފި

12 ޖޫން 2025

|

އަޙުމަދު ޙަމީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަދެންދުރަ މޯދީ

އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ގެޓްވިކް އެއާޕޯޓަށް ދަތުރުފުރި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަމްދަރުދީ ފާޅުކުރައްވައިފި އެވެ.

ވެއްޓުނު ބޯޓުގައި 242 ފަސިންޖަރުން ދަތުރުކުރި އެވެ. އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ހިތާާމަވެރި އެ ހާދިސާއާ ގުޅިގެން ހަމްދަރުދީ ފާޅުކުރައްވާ މި އުނދަގޫ ވަގުތު އިންޑިއާގެ ރައްޔިތުންނާއި އެ ޤައުމުގެ ސަރުކާރާއެކު ހުންނެވިކަން ހާމަ ކުރައްވާފަ އެވެ.

އިންޑިއާގެ އޭވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާމް މޯހަން ނައިދޫ ވިދާޅުވީ "އަޅުގަނޑުމެން މިހާރު މިތިބީ އެންމެ މަތީ އެލާޓުގައި ކަމަށާއި" ރެސްކިއު ޓީމުތައް މޯބިލައިޒްކޮށްފައިވާ ކަމަށެވެ.

ފްލައިޓް ޑޭޓާ ރެކޯޑާ ވެބްސައިޓުން އެނގޭ ގޮތުގައި ބޯއިން 787 ޑްރީމްލައިނާގެ ބޯޓު ވެއްޓުނީ ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އެ ބޯޓު އަހުމަދުއާބާދުން ފުރުމަށް ޝެޑިއުލްކޮށްފައި ވަނީ ހެނދުނު 9:50 ގަ އެވެ. ގެޓްވިކުގައި ޖައްސަން ހަމަޖެހިފައި ވަނީ ހަވީރު 18:25 ގަ އެވެ. ބޯޓު އަހުމަދުއާބާދުން ފުރީ މެންދުރު ފަހު 13:39 ގަ އެވެ.

ބޯޓު ނައްޓާލުމާ އެކު އެއާ ޓްރެފިކް ކޮންޓްރޯލް އަށް ވަނީ މޭޑޭ ކޯލެއް ދީފަ އެވެ. ނަމަވެސް އޭގެ ފަހުން ޕައިލެޓުންގެ ފަރާތުން އެއްވެސް ޚަބަރެއް ވެފައެއް ނުވެ އެވެ. ބޯޓު ވެއްޓުނު އިރު އަހުމަދުއާބާދަށް މޫސުން ރަނގަޅު ކަމަށް އޮފިޝަލުން ބުނެ އެވެ. ވައި ވެސް ޖެހެމުން ދިޔައީ އާދައިގެ ވަރަކަށް މަޑުން ކަމަށާއި ދުރުފެންނަ ނިސްބަތް ހުރީ ހަ ކިލޯމީޓަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޯޓުގެ ކެޕްޓަނަކީ 8،200 ގަޑިއިރު ދުއްވުމުގެ ތަޖްރިބާ ހުރި މީހެއް ކަމަށް ޚަބަރުތައް ބުނެއެވެ. ކޯ-ޕައިލެޓަކީ 1،100 ގަޑިއިރު ދުއްވުމުގެ ތަޖްރިބާ ހުރި މީހެކެވެ. 

ބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުން އަދި ކެނެޑާ މީހަކާއި ޕޯޗުގަލްގެ ހަތް މީހުން ކަމަށް އެއާ އިންޑިއާ އިން ބުންޏެވެ.

ބޯޓުގެ ސިގްނަލް ކެނޑިފައި ވަނީ އެއާޕޯޓުން ފުރިތާ މިނިޓެއް ވެސް ނުވަނީހެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔަ އުސްމިނަކީ 625 ފޫޓެވެ. 

އެއާ އިންޑިއާގެ ޗެއާމަން ނަތަރާޖަން ޗަންދުރަސެކަރަން ވެސް ވަނީ އަހުމަދުއާބާދާއި ގެޓްވިކްއާ ދެމެދު ދަތުރުކުރަމުން ހަމަޖެހިފައިވާ އެއާ އިންޑިއާ ފްލައިޓް 171 ވެއްޓިފައިވާކަން ޔަގީންކޮށްދެއްވައިފަ އެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ އިމަޖެންސީ ރެސްޕޮންސް ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން،" އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު