ENGLISH
02 ޖުލައި 2025
ތަވާޟުޢުވެރިކަމަކީ ނަބިއްޔުންގެ ޚުލްޤުފުޅެއް: ހުކުރު ޚުޠުބާ
13 ޖޫން 2025
|
ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ތަވާޟުޢުވެރިކަމަކީ ނަބިއްޔުންގެ ޚުލްޤުފުޅެއް ކަމަށް، މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންދާ ކަމެކެވެ" މި މައުޟޫޢަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދު އިއްވި ޚުޠުބާގައި ބުނެފައިވަނީ، ތަވާޟުޢުވެރިކަމަކީ ނަބިއްޔުންގެ ޚުލްޤުފުޅެއް ކަމަށާއި، އެއީ މުއުމިނުންގެ ސިފައެއް ކަމަށެވެ. އަދި އެއީ އެ ސިފައެއްގެ ސަބަބުން ޝަރަފުވެރިންގެ ޝަރަފު އިތުރުވެގެންދާ، ޞާލިޙުންގެ ޢަލާމާތެއް ކަމަށެވެ.
ޚުޠުބާގައި ތަވާޟުޢުވެރިކަން މާނަކޮށްފައިވަނީ، "ހިތްތިރިކަމާއި މަޑުމޮޅިކަން، އަދި މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުން" މިފަދައިންނެވެ. މި ސިފައަކީ މި ސިފަ ލިބިގެންފައިވާ މީހުންނަށް، މީސްތަކުންގެ ފަރާތުން ސަނާއާއި ތާރީފާއި ޝުކުރުގެ ޖިޒީތައް އޮހޭނެ ސިފައެއް ކަމަށްވެސް ޚުޠުބާގައި ބުނެފައި ވެއެވެ. މީގެ އިތުރަށް، މި ސިފައިގެ ސަބަބުން މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ފެތުރިގެންގޮސް، މީސްތަކުންގެ މެދުގައި އުޚުއްވަތްތެރިކަން ފެތުރިގެންދާނެ ސިފައެއް ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ތަވަޟުޢުވެރިވާ މީހާގެ ދަރަޖަ، ﷲ ތަޢާލާ އުފުއްލަވާނެ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި ޤަޞަޞް ސޫރަތުގެ 83 ވަނަ އާޔަތުގެ އަލީގައި، އާޚިރަތުގެ ގޮވަތީން ނިޢުމަތާއި ބާއްޖަވެރިކަން، ތަވާޟުޢުވެރިކަމުގެ ސިފައިގަ ހިފެހެއްޓި މީހުނަށް ދެއްވާނެކަމަށް ޚުޠުބާގައި ބަޔާންކޮށްދީފައިވެއެވެ.
މީސްތަކުން ތަފާތުވެގެންދަނީ އެމީހުންގެ ޢުމުރަކުން، މުދާވެރިކަމަކުން، ޢަރަތްބަކަށް ނުވަތަ ޢަޖަމީއަކަށް ވުމުން ނުވަތަ އެމީހެއްގެ ހަމުގެ ކުލައަކުން ނޫންކަމަށާއި ނަމަވެސް އެމީހެއްގެ ތަޤުވާވެރިކަމުންނާއި އެމީހަކު ކުރި ހެޔޮ ޢަމަލަކުން އެކަނި ކަމަށް ބުނެ، އެކަކު އަނެކަކަށް ތަވާޟުޢުވެރިވުމަށް އެކަލޭގެފާނަށް މާތްﷲ ވަޙީކުރެއްވި ކަމަށް، ނަބިއްޔާ صلى الله عليه وسلم ކުރައްވާފައިވާ ޙަދީޘްއެއް ޚުޠުބާގައި ގެނެސްފައިވެއެވެ.
އެކަންކަމާމެދު ތަވާޟުޢުވެރި ވާންވީ ކަންކަން، ޚުޠުބާގައި ކިޔާދީފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ޚުޠުބާގައި ބުނެފައިވަނީ، މާތްﷲ އަމުރުކުރެއްވި ކަންކަން ކުރުމާއި އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމެވެ. ދެވަނަ ކަމަކަށް ބުނެފައިވަނީ މާތްﷲ ގެ މަތިވެރިކަމާއި ޖަލާލުވަންތަކަމާއި ކިބުރިޔާވަންތަކަމާއި ޢިއްޒަތްވަންތަކަމުގެ މައްޗަށް ތަވާޟުޢުވެރިވުމެވެ. ތިންވަނަ ކަމަކަށް ބުނެފައިވަނީ ހެދުން އެޅުމާއި ހިނގައިބިނގައިވެ އުޅުމުގައި ތަވާޟުޢުވެރިވުމެވެ. މިވާހަކަ ގެނެސް، ޚުޠުބާގައި ބުނެފައިވަނީ މިހާރަކަށް އައިސް ދެ ޖިންސުގެ މީހުންވެސް ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، ނަން މަޝްހޫރު މީހުން ކޮޕީކުރުން ޢާންމު ކަމަކަށް ވެފައިވާކަމަށެވެ. އަދި، ފިރިހެނަކު ބޮޑާކަމާއެކު އޭނާގެ ހެދުން ބިންމަތީ ދަމަމުން ދަނިކޮށް އޭނާ ބިމުގެ އަޑިއަށް ގަންބަވާލައްވާނެ ކަމަށާއި، ޤިޔާމަތާއި ހަމައަށް ބިމުގެ އަޑިއަށް އޭނާ ގެނބިގެނބި ހުންނާނެ ކަމަށް އައިސްފައިވާ ޙަދީޘް ބަސްފުޅެއް ގެނެސްފައިވެއެވެ.
އެކަމުގައި ތަވާޟުޢުވެރި ވާންވީ ހަތަރުވަނަ ކަމަކަށް ޚުޠުބާގައި ބުނެފައިވަނީ މަސައްކަތްކުރުމުގައި މީހުންނާ ބައިވެރިވެ، އެހީތެރިވުމެވެ. އަޙުޒާބު ހަނގުރާމައިގައި ޚަންދަޤު ކޮންނެވުމުގައި އެކަލޭގެފާނުގެ އަޞްޙާބުންނާ ބައިވެރިވެވަޑައިގެން ކީރިތި މާތް ނަބިއްޔާ މަސައްކަތް ކުރެއްވި ކަމަށް އަލް-ބަރާއު ބުނު ޢާޒިބު رضى الله عنه ވިދާޅުވިކަމަށް ޚުޠުބާގައި ގެނެސްފައިވެއެވެ.
ފަސްވަނަ ކަމަކަށް ގެނެސްފައިވަނީ އަނބިދަރީންނާމެދު މުޢާމަލާތުކުރުމުގައި އަދި ގޭގެ މަސައްކަތުގައި އެހީތެރިވުމުގައި ތަވާޟުޢުވެރިވުމެވެ. އަދި ހަވަނަ ކަމަކަށް، ކުޑަކުދީންނަށް އޯގާތެރިވެ، އެކުދީންނާ ސަމާސާކުރުމުގައި ތަވާޟުޢުވެރިވުމެވެ.
ޚުޠުބާ ނިންމާލާފައިވަނީ، ޢިލްމުވެރިންނާއި އެކިއެކި މަޤާމުތަކަށް އިސްކޮށްފައިވާ މީހުން، އަދި ޢާންމުކޮށް އެންމެންވެސް މާތްﷲ އަށް ތަވާޟުޢުވެރިވުމަށް ގޮވާލާ، ވަޞިއްޔަތް ކުރަމުންނެވެ.