ENGLISH
02 ޖުލައި 2025
ހުރިހާ ކްލާސްރޫމްތައް އޭސީ ކުރަން ފެނަކައާ ހަވާލުކޮށްފި
12 ޖޫން 2025
|
ހުރިހާ ކްލާސްރޫމްތައް އޭސީ ކުރަން ފެނަކައާ ހަވާލުކުރުން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ސަރުކާރު ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ހުރިހާ ކްލާސްރޫމްތައް އޭސީ ކުރަން ފެނަކަ ކޯޕަރޭޝަން ލިމިޑެޓާއި ހަވާލުކޮށްފި އެވެ.
އެ ކުންފުންޏާއި އެ މަސައްކަތް ހަވާލުކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފެނަކައާ ހަވާލުކުރީ އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރީން ހުރިހާ ކްލާސް ރޫމްތަކެއް އޭސީކޮށް ނިންމުމަށެވެ. އެ މަަސައްކަތް ފެނަކައާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށް ކަމަށް ވެސް ބުންޏެވެ.
ކްލާސްރޫމްތަކުގެ އިތުރަށް ސްކޫލްތަކުގެ ހޯލްތައް ވެސް އޭސީ ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ސަރުކާރުގެ އަމާޒަކީ ދިރާސީ އަހަރު ފެށުމުގެ ކުރީން ސަރުކާރު ހުރިހާ ސުކޫލެއްގެ ހުރިހާ ކްލާސް ރޫމްތަކެއް އޭސީކޮށް ނިންމުމެވެ.
ސަރުކާރު ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފުތިތާހުކޮށްފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ. މި ޕްރޮޖެކްޓް އެންމެ ފުރަތަމަ ފަށާފައި ވަނީ ކ. މާފުށީ ސްކޫލްގައެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އެންމެ ބޮޑަށް ދަރިވަރުންގެ ފަރާތުން އައި އެދުމަކީ، ދަރިވަރުން ކިޔަވާ ކްލާސްރޫމްތައް ހޫނުކަމުން، އޭސީކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން އެމަނިކުފާނު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމެއް އޭސީ ކުރަން ނިންމެވި ކަމަށެވެ.