ENGLISH

02 ޖުލައި 2025

Advertisement

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން؛ މުލުގައި އޮތް ދެ ސަބަބާ ކުރިމަތިލުމުގައި ކުރިއެރުންތަކެއް

11 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ފުލުހުން މަސްތުވާތަކެތިތަކެއް ނައްތައިލަނީ، ފޮޓޯ: ޕޮލިސް

ދިވެހިރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ދެބަސްވުމެއް ނެތި އެންމެންގެ ޖަވާބަކަށްވާނީ މަސްތުވާތަކެތީގެ ވަބާ ކަމުގައެވެ. މި ވަބާގެ ނޭދެވޭ އަސަރު ނުފޯރާ ދިވެހި އާއިލާއެއް ނެތްކަމުގައި ބުނުން ދޮގަކަށްނުވާނެއެވެ. ޒުވާނުންގެ މެދުގައި އައު ބާވަތްތަކުގެ މަސްތުވާތަކެތި އާއްމުވަމުންދިޔައިރު މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނުކަމަށް ގިނަ ބަޔަކު ގަބޫލުނުކުރެއެވެ. 

ނަމަވެސް މަންޒަރު ދަނީ ބަދަލުވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއާއި އެ ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތަކާ މަތިކޮށްފައިވާ އެންމެ މުހިއްމު އެއް މަސައްކަތަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމެވެ. އެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި މައްސަލައިގެ ފަހަތުގައިވާ މައިގަނޑު ދެ ސަބަބު ހައްލުކުރުމަށް އަންނަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. 

އެ ދެ ސަބަބަކީ ސަޕްލައިއާއި ޑިމާންޑެވެ. ބަޔަކު މަސްތުވާތަކެތި އެތެރެކޮށް އެއިން ވިޔަފާރިކުރާނަމަ މަސްތުވާތަކެތި ރާއްޖެއިން ފަސޭހައިން ލިބޭނެއެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުން ގިނަ އަދަދަކަށް ތިބޭނަމަ މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު ކުޑަނުވާނެއެވެ. އެހެންކަމުން މަސްތުވާތަކެތި އެތެރެކުރުމަށް ހުރަސްއެޅުމާއެކު، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދިނުމަކީ މި މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތެކެވެ. 

މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކުރާ މަސައްކަތް 

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ އެންމެ މަސައްކަތަކީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމެވެ. ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ގިނަ މަސައްކަތްތަކެއް ފާއިތުވި އަހަރުވެސް ސަރުކާރުން ކުރިއެވެ. ފާއިތުވި 2024 ވަނަަ އަހަރު މަސްތުވާތަކެތެއްޗާ ގުޅުންހުރި 158 އޮޕަރޭޝަން ފުލުހުން ހިންގިއެވެ. އެ އޮޕަރޭޝަންތަކުަގއި 12،561 މީހަކު ބަލައި ފާސްކުރިއެވެ. 1،009 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ. 

ފާއިތުވި 18 މަހަށް ބަލާއިރު މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ. އެގޮތުން ކަމާ ބެހޭ އިދާރާތަކުން ކުރި މަސައްކަތްތަކުން އެ މުއްދަތުގައި 700 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. އެއީ މަގުމަތީ އަގަށް ބަލާނަމަ، 1.4 ބިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެއްޗެެވެ. އޭގެ އިތުރަށް 9000 އަށްވުރެ ގިނަ ރާފުޅި ރާއްޖޭގެ އެކި ރަށްރަށުން އަތުލައިގަނެފައިވެއެވެ. 

މި ކާމިޔާބުގެ އެންމެ ބޮޑު އެއް ސިއްރަކީ ވައިގެ މަގުންނާއި ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކެވެ. އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންޓެއިނާ ސްކޭނަރެއް ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. 

ފަރުވާގެ ނިޒާމު ހަރުދަނާކުރުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޑްރަގު ކޯޓުން ފަރުވާދިނުމަށް އަމުރުކޮށްފައި ތިބި ފަރުވާއަށް ނުގެންެދެވި ތިބި ގިނަ ބަޔަކު ތިއްބެވެ. އެމީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަނުޖެހުމުގެ ސަބަބުން މުޖުތަމައު ތެރެއަށް ގިނަވެ އާއްމުންނަށް އުދަގޫވާ މިންވަރަށް މަސްތަށް ދެވިހިފާފައިވާ މީހުން މަގުމަތީ ގިނަވިއެވެ. 

ސަރުކާރު ބަދަލުވުމާއެކު މިފަދަ ގިނަ ބަޔަކު ރިހެބް ސެންޓަރުތަކަށް ގެންދަން ފެށިއެވެ. ކޯޓުން ނިމުނު އަހަރު ފަރުވާއަށް ގެންދަން އަމުރުކުރި 586 މީހުންގެ ތެރެއިން 419 މީހުން ފަރުވާ ފުރިހަމަކުރިއެވެ. އެންމެންވެސް ފަރުވާއަށް ގެންދިޔައެވެ. \

އޭގެ އިތުރަށް މުޖުތަމައުގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމުތައް ސަރުކާރުން އަންނަނީ ހަމަޖައްސައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގުރާމުތައް ފުޅާކުރަމުންނެވެ. ފަރުވާ ހޯދަމުންދާ އަދި ފަރުވާ ފުރިހަމަކުރާ މީހުންނަށް މުޖުތަމައުގައި ދިރިއުޅެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އަންނަނީ އެ މީހުންނަށް ވަޒީފާގެ ފުރުސަަތުތައް ފަހިކުރުމުގެ މަސައްކަތްކުރަމުންނެވެ. 

އޭގެ އިތުރަށް މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ސަބަބުން މަގުމަތިވެފައި ތިބި ޒުވާނުން މަގުމަތިން ނަގައި ރިމާންