ENGLISH

02 ޖުލައި 2025

Advertisement

ހޯރަފުށީ ބޮޓްލިން ޕްލާންޓު؛ ކުރާނެ މަސައްކަތެއް ނެތް މުވައްޒަަފުން ވަކިކުރިޔަސް މަޝްރޫއު ކުރިއަށްދާނެ

11 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ހޯރަފުށީ ބޮޓްލިން ފެސިލިޓީ،

ހއ.ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަނުގެ މެދުގައި ކުރީ ސަރުކާރުގައި ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން ތަރައްގީކުރަން ފެށި ބޮޓްލިން ފެސިލިޓީގައި ކުރާނެ މަސައްކަތެއް ނެތި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރި ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ފެނަކައިން ދީފިއެވެ. 

މި މަޝްރޫއަކީ 2019 ވަނަ އަހަރު އިންޑިޔާގެ ހިލޭ އެހީގެ ދަށުން، އެ ގައުމުން ރާއްޖޭގައި ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޕްރޮޖެކްޓްސްގެ ތެރޭގަައި ހިމަނައިގެން ކުރިއަށްގެންދިއުމަށް ނިންމި މަޝްރޫއެކެވެ. މަަޝްރޫއު ހިންގުމަށް އިންޑިޔާއިން ނުވަ މިލިއަނެއްހައި ރުފިޔާ ހަމަޖެހުނު ކަމުގައި އެއިރު ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދީ ރަށު ކައުންސިލުންނެވެ. ކައުންސިލުން ހުށަހެޅި ޕްރޮޕޯޒަލަކަށް ފައިސާ ހަމަޖެހުމާއެކު، މަޝްރޫއު ހިންގުން ހަވާލުކުރީ ފެނަކައާއެވެ. 

އެ މަޝްރޫއު ފެނަކައާ ހަވާލުކުރީ މަޝްރޫއުގެ 60 އިންސައްތަ އެ ކުންފުންޏަށް ލިބޭ ގޮތަށް ކައުންސިލަށް 40 އިންސައްތަ ހިއްސާ އޮންނާނެ ގޮތަށް އެކުލަވައިލި އެއްބަސްވުމެއްގެ ދަށުންނެވެ. 

ދިގުލައިގެން ގޮސް ހަރަދު އިންތިހާއަށް ބޮޑުވި މަޝްރޫއެއް 

މި މަޝްރޫއުގެ ފަސްމަންޒަރަށް ބަލާއިރު 2019 ވަނަ އަހަރު މަޝްރޫއުގެ މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގެ ވަށައިގެން އިންފާރެއް ރޭނުން ފިޔަވައި އިތުރު މަސައްކަތެއް ނުހިނގައި ދެ އަހަރެއްހައި ދުވަސް ހޭދަވިއެވެ. 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރުވެސް ނިމިގެންދިޔައީ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވިއެވެ. 

އެ މަޝްރޫއުގެ މަސައްކަތް ނުކުރެވި ދިގުލައިގެންދިޔައިރު އިންފާރު ރޭނީ ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ނަމަވެސް މަޝްރޫއުގެ ބާކީހުރި މަސައްކަަތްތައް ނިންމުމަށް ފެނަކައިން ނިންމީ އަމިއްލައަށް އިންހައުސް މަޝްރޫއެއް ގޮތަށެވެ. 

އެގޮތަށް ނިންމައި މަޝްރޫއުގެ މަސައްކަތް ފަށައިގަނެވުނީ 2022 ވަނަ އަހަރުގެ މެދުތެރޭގަައެވެ. ފެނަކައިން 20، 30 ރަށުން މުވައްޒަފުން ގެނެސް ހޯރަފުއްޓަށް ބާލައިގެން އަވަހަށް މަސައްކަތް ނިންމުމަށް ހިފައިލީ 2023 ވަނަ އަހަރުއެވެ. އެއީ އެ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ކުރިން މަޝްރޫއު ނިންމުމަށެވެ. 

ނަމަވެސް 30 މިލިއަނާ ގާތްކުރާ އަދަދަކަށް ފެނަކައިން ފައިސާ ހަރަދުކުރެވުނުއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިންމައިލެވުނީ އެންމެ 70 އިންސައްތަ މަސައްކަތެވެ. ނުވަ މިލިއަން ރުފިޔާގެ ބަޖެޓަކުން ކުރަން ނިންމި މަސައްކަތަށް ގާތްގަނޑަކަށް ތިން ގުނަ އިތުރަށް ހަރަދުވި ނަމަވެސް މަސައްކަތް އެކީ ނިންމައިނުލެވުނެވެ.

