ENGLISH
02 ޖުލައި 2025
އަހަރު ނިމުމުގެ ކުރިން ހުރިހާާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރަނީ
12 ޖޫން 2025
|
އާރުޓީއެލް ފެރީތަކެއް (ފޮޓޯ/ އަވަސް އެމްވީ)
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސައުދީ ވަނީ އާރުޓީއެލް ފެރީ ނެޓްވޯކު މުޅި ރާއްޖެއަށް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ވާހަކަދައްކަވާފައެވެ. އެކަން ކުރެވޭނީ، ސައުދީީ ވިދާާޅުވި ގޮތުގައި އިންސާނީ ވަސީލަތާއި އުޅަނދުތައް އިތުރުކޮށްގެންނެވެ.
އެކަމަށްޓަކައި އިންޑިއާ ސަރުކާރުގެ އެހީގައި 100 މިލިއަން ރުފިޔާ ޚާއްސަކޮށްފައިވާއިރު އިތުރު އުޅަނދުތައް ބަނުމަށް މިހާރު ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސައުދީ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވި ގޮތުގައި އެ އުޅަނދުތައް ބަންނަމުންދާ ވަރަކަށް ޚިދުމަތް ފުޅާކުރަމުންދާނެއެވެ.
"އެހެންވީމަ އެ ބަޖެޓުގެ ތެރެއިން ނިމިގެން އަންނަ ވެސަލްތައް އައީމަ ޖުލައި އޮގަސްޓް، ސެޕްޓެމްބަރ، އޮކްޓޯބަރ، ނޮވެމްބަރ ގޮސް އަޅުގަނޑުމެން މުޅިއެތި ކޮމްޕްލީޓް ކުރާގޮތަށް މިއޮތީ" ސައުދީ ވިދާޅުވި އެވެ.
ސައުދީ ވިދާޅުވީ މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާކުރާނަމަ އިތުރު 56 އުޅަނދު ބޭނުންވާ ކަމަށެވެ. އަދި އުޅަނދުތައް މަދުވުމުން ދަތިތަކާއި ދިމާވާކަން ވެސް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުން، އެންމެ އަވަހަށް ދެން އާރުޓީއެލްގެ ޚިދުމަތް ފަށާނީ ރ. އަތޮޅުގަ އެވެ. އޭގެފަހުން ބ. އަތޮޅުގައެވެ. އެގޮތުން ރ. އަތޮޅުގައި މި މަހު ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު އަންނަ މަހުގެ ތެރޭގައި ބ. އަތޮޅުގައި ވެސް އެ ޚިދުމަތް ފެށޭނެ ކަމަށް ސައުދީ ފާހަގަކުރެެއްވިއެވެ.