ENGLISH
02 ޖުލައި 2025
ރައީސް ޑރ.މުޢިއްޒުގެ ތިލަފަތްހަމަ ހާރިޖީ ސިޔާސަތު؛ ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރާނެ ހަރުދަނާ އަސާސެއް
13 ޖޫން 2025
|
އިންޑިޔާ އަދި ޗައިނާގެ ވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ދުނިޔެ މިހާރު މިއޮތީ ބޮޑެތި ފުރޮޅުންތަކެއްގެ ތެރޭގައެވެ. ފިނި ހަނގުރާމަ ނިމި ބާލިންގެ ފާރު ވައްޓައިލިތާ 35 އަހަރެއްހައި ދުވަސްވީއިރު އެއިރުގެ ދުނިޔެއާއި މިއަދުގެ ދުނިޔެ މުޅިން ތަފާތެވެ. ހާއްސަކޮށް އިގުތިސާދީ އަސްކަރީ ބޮޑު ބާރެއްގެ ގޮތުގައި ތަރައްގީވަމުން އަންނަ ގައުމެއް ފެނުން ތިލަވެ ހިންދެމިލައި، އޭގެ ފަހަތުން ތަރައްގީވަމުން އަންނަ އިތުރު ގައުމުތައް ހަލުއި އިގުތިސާދީ ކުރިއެރުން ހޯދަމުންދާ މިދުވަސްވަރު ދުނިޔޭގެ މަސްރަހު މިދަނީ ވަރަށް ބާރު ދުވެލީގައި އައު ގޮތްގޮތަށް ބައްޓަންވަމުންނެވެ.
މިފަދަ ބަދަލުވަމުންދާ ދުނިޔެއެއްގައި، ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، ތަރައްގީއާއި ކުރިއެރުން ގުޅިފައި އޮންނަނީ އަރަމުން އަންނަ ބާރުތަކާއި މިހާރުވެސް ގާއިމުވެފައިވާ (އެސްޓެބްލިޝްޑް) ބާރުތަކާއެކު ބޭއްވޭ ހަރުދަނާ ގުޅުމެއްގެ މައްޗަށެވެ. ރާއްޖެފަދަ އިގުތިސާދީ ގޮތުން ނާޒުކު، އަސްކަރީ ގޮތުން ބަލިކަށި ކޮންމެ ގައުމެއްގެ ދެމިއޮތުން ގުޅެނީ އެ ގައުމެއްގެ ހާރިޖީ ސިޔާސަތާއެވެ.
ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރާއްޖެއިން ދަމަހައްޓަމުންއައީ އެއްވެސް ފަރާތަކަށް ބުރަނުވުމުގެ ސިޔާސަތެކެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމިގެންދިޔައިރު އައު ސައްތައަކަށް ދުނިޔެ ހޭލައި، ދުނިޔޭގެ މަސްރަހަށް އައި ބަދަލުތަކާއެކު ބައިނަލްއަގުވާމީ ވާދަވެރިކަމުގެ ތެރެއިން މަންފާ ހޯދުމުގެ ބޭނުންތެރިކަން ބޮޑުވެ ވަކި އަތަކަށް ބުރަނުވުމުގެ ސިޔާސަތު ދެމެހެއްޓުމަށް ރާއްޖެއަށް ދަތިވިއެވެ.
ހާއްސަކޮށް 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފެނުނު މަންޒަރަކީ ސަރަހައްދީ ވާދަވެރިކަމުގައި ދެ ގައުމެއްގެ މެދުގައި ގާތް ގުޅުން އެއްހަމައެއްގައި ދެމެހެއްޓުމަށް ދިވެހި ވެރިން ނުކުޅެދިވަޑައިގަތް ތަނެވެ. ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަވައްޓެރި އިންޑިޔާއާ އޮތް ގުޅުން އެކި ސަބަބުތަކާހުރެ ވަރަށް ބޮޑަށް ހީނަރުވިއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިންޑިޔާ ސަރުކާރާއި އެގައުމުގެ ސިޔާސީ ލީޑަރުން ރާއްޖެއާމެދު ނުރުހިވަޑައިގެން ފާޑުވިދާޅުވަމުން ގެންދެވިއެވެ.
އަނެއްކޮޅުން އެމަނިކުފާނުގެ ދައުރުގައި ޗައިނާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވިއެވެ. ރާއްޖެއަށް ބޭނުންވެފައި ހުރި އުމްރާނީ ތަރައްގީގެ ބޮޑެތި އެތައް މަސައްކަތްތަކެއް އެ ދުވަސްވަރު ކުރެވުނީ ޗައިނާގެ އެހީގައެވެ. ބަލާ ބެލުމަށް ޗައިނާއާ އޮތް އެކުވެރިކަމުގެ އަގަކަށްވީ ޒަމާންވީ އަވައްޓެރިޔާއާ އޮތް ދުވަސްވީ ގުޅުމެވެ. އެގުޅުން ކެނޑޭ ހިސާބަށް ކަންކަން ދިޔައެވެ. މައްސަލަތައް ހައްލުނުކުރެވި ރައީސް ޔާމީނުގެ ސަރުކާރުން އދ.އަށް އިންޑިޔާގެ ޝަކުވާ އުފުލާ ހިސާބަށް ކަންކަން ދިޔައެވެ.
ދެން އައި އެމްޑީޕީ ވެރިކަމުގައި ފެނުނީ ރައީސް ޔާމީނު ގެންގުޅުއްވި ހާރިޖީ ސިޔާސަތު އިދިކޮޅަށް ޖަހައިލި ތަނެވެ. އޮޑީގެ މިސްރާބު ބަދަލުކޮށްލީ 360 ޑިގުރީއަށެވެ. އިންޑިޔާއާ އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިކުރިއެވެ. އެގައުމުން ރާއްޖެއަށް ގިނަގުނަ ދީލަތި އެހީތައް ފޯރުކޮށްދިނެވެ. އެގައުމާއެކު އޮތް ގުޅުން ބަދަހިކުރި ކުރީނުން ރައްޔިތުންގެ ހިތްތަކުގައި އިންޑިޔާއާމެދު ނުރުހުން އުފެދޭ މިންވަރަށް "އުނގަށް" ވެއްޓިގަތް ކަމުގައި ބައެއް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.
އެއާއެކު ކުރިން ޗައިނާއާއެކު އޮތް ގުޅުން ހީނަރުވިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗައިނާއާއެކު ތަރައްގީގެ ބޮޑެތި މަސައްކަތްތައް ކުރެވުނު މަންޒަރު ނުފެނެއެވެ. ބައެއްފަހަރު ޗައިނާއިން އެހީ ފޯރުކޮށްދޭން އުޅުމުން އެކަމަށް ޖަވާބެއް ނުދީ ލަސްކުރަމުން ގޮސް މުއާލާތްކެނޑިފައިވެސް އެބަހުއްޓެވެ. ބައެއް ތަޖުރިބާކާރު ބޭފުޅުން ވިދާޅުވަނީ އިންޑިޔާ ނުރުހިދާނެކަމަށް ހީފުޅުވެގެން އެއިރުގެ ވެރިންނަށް އެ އެހީގައި ހިއްޕަވަން ކެރިވަޑައިނުގަންނަވަނީ ކަމަށެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ ވަރަށް ސާފު އަސާސްތަކެއްގެ މައްޗަށް ބިނާކުރައްވާ، ތިލަފަތްހަމަ ތަފާތުކުރުމެއް ނެތް ޚާރިޖީ ސިޔާސަތެކެވެ. އެއީ ޕްރޯ-މޯލްޑިވްސް ނުވަތަ ރާއްޖެއާ އެއްކޮޅު ހާރިޖީ ސިޔާސަތެކެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން ގައުމާ މުހާތަބުކުރައްވަމުން އެ ސިޔާސަތުގެ އަސާސީ ސިފަ ބަޔާންކޮށްދެއްވިއެވެ. ދިވެހިރާއްޖޭގެ ސިޔާދަތަށް އިހުތިރާމުކުރާ ކޮންމެ ގައުމަކާއެކު، ގާތްކަން ބޭއްވެވުމެވެ. ރާއްޖެއަށް ގެއްލުމެއްނުވާނެ ގޮތަށް، ރާއްޖެއަށް އެހީތެރިވެދޭން ބޭނުންވާ ކޮންމެ ގައުމެއްގެ އެހީތެރިކަން ހޯއްދެވުމެވެ.
ރައީސް ވިދާޅުވަމުންގެންދެވީ ރާއްޖޭގެ ސިޔާދަތާމެދު ދިވެހިންގެ ހުރި ކަންބޮޑުވުންތައް އެކުވެރި ގައުމުތަކުން އަޑުއަހާނެ ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ޑިޕްލޮމަސީގެ އުސޫލުން މަޝްވަރާކޮށްގެން ހައްލުތައް ހޯދޭނެ ކަމަށެވެ. އެއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމަށްވާ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި މައްސަލައާއި ކަނޑުފަޅުގެ ހުރިހާ މައުލޫމާތެއް އިންޑިޔާއަށް ލިބޭ ގޮތަށް ހަދާފައި އޮތް ސިއްރު އެއްބަސްވުންފަދަ މައްސަލަތަކަށް އެމަނިކުފާނު ހައްލު ހޯދައިދެއްވީ ޑިޕްލޮމަސީގެ ތެރެއިން ވާހަކަދައްކަވައިގެންނެވެ.
މިއަދު ރާއްޖޭގައި އިންޑިޔާ ސިފައިންނެއް ނެތެވެ. ދިވެހި ކަނޑުފަޅުގެ ފުންތަނާއި އަޑިގަނޑުތަކާއި އުސްތަންތަން ފަދަ ނެވިކަމަށް މުހިއްމު ސިއްރުތައް އެނގޭ ހައިޑްރޮގްރަފީ ސާވޭ އިންޑިޔާއިން ހެދުމުގެ ބަދަލުގައި އެކަންކުރަން ދިވެހި ސިފައިންގެ ހިދުމަތުގައި ވަކި ބައެއް އުފައްދަވައި އެ މަސައްކަތްވެސް ދިވެހިންގެ އަތްމައްޗަށް ގެންނަވައިފިއެވެ.
މިހުރިހާ ކަމެއް ކުރެއްވުމުގެ ތެރެއިން އިންޑިޔާ ރާއްޖެ ގުޅުމުގައި ޖެހުނު ކުންޏެއްނަމަ ފިލުއްވައި، ދެ ގައުމުގެ ގުޅުން އިހުނެކޭ އެއް މިންވަރަށް ރުޖޫއަކުރައްވައިފިއެވެ. އަދި ކުރިއަށްވުރެ ފުޅާކޮށް އިންޑިޔާއާއެކު ވިޔަފާރިއާއި އިގުތިސާދާއި އެނޫންވެސް ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
އޭޝިޔާގެ ބޮޑު ދެބާރަކީ ޗައިނާއާއި އިންޑިޔާއެވެ. ޗައިނާއަކީ ދުނިޔޭގެ ދެވަނަ އިގުތިސާދެވެ. ދުނިޔޭގެ ސިނާއީ މައި މަރުކަޒެވެ. އިންޑިޔާއަކީ ދުނިޔޭގެ ތިންވަނަ އިގުތިސާދަށްވުމުގެ ރާސްތާގައި ދަތުރުކުރަމުން އަންނަ ބޮޑު ބާރެކެވެ. ޒުވާން އާބާދީއާއެކު ހަލުއިކޮށް ގައުމީ އުފެއްދުންތެރިކަން އިތުރުކުރަމުން އަންނަ އަރަމުންދާ ބާރެކެވެ. ދެ ބާރުގެ މަސްލަހަތު ފުށުއަރާ ކަންކަން ހުންނާނެއެވެ. ނަމަވެސް އިންޑިޔާގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔަކީ ޗައިނާއެވެ. ބަވަނަވެފައިވާ މިދުނިޔޭގައި ބޮޑެތި އިގުތިސާދުތަކަކީ އެއްގޮތަށްވުރެ ގިނަ ގޮތުން ލާމެހިފައިވާ އިގުތިސާދުތަކެވެ.
މިދެންނެވި ދެ ބާރާ ރަނގަޅު ގުޅުމެއް ނެގެހެއްޓުމާއެކު، އެއްވެސް ބާރަކާ އޮންނަ ގުޅުން ހީނަރުވިޔަނުދިނުމަކީ ފަސޭހަކަމެއް ނޫނެވެ. ދެ ގައުމުންވެސް ބޭނުންވާ ކަންކަން ހުންނާނެއެވެ. އެ ބޭނުންތައް ފުށުއަރާ ހާލަތުވެސް އަންނާނެއެވެ. ރާއްޖެ އޮންނަ ތަނަކީ މި ދެ ގައުމަށްވެސް މުހިއްމު ތަނެކެވެ. އިންޑިޔާގެ ސަލާމަތާއި ރާއްޖޭގެ ސަލާމަތް ގުޅިފައިވާކަމަށް އިންޑިޔާއިން ދެކެއެވެ. ޗައިނާގެ އުފެއްދުންތައް ދުނިޔެއަށް ނެރުމަށް ބޭނުންކުރާ ކަނޑު ދަތުރުފަތުރުގެ މަގުގައި ރާއްޖެ އޮތީ މުހިއްމު ހިސާބެއްގައެވެ.