"އެމްއެމްޓީވީ"އަށް ލިބިފައިވާ ހިސާބުތަކަށް ބަލާއިރު އެ މަޝްރޫއު ހިންގުމަށް 36،706،925 (ތިރީސްހަ މިލިއަން ހަތްލައްކަ ހަހާސް ނުވަސަތޭކަ ފަންސަވީސް) ރުފިޔާ ހަރަދުވެފައިވާއިރު، އިންޑިޔާއިން ދިން ނުވަ މިލިއަން ރުފިޔާގެ އެހީއިން މި މަޝްރޫއަށް ކައުންސިލުން ހިއްސާކޮށްފައިވަނީ 2،400،000 (ދެ މިލިއަން ހަތަރުލައްކަ) ރުފިޔާއެވެ. ބާކީ 34.3 މިލިއަން ރުފިޔާ ހަރަދުކުރީ ސީދަ ފެނަކައިންނެވެ. 

އެ އަހަރު ތެރޭ ތިން ފަހަރެއްގެ މަތިން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދުވަނީ އެ ޕްލާންޓުގެ މަސައްކަތް ނިންމައި، އެތަން ހުޅުވައި ފެން ބަންދުކުރަން ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް އެ ހުރިހާ ދުވަހަކަށް އިރު އަރައި އިރު އޮއްސުނީ ވިދާޅުވި ގޮތަށް މަސައްކަތް ނުނިމި އެޮވެއެވެ. 

މަސައްކަތެއް ނެތް ތަނަކަށް މުވައްޒަފުން ނެގުން 

ބޮޓްލިން ޕްލާންޓަށް މުވައްޒަފުން ނެގުމަށް ދެ ބުރެއްގެ މަތިން 2023 ވަނަ އަހަރު އިއުލާނުކުރިއެވެ. އޭޕްރީލު މަހުގެ ފަހުކޮޅާއި މޭ މަހުގައި ކުރި ދެ އިއުލާނުން 16 މުވައްޒަފަކު ވަޒީފާއަށް ނެގިއެވެ. އެ މުވައްޒަފުންނަށް ވަޒީފާ ދިން ނަމަވެސް ކާރުހާނާގެ މަސައްކަތް ފެށޭނެ ހާލަތަކަށް އެތަނެއް ނުގެނެވެއެވެ. އެހެންކަމުން އެ މުވައްޒަފުން ކުރާނެ ކަމެއް އެތަނުގައި ނެތެވެ. 

އެތަނުގެ ހާލަތު ރަނގަޅަށް އެނގިވަޑައިގަންނަވާ އޮފިޝަލަކު "އެމްއެމްޓީވީ"އަށް ވިދާޅުވެދެއްވި ގޮތުގައި އެތަނުގައި މުވައްޒަފުން ތިބޭނެ ގޮނޑިއާއި މޭޒު ހުރި ނަމަވެސް މަސައްކަތްކުރަން ބޭނުންވާ މެޝިނަރީގެ ބޮޑު ބައި ރާވައި ނުނިމެއެވެ. އެހެންވީމާ މުވައްޒަފަކު ކުރާނެ މަސައްކަތެއް ނޯވެއެވެ. އޮފީހަށް ވަދެ ތަނުގައި ތިބެފައި ދަނީއެވެ. 

ތަނުގެ ބޭރުފުށުން އިމާރާތުގެ މަސައްކަތް ނިމިފައި ހުރިކަމަށް ފެނުނަސް އެތެރޭގައި ނިންމަންޖެހޭ އިމާރާތްކުރުމުގެ ބައެއް މަސައްކަތްތައްވެސް ހުރީ ނިންމަންޖެހިފައެވެ. 

ބޮޓްލިން ފެސިލިޓީއަކީ ފަންނީ ގޮތުން އެކަމަށް ބޭނުންވާ ކޮލިފިކޭޝަންވެސް ހުރި މުވައްޒަފުން ތިބެންޖެހޭ ތަނަކަށްވާއިރު މިތަނުގައި ތިބި މުވައްޒަފުން ވަޒީފާއަށް ނެގީ ކޮލިފިކޭޝަނަށް ބަލައިގެން ނޫނެވެ. އަދި ފާއިތުވި މުއްދަތުގައި އެތަނުގައި މަސައްކަތްކުރުމުގެ ތަމްރީނެއްވެސް އެ މުވައްޒަފުންނަށް ދީފައި ނެތެވެ. 

