ENGLISH

02 ޖުލައި 2025

Advertisement

ދިވެހި ޙައްޖާޖީން ރާއްޖެ އަންނަން ފަށާނީ ހުކުރު ދުވަހު

11 ޖޫން 2025

|

ޢަލީ ޝަހީމް

ދިވެހި ޙައްޖުވެރިންތަކެއް ސައުދީގައި. ޙައްޖުވެރިން ހުކުރު ދުވަހު އަންނަން ފަށާނެ. ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖޭން ޙައްޖަށް ދިޔަ ޙައްޖާޖީން އަންނަ ހުކުރު ދުވަހު ރާއްޖެ އަންނަން ފަށާނެކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަން އިން ބުނެފިއެވެ. 

ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް އަންނަ ހުކުރު ދުވަހު ރާއްޖެ އަންނައިރު ފަހު ގްރޫޕް ރާއްޖެ އަންނާނީ ހޯމަ ދުވަހެވެ. 

ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ގޮތް؛ 

  • ފުރަތަމަ ގްރޫޕް - 13 ޖޫން 2025 (14:00)
  • ދެވަނަ ގްރޫޕް - 14 ޖޫން 2025 (23:00) 
  • ތިންވަނަ ގްރޫޕް - 17 ޖޫން 2025 (23:00) 
  • ހަތަރު ވަނަ ގްރޫޕް - 16 ޖޫން 2025 (14:00)

ހަތަރު ގްރޫޕުގެ ތެރެއިން ފުރަތަމަ ގްރޫޕާއި ފަހު ގްރޫޕް ރާއްޖެ އަންނާނީ ސައުދީ އަރަބިއާގެ ގައުމީ އެއާލައިންގައެވެ. ބާކީ ދެ ގްރޫޕް ރާއްޖެ އަންނަނީ ޤައުމީ އެއާލައިން މޯލްޑިވިއަންގައެވެ. 

ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން އެގޮތަށް އިލްތިމާސްކުރީ، ޙައްޖުގެ އަޅުކަމަށް ފަހު ޙައްޖާޖީން އަނބުރާ އަންނައިރު ތޮއްޖެހުން ކުޑަކޮށް ރޯގާ ފެތުރުން ކުޑަކުރުމުގެ ގޮތުންނެވެ. 

ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު މިއަދު ވަނީ މަދީނާއަށް ފުރަން ފަށާފައެވެ. އެގޮތުން ފުރަތަމަ ގުރޫޕުގެ ޙައްޖުވެރިން މިއަދު ވަނީ މަދީނާއަށް ގޮސްފައެވެ. 

ކޯޓާގެ ދަށުން ރާއްޖޭން މިއަހަރު ޙައްޖަށް ގޮސްފައިވަނީ 1000 މީހުންނެވެ. 

މިއަހަރު 1،673،230 (1.6 މިލިއަން) މީހުން ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. އެއީ 171 ޤައުމަކުން ޙައްޖުގެ އަޅުކަމަށް ދިޔަ 1,506,576 މީހުންނާއި ސައުދީން ޙައްޖުގެ އަޅުކަމުގައި ބައިވެރިވި 166,654 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 877,841 ފިރިހެނުންނާއި 795,389 އަންހެނުންނެވެ.

ޙައްޖަށް ދިޔަ މީހުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަޢުދީ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓް އިނިޝިއޭޓްގެ ފަސޭހަ 1,435,017 މީހުންނަށް ލިބުނު ކަަމަށް ވެސް ސަޢުދީ ސަރުކާރުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު