ENGLISH

02 ޖުލައި 2025

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސަލީމް އާއި ހަމީދު އައްޔަނުކުރައްވައިފި

11 ޖޫން 2025

|

ހަސަން އާމިރު

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިން ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ މިއަދު ކުރައްވައި، މަގާމަށް އެ ދެބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ފަނޑިޔާރުންނަށް، ފަނޑިޔާރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ބޭފުޅުންނާ ހަވާލުކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ ނަން ފޮނުއްވި މި ދެ ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ހައި ކޯޓުގެ ފަނޑިޔާރު ފ. ބިލެތްދޫ، މޯނިންގްވިލާ، މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ނ. ހެނބަދޫ، ނޫރާނީމާގެ، ޢަބްދުﷲ ޙަމީދު އެ މަގާމަށް އައްޔަނުކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި މައްސަލަ ކޮމިޓީއަށް ފޮނުވީ މި މަހުގެ 2 ވަނަ ދުވަހު އެވެ. މި މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ދެބޭފުޅުންނަކީ ވެސް މަގާމަށް ޝަރުތުހަމަވާ ދެ ބޭފުޅުން ކަމަށެވެ. އެހެންވެ އެ ބޭފުޅުންނަށް ރުހުން ދިނުމަށް އޭގެ ދެ ދުވަސް ފަހުން ކޮމިޓީން ނިންމި އެވެ.

މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައިވަނީ ދެ ބޭފުޅުންނަށް ވަކިވަކިންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އަބްދﷲ ހަމީދަށް ރުހުން ދެއްވީީ 60 މެމްބަރުންގެ ވޯޓުންނެވެ. ސަލީމް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފައިވަނީ 61 މެމްބަރުންގެ ވޯޓާ އެކު އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނީ، އުއްތަމަ ފަނޑިޔާރާއި، އިތުރު ހަ ފަނޑިޔާރުންގެ މައްޗަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު