ENGLISH

02 ޖުލައި 2025

Advertisement

ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވި އަންހެނަކު ހާޒިރުކުރަން ފުލުހުން އިއުލާނުކޮށްފި

12 ޖޫން 2025

|

ޢަލީ ޝަހީމް

ވިޔަފާރިކޮށްފައި ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި އަންހެނަކު ތަހުގީގަށް ހާޒިރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނުކޮށްފިއެވެ. 

ފުލުހުން ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގުކުރާ މައްސަލައިގައި ހާޒިރުކުރަން ބޭނުންވަނީ، ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، ޢާއިޝަތު މަލީހާ ކަމަށެވެ. އުމުރުން 22 އަހަރުގެ މަލީހާ ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށެވެ. 

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް، ތަހުގީގަށް މަލީހާ ހާޒިރުވާންޖެހޭ ގަޑިއަކީ ޖޫން 18 ވަނަ ދުވަހުގެ 10:00 އެވެ. ފުލުުހުން ބުނީ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން، މަލީހާ ތަހުގީގަށް ހާޒިރުކުރުމަށް ޗިޓް ރައްދުކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން މަލީހާ ފުލުހަށް ހާޒިރުކުރުމަށް އިއުލާނުކުރީއެވެ. 

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހާޒިރުކުރުން 

ފުލުހުން މިއަދު ވަނީ މަކަރާއި ހީލަތުގެ މައްސަލައެއްގައި ވެސް މީހަކު ހާޒިރުކުރުމަށް އިއުލާނުކޮށްފައެވެ. އެގޮތުން އެ މައްސަލައިގައި ފުލުހުން ހާޒިރުކުރަން ބޭނުންވަނީ ފުވައްމުލައް، ދިގުވާޑް، ވެލިގާ، ޙަސަން ސަޢީދު (34އ) އެވެ. ފުލުހުން ބުނީ ސަޢީދު ތަހުގީގަށް ހާޒިރުކުރަން ބޭނުންވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. އެގޮތުން ސަޢީދު ހާޒިރުކުރަން އިއުލާނުކުރީ ޖޫން 19 ވަނަ ދުވަހުގެ 10:00 އަށެވެ. 

ފުލުހުން ބުނީ ސަޢީދު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނވާ ކަމަށެވެ. ސަޢީދު ވެސް ހާޒިރުކުރަނީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ހަދާފާއިވާ ޤަވާއިދުގެ ދަށުން ޖިނާއީ ތަހުގީގު ހިންގުމަށެވެ.  

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރަށް

ފުލުހުން ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަދު މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ. އެ އިދާރާއިން ބުނީ ހައްޔަރުކުރީ ހ. ސާޖް، މާލެ، ޢަބްދުﷲ މުޙައްމަދު ޙަބީބް (44އ) ކަމަށެވެ. 

ޙަބީބް ހައްޔަރުކުރީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ށ. ފުނަދޫއިންނެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތާ ގުޅިގެން ޙަބީބް ހައްޔަރުކުރުމުގެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. 

އޮޕަރޭޝަނުގެ ތެރެއިން ޙަބީބް ހައްޔަރުކުރީ ށ. ފުނަދޫ އާރުޓީއެލް ފެރީ ޓާމިނަލް ކައިރިން ކަމަށް ފުލުހުން ބުނެފައިވެއެވެ. ޙަބީބް ހުއްޓުވައި ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. މައްސަލައާ ގުޅިގެން ޙަބީބް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ވަނީ ބަންދުކޮށްފައެވެ. 

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ޙަބީބްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު