ENGLISH

02 ޖުލައި 2025

Advertisement

ޝައިޚް ފަރީދުގެ މަސައްކަތް ދިރުވާނެ ހަނދާނެއް ރާއްޖޭގައި ހުރުން މުހިއްމު: ޑރ. ޝަހީމް

12 ޖޫން 2025

|

ޢަލީ ޝަހީމް

ޖޫން 9 ވަނަ ދުވަހު މެލޭޝިއާގައި އަވަހާރަވި ރާއްޖޭގެ ޢިއްޒަތްތެރި އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދު ކުރެއްވި މަސައްކަތުގެ ހަނދާނެއްގެ ގޮތުން ރާއްޖޭގައި މިސްކިތެއް ބިނާކުރުން އައުލާކަން ބޮޑުކަމަށާއި، އެކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޝައިޚް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވީ ހޯމަ ދުވަހު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އެއާޕޯޓުގައެވެ. އެއާޕޯޓަށް ޝައިޚު ފަރީދު ވެއްޓިވަޑައިގަތުމާއެކު އަވަސް ފަރުވާދީފައިވެއެވެ. އެހެންނަމަވެސް، ކުޑައިރުކޮޅެއްތެރޭ ވަނީ އަވަހަރާވެފައެވެ. 

ޝައިޚް ފަރީދަކީ ރާއްޖޭގައި ހިންގާ ޚިދުމަތް ޖަމިއްޔާގެ މުސްތަޝާރުގެ އިތުރުން ޝަރީޢާ ބޯޑުގެ ރައީސްއެވެ. ޝައިޚް ފަރީދު އަވަހާރަވުމާ ގުޅިގެން ޚިދުމަތް ޖަމިއްޔާއިން އެންމެ ފުރަތަމަ ފުރުޞަތު ހުޅުވާލީ، ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ހޭދަކުރުމަށެވެ. އެ ފުރުސަތަށް ދުވަހެއް ނުވަނީސް ގިނަ ބައެއްގެ މާލީ އެހީތެރިކަމާއެކު ބަންގްލަދޭޝްގައި ޤާއިމްކުރަން ހަމަޖެއްސި މިސްކިތަށް ބޭނުންވާ ފައިސާ ހަމަވިއެވެ. 

ބަންގްލަދޭޝްގައި ޝައިޚް ފަރީދުގެ ހަނދާނުގައި ބިނާކުރަން ނިންމީ 250 އަކަމީޓަރުގެ ބޮޑު 455 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތް ބިނާކުރުމަށް ބޭނުންވާ 760،000 ރުފިޔާ ހަމަވެފައިވާކަމަށް ޚިދުމަތް ޖަމިއްޔާއިން ވަނީ ބުނެފައެވެ. 

ގިނަ ބަޔަކު އެދޭތީ ޝައިޚްގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް 

ޚިދުމަތް ޖަމިއްޔާއިން ރޭ ކުރި ޕޯސްޓެއްގައި ބުނީ ޝައިޚްގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރަން ނިންމި މިސްކިތަށް ގިނަ ބައެއްގެ އެހީތެރިކަން ލިބި، އެކަމުގައި އަދިވެސް އެއްބާރުލުން ދޭން ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. އެހެންވެ، ގިނަ ބައެއްގެ އެދުމުގެ މަތީން ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަން ޚިދުމަތް ޖަމިއްޔާއިން ވަނީ ނިންމައިފައެވެ. އެގޮތުން ރާއްޖޭގައި ބިނާކުރާ މިސްކިތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު އެ ޖަމިއްޔާއިން ވަނީ ހުޅުވާލާފައެވެ. 

އެކަމަށް މަރުޙަބާ ދަންނަވައި، "ފޭސްބުކް" ގައި ކުރެއްވި ޕޯސްޓުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ އެއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށާއި، ޝައިޚްގެ ހަނދާނެއް ރާއްޖޭން ބޭރުގައި ހުރުމަށްވުރެ ރާއްޖޭގައި ހުރުން މާ އައުލާކަން ބޮޑު ކަމަށެވެ. 

"އަދި މިސްކިތް ހުންނަންވީ ވެސް އިސްލާމީ ޢިލްމުގެ ލައިބްރަރީއަކާއި ގުރުޢާން ވެސް ކިޔަވައިދެވޭނެ ކްލާސްރޫމްތަކާ ވެސް އެކުގައި ކަމަށް ދެކެން. ޝައިޚް ކުރެއްވި މަސައްކަތް ދިރުވާނެ ތަނެއްގެ ގޮތުގައި ޝައިޚް އަށް ވަޤުފެއްގެ ގޮތުގައި" - އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި މިސްކިތް ބިނާކުރުމުގައި ޚިދުމަތް ޖަމިއްޔާއިން ބޭނުންވާ ހުރިހާ ކަމެއްގައި އިސްލާމިކް މިނިސްޓްރީން އެހީތެރިވާނެ ކަމަށެވެ. އެގޮތުން މިސްކިތް ބިނާކުރާނެ ތަނެއް ހަމަޖެއްސުމާއި މާލީ ގޮތުން ވެސް ދެވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. 

ޝައިހް ފަރީދު ވަނީ ރާއްޖޭގައި ދީނީ ދަޢުވަތު ފެތުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ޝައިޚް ފަރީދު ކުރިއަށް ގެންދެވި ސިލްސިލާ ބޮޑެތި ދަރުސްތަކަކީ އެ ދަރުސްތަކުން ވަރަށް ގިނަ ބަޔަކަށް ހެޔޮ މަންފާ ކުރި، އަދި އާންމުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމާއި ތަރުޙީބެއް ލިބިގެން ދިޔަ ދަރުސްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު