ENGLISH

02 ޖުލައި 2025

Advertisement

އިޤްތިޞާދީ މަޝްރޫޢުތަކުގެ ކުރިއެރުމާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" ގައި ދަމަހައްޓައިފި

12 ޖޫން 2025

|

ޢަލީ ޝަހީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. އާ ޓާމިނަލަކީ އިޤްތިޞާދީ ޙާލަތު ރަނގަޅުވާނެ އެއް މަޝްރޫޢު

ރާއްޖޭގައި ކުރިއަށްގެންދާ އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތަކާއެކު، ހާލަތު ރަނގަޅުވާނެކަމަށް އަންދާޒާކޮށް ކްރެޑިޓް އެޖެންސީ ފިޗުން، ރާއްޖޭގެ ފިޗް ރޭޓިން "ސީސީ" ގައި ދަމަހައްޓައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް އެޖެންސީން އާއްމުކުރި ރިޕޯޓުގައި ބުނީ ރާއްޖޭގެ ފިސްކަލް ހާލަތުގައި ގޮންޖެހުންތައް ހުރިނަމަވެސް، ކުރިއަށް ހުރި އިޤްތިޞާދީ ހަރަކާތްތަކާއެކު ޙާލަތު ދަށްނުވެ އޮންނާނެކަމަށް ލަފާކުރާ ކަމަށެވެ.

ފިޗުން ބުނީ ރާއްޖޭގެ ރޭޓިން "ސީސީ" ގައި ދެމެހެއްޓި މައިގަނޑު ސަބަބަކީ، އަންނަ ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އިތުރުން އާ ރިސޯޓުތައް ހުޅުވައި އެ ދާއިރާއަށް ކުރިއެރުން އައުމެވެ.

އާ ޓާމިނަލްގެ ބައެއް ރަސްމީކޮށް ހުޅުވައި ބެނުންކުރަން ފަށަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ފިޗުން ބުނީ އާ ޓާމިނަލް ބޭނުންކުރަން ފެށުމާއެކު، އިޤްތިޞާދީ ކުރިއެރުން މިއަހަރު 4.8 އިންސައްތައިގައި ހުންނާނެ ކަމަށެވެ.

ރާއްޖޭގެ ރޭޓިން ދެމެހެއްޓުމުގެ އަނެއް ސަބަބަކީ ރިސޯޓުތަކުންނާއި ޓޫރިސްޓް ފެސިލިޓީތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން ޖެހޭގޮތަށް ޤާނޫނަށް ގެނެސްފައިވާ ބަދަލެވެ. އެ ބަދަލުގެ ސަބަބުން ފައިސާގެ ރިޒާވް އިތުރުވިކަން ފިޗުން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތްގޮތަށް ބަލާއިރު، ބޭރުން ފައިސާ ހޯދުމުގައި ގޮންޖެހުންތައް ހުރިކަމަށް ފިޗުން ބުނެފައިވެއެވެ. ފިޗްގެ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރުތަކުގައި ނަގާފައިވާ ދަރަނި ބޮޑުވެ އަނބުރާ ނުދެއްކިދާނެކަމުގެ ކަންބޮޑުވުން ރާއްޖެއަށް އެބައޮތް ކަމަށެވެ.  

ރާއްޖޭގެ ދަރަނި އަދާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭ 5.5 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ވަނީ ދައްކައިފައެވެ. އެއީ 356 މިލިއަން ޑޮލަރެވެ. ފުރަތަމަ ހަ މަހު އެ އަދަދު ދެއްކިއިރު، މިއަހަރު ދަރަނީގެ ގޮތުގައި 10.8 ބިލިއަން ރުފިޔާ ސަރުކާރުން ދައްކަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު