ENGLISH

02 ޖުލައި 2025

Advertisement

މާލެ ފަހި ޕްރޮގުރާމުގެ ނަތީޖާ އަންނަނީ ފެންނަމުން؛ އިތުރު މަސައްކަތްވެސް ކުރާނެ

11 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނު، ފޮޓޯ: ސްކްރީންޝޮޓް

މާލޭގައި އެއްގަމު އުޅަނދުފަހަރު ގިނަވެ ތޮއްޖެހުން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ މާލޭ ފަހި ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިވާކަމަަށާއި، ނަމަވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަމާއި ކުރަންޖެހޭ މަސައްކަތްތައް ޓްރާންސްޕޯޓު މިނިސްޓްރީން ކުރަމުން އަންނަކަމަށް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

އަމީނު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. އަމީނު ވިދާޅުވީ މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލައަކީ ހައްލުނުވެ ދިގުލައިގެންދިއުމުގެ ސަބަބުން ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ރައްޔިތުން އެދޭ މިންވަރުގެ ނަތީޖާއެއް ހާސިލުނުވާ ސަބަބަކީވެސް މައްސަލަ ބޮޑުވެފައި އޮތް މިންވަރުކަން ފާހަގަކުރެއްވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މާލެ ފެހި ޕްރޮގުރާމުގެ ނަމުގައި ފެށި ޕްރޮގުރާމުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރު ފާހަގަކުރެއްވީ މާލެއާއި ހުޅުމާލޭ މަގުތަކުގައި ކުރިން ޕާކުކޮށްފައި ހުރި ހަލާކުވެފައި ހުރި ބާ އުޅަނދުތައް މިހާރު ނަގާފައިވާ ކަމަށެވެ. އޭގެ އިތުރަށް ޕާކިންއަށް އިތުރު ހަތަރު ބިމެއް ކަނޑައަޅައި މިހާރު އެ ބިންތައްވެސް ބޭނުނކުރަމުންދާ ކަމަށެވެ. 

އިތުރަށް އަމީނު ވިދާޅުވެފައިވަނީ އަންނަ ޖުލައި މަހުން ފެށިގެން ރާއްޖެއަށް އެއްގަމު އުޅަނދުފަހަރު އެތެރެކުރެވޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް ދައްކައިގެން ނުވަތަ އެ އުޅަނދު އެތެރެކުރުމުގެ ހުއްދަ ނަގައިގެން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ އުޅަނދުފަހަރު އިތުރުވާ މިންވަރު ކޮންޓުރޯލުކުރުމަށް އަޅަމުންދާ މުހިއްމު ފިޔަވަޅުތަކެވެ. 

އަދި ޕާކިން އިމާރާތްތައް އެޅުމަކީ ބޭނުންތެރި މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން އަމީނު ވިދާޅުވީ އުންމީދުކުރެއްވި ވަރަށްވުރެ އެ އިމާރާތްތައް އެޅުމުގެ މަސައްކަތް އެކި ސަބަބުތަކާހުރެ ލަސްވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށެވެ. 

މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ގެންގުޅެވޭނެ މިންވަރު ކަނޑައެޅުމުގެ މަސައްކަތްކުރުމަށް ސިޓީ ކައުންސިލުން އެކި މުހުލަތުތައް ދެމުންދިޔަ ނަމަވެސް ކައުންސިލަށް އެކަން ނުކުރެވޭނަމަ ގާނޫނު ބަދަލުކޮށްގެން މިނިސްޓްރީން އެ މަސައްކަތްކުރާނެ ކަމުގައި އަމީން ވިދާޅުވިއެވެ. 

"އެހެންވީމާ ކެރީން ކެޕޭސިޓީ (ކަނޑައެޅުމުގެ މަސައްކަތް) އެކަންތައް ސިޓީ ކައުންސިލުން ނުކުރާކަމަށްވަންޏާމު، އަޅުގަނޑުމެންނަށް އޮތް މަރުހަލާއަކީ ގާނޫނަށް ބަދަލުކޮށްގެން މިނިސްޓްރީން އެކަންކުރުން. އަޅުގަނޑުމެން އެކަންކޮށްގެން ނަމަވެސް ކެރީން ކެޕޭސިޓީ ކަނޑައަޅައިގެން ސެޓްފިކެޓް އޮފް އެންޓައިޓްލްމެންޓު ދޫކޮށްގެން އެހެން ތަންތާވެސް އޮންނަ އުސޫލުގެ ތެރެއިން އަދަދެއް ކަނޑައެޅިގެން ދިއުން،" މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ރާއްޖެއަށް އެތެރެކޮށް ރަޖިސްޓްރީކުރި އެއްގަމު އުޅަނދުފަހަރުގެ އަދަދު 75 އިންސައްތަ ދަށްވެފައިވެއެވެ. އެއީ ބޮޑު ކާމިޔާބެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު