ENGLISH
02 ޖުލައި 2025
މެރިކަލްޗާއަށް އިންވެސްޓުކުރާ މީހުންނަށް ވާދަވެރިންނަށްވުރެ ރަނގަޅު ލުއިތައް ރާއްޖެއިން ދެނީ
11 ޖޫން 2025
|
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު، ފޮޓޯ: ސްކްރީން ޝޮޓު
ރާއްޖޭގައި މެރިކަލްޗާ ތައާރަފުކުރުމުގެ ގޮތުން އެ ދާއިރާއިން އިންވެސްޓުކުރާ ފަރާތްތަކަށް، އެ ސިނާއަތުގައި ރާއްޖެއާ ވާދަކުރާ ނުވަތަ ވާދަކޮށްފާނެ ގައުމުތަކަށްވުރެ ފަސޭހަ ލުއިތަކެއް ރާއްޖެއިން ފޯރުކޮށްދޭނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ މެރިކަލްޗާ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މެރިކަލްޗާ ސިނާއަތް ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ ކަނޑުފަޅުގެ ވަސީލަތްތަކުން ހޯދާ ނަފާ އިތުރުކުރުން ކަމަށެވެ.
މެރިކަލްޗާ ސިނާއަތް ތަރައްގީކުރުމަށްޓަކައި އިންވެސްޓަރުންނަށް ފަހި މާހައުލެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން، ޝިޔާމު ވިދާޅުވީ މެރިކަލްޗާ މަސައްކަތް ކުރުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަަށެވެ. އިތުރަށް އޭނާ ފާހަގަކުރެއްވީ މިއީ މިފަދައިން މެރިކަލްްޗާ ތަރައްގީކުރުމަށް ވަކި ސަރަހައްދުތަކެއް ހާއްސަކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
ސަރަހައްދުތަކެއް ހާއްސަކުރުމުގެ އިތުރަށް އެ ސަރަހައްދުތަކުގައި އިންވެސްޓުކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމުގެ ގޮތުން އެ މަސައްކަތްކުރުމަށް ނަގާ ސަރަހައްދަށް އިކުއިޒިޝަން ކޯސްޓު ދައްކަންނުޖެހޭ ގޮތަށް ނިންމުމުގެ އިތުރަށް، އެ ސަރަހައްދަށް އިންވެސްޓުކުރާ ފަރާތްތަކަށް ތިން އަހަރު ދުވަހު ކުލިވެސް ދައްކަންނުޖެހޭ ގޮތަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި މެރިކަލްޗާ މަސައްކަތްތައް ހިނގަމުންދަނީ ކޮމިއުނިޓީ ފެންވަރުގައި ވަރަށް ކުދިކުދި ފާމްތަކުގައިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މެރިކަލްޗާ މަސައްކަތް ފުޅާކުރެވި ސިނާއީ ފެންވަރަށް ބޮޑުކުރެވިއްޖެނަމަ މިހާރު ރާއްޖެއަށް ބޭރުން އެތެރެކުރާ ބައެއް ސީފުޑްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރަންނުޖެހޭ މިންވަރަށް އެ މަސައްކަތް ފުޅާކުރެވިދާނެ ކަމަށެވެ.
"މެރިކަލްޗާ ކަހަލަ ސިނާއަތެއް ފެށިގެންދިޔައިމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އިމްޕޯޓުކުރާ ސީފުޑުގެ ބައެއް ބާވަތްތައް އިމްޕޯޓުނުކޮށްވާނެ އެ ސްކޭލުގައި ކުރެވޭކަމަށްވާނަމަ. ދިވެހިރާއްޖޭގައި މެރިކަލްޗާ އެއީ ވަރަށް ސްމޯލް ސްކޭލުގައި ކުރެވެނީ އަދި އޮތީ ވަރަށް ޅަފަތުގައި،" ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިނާއީ ފެންވަރަށް މެރިކަލްޗާ ފުޅާކުރުން ކަމަށެވެ. އަދި އެކަމަށް ކުރެވުމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭރުގެ ބައެއް އިންވެސްޓަރުން އެ ދާއިރާއަށް އިންވެސްޓުކުރަން ޝައުގުވެރިކަން ފާޅުކޮށް ސަރުކާރަށް ހުށަހެޅުންތައް ހުށަަހަޅާފައިވާ ކަމަށެވެ.
މިހާރު އެ މަސައްކަތް ފެށުމަށް ބޭނުންވާ އުސޫލުތަކާއި ގަވާއިދުތައް އެކުލަވައިލާ އޮނިގަނޑު ނުވަތަ ފްރޭމްވޯކު ފަރުމާކޮށް ނިންމައިލެވިފައިވާކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ އަންނަ މަހުގެ ފަހުކޮޅުގައި ބޭރުގެ އިންވެސްޓުމެންޓުތަކަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލާނެ ކަމަށެވެ.