މަޝްރޫއު ހުއްޓައިނުލާ ނިންމާނެކަމުގެ ޔަގީންކަން 

މަޝްރޫއުގެ މަސައްކަތް މިހާރު އޮތް ހިސާބާ ކުރިއަށްގެންދާނެ ގޮތާ ގުޅޭ ގޮތުން އެމްއެމްޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން  މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް ވިދާޅުވީ އެ މަޝްރޫއު ހުއްޓައިލަން އުޅޭކަމަށް ނުވަތަ އެފަދަ ނިންމުމެއް ނިންމިކަމަށް ބުނެ ފަތުރާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް އެ މަޝްރޫއު ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އެމްޑީ ދެއްވިއެވެ. 

"ބޯޑުން ނުނިންމާ މަސައްކަތް ހުއްޓައިލަން. ވަރަށް އަވަހަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް މި މަޝްރޫއުގެ މަސައްކަތް އަލުން ފަށަން ކުރަންޖެހޭ ކަންކަން ބަލާނެ. އިރާދަކުރެއްވިއްޔާ ޖުލައި މަހު މަޝްރޫއުގެ މަސައްކަތް ފަށައި ވަރަށް އަވަހަށް ނިންމައިލެވެނޭ،" ނަޖާހު ވިދާޅުވިއެވެ. 

ނަޖާހު އިތުރަށް ވިދާޅުވީ ބޯޑުން ނިންމީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް މަސައްކަތެއް ނެތް ގޮތުގައި މުވައްޒަފުންތަކެއް ބައިތިއްބައިގެން އެ މުވައްޒަފުންނަށް މުސާރަ ދެމުންދިއުމަކީ މިވަގުތު އެ ކުންފުންޏަށް ކުރެވެން އޮތް ކަމަކަށްނުވާތީ އެ މުވައްޒަފުން ވަކިކުރަން ކަމަށެވެ. 

ބޮޓްލިން ފެސިލިޓީގައި ކުރަންހުރި މަސައްކަތްތައް ނިމުނުހާ އަވަހަކަށް އެތަނަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާނުކޮށް ކުންފުނީގައި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން އެ ފެސިލިޓީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ނަގާނެ ކަމުގައިވެސް މެނޭޖިން ޑިރެކްޓާ ވިދާޅުވިއެވެ. 

އެހެކަމުން، މަޝްރޫއުގެ މަސައްކަތް ހުއްޓައިލި ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ. މަޝްރޫއަކީ އިންޑިޔާއިން ދިން އެހީގައި ހިންގަން ރޭވި މަޝްރޫއެއް ނަމަވެސް ބޮޑު އަގުގައި މަޝްރޫއު ހިންގާފައިވާއިރު އެ ފައިސާ ކައުންސިލުން ފެނަކައަށް ނުދެއެވެ. މަޝްރޫއުގެ މަސައްކަތް ނުނިމެނީސް އަދި ފެސިލިޓީ އޮޕަރޭޝަނަށް ގެނައުމަށް އެތައް މަސައްކަތެއް ކުރަންޖެހިފައިވަނިކޮށް އެތަނަށް ވަޒީފާއަށް މީހުން ނެގީ އިންތިހާބާ ދިމާކޮށެވެ. އެ މުވައްޒަފުން ވަޒީފާގައި ބައިތިއްބައިގެން މުސާރަ ދެމުންދިއުމަކީ ފެނަކައިގެ މާލީ ހާލަތު އޮތް ގޮތުން އެ ކުންފުންޏަށް އުފުލޭނެ ބުރަައެއް ނޫނެވެ. މިގޮތަށް މަސައްކަތެއް ނެތި ތިބޭ މުވައްޒަފުން ވަކިކުރުމަކީ އޮޑިޓު އޮފީހުންވެސް ލަފާދޭ ގޮތެވެ. 

އެހެންކަމުން މި މައްސަލާގައި އިދިކޮޅު އެމްޑީޕީއާއި އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް ހޯރަފުށީ ކައުންސިލާއި، އިދިކޮޅަށް ވާގިވެރިވާ މީޑިޔާތަކުން ފަތުރަމުން އަންނަ ވާހަކަތަކަކީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އަސްލާ ހިލާފަށް އުފަންކޮށްފައިވާ ބުހުތާނެވެ. 

ކިޔުންތެރިންގެ ހިޔާލު