މިފަހުގެ ތާރީހުގައި ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ފެންނަނީ މި ދެ ގައުމާ އޮތް ގުޅުން ތިލަފަތްހަމަކޮށް ހަމަހަމަކޮށް ގުޅުން ބާއްވާ ފުރަތަމަ ސަރުކާރުގެ ގޮތުގައެވެ. ޗައިނާއާ އޮތް ގުޅުމުގެ ހަރުދަނާކަން ފެންނަނީ އެ ގައުމުން ހިލޭ އެހީގައި ރާއްޖޭގައި ހިންގަން ނިންމާފައިވާ ބޮޑެތި މަސައްކަތްތަކުންނެވެ. މާލޭގެ ހުރިހާ މަގެއް އަދާހަމަކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ވިލިމާލޭގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކުރުމެވެ.
އޭގެ އިތުރަށް ޗައިނާ ރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުމަށް އަމަލުކުރަން ފެށިއްޖެއެވެ. ވީޕޭ ފަދަ ޗައިނާގައި މަޝްހޫރު ޕޭމެންޓު ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރާނެ ފުރުސަތު ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންނަށް ފަހިކުރެވިއްޖެއެވެ. ޗައިނާއާ ރާއްޖޭގެ މެދުގައި ދެ ގައުމުގެ ފައިސާއިން މުއާމަލާތްތައް ހިންގޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންނަނީ މަޝްވަރާކުރެވެމުންނެވެ. އަދިވެސް އެގުޅުމުގެ ތެރެއިން ކުރެވޭނެ ލައްކަ ކަންކަމާމެދު ދެ ގައުމުގެ މެދުގައި މަޝްވަރާތައް ހުރީ ކުރެވިފައެވެ.
އިންޑިޔާއާ އޮތް ގުޅުން ފެންނަނީ ޗައިނާ ރާއްޖެ ގުޅުމެކޭ އެއްފަދައިން ވަރަށް ބަދަހިކޮށެވެ. އިންޑިޔާއިން ދަރަންޏަށް ދިން ފައިސާ އަނބުރާ ދެއްކުން ފަސްކޮށްދެމުންދަނީ ރާއްޖޭގެ މާލީ ހާލަތަށް ރިއާޔަތްކުރުމުގެ ގޮތުންނެވެ. ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހީނަރުވުމުން އެކަމުން އަރައިގަތުމަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް އިންޑިޔާއިން ހަމަޖައްސައިދިނީ ބޭރުފައިސާގެ ތާށިކަން ހައްލުކުރުމުގައި މަދަދުވެރިވުމަށެވެ. އަދި އިންޑިޔާއާއި ރާއްޖޭގެ މެދުގައި ދެ ގައުމުގެ ފައިސާއިން މާލީ މުއާމަލާތްތައްކުރެވޭނެ މަގުވެސް އެއޮތީ ފަހިކޮށްދީފައެވެ.
މިދެންނެވުނީ މިދެގައުމާއެކު ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ބާއްވަމުންދާ ގުޅުމުން ރާއްޖެއަށް ލިބެމުންދާ މަންފާތަަކެވެ. ވާދަވެރި ދެ ގައުމުގެ ވާދަވެރިކަމުގައި ނުޖެހި، ދެ ގައުމުންކުރެ އެއްވެސް ގައުމަކާ ހަތުރުވެރިކަމެއް ނުބާއްވައި، ދެ ގައުމުގެ މަސްލަހަތުތައްވެސް ހިމާޔަތްކުރެވޭނެ ގޮތަށް ސިޔާސަތު ބައްޓަންކޮށް، ރާއްޖެއަށް ފައިދާވާނެ ކަންކަން ދެ ގައުމުންމެ ހޯދައިގެން ކުރިއަށްދިއުމުގެ މިސާލު ސަރުކާރުން އަންނަނީ ދައްކަމުންނެވެ.
"ޕްރޯ މޯލްޑިވްސް" ސިޔާސަތަކީ ތިލަފަތްހަމަ ހާރިޖީ ގުޅުންތަކުގެ ތެރެއިން ރާއްޖެއަށް ލިބެން އޮތް މަންފާ ހޯދުމުގެ ސިޔާސަތެވެ. ރައީސް ދައްކަވައިދެއްވަނީ ހާރިޖީ ގުޅުންތައް ބައްޓަންކުރުމުގައި ވަކި ބަޔަކަށް ބަރޯސާވެ ވަކި ބަޔަކާ ހަތުރުވެރިވުމެއް ނެތި، ދިވެހިރާއްޖެއާއި ދިވެހިންގެ މަސްލަހަތުތަކަށް މަސައްކަތްކުރެވިދާނެ ކަމެވެ. ދިވެހިރާއްޖެއަަށް ބޭނުންވާ މަދަދާއި އެހީތެރިކަން ހޯދޭނީ ވަކި ބަޔަކާ އޮންނަ ގުޅުން ގުރުބާންކޮށްގެން ނޫންކަމެވެ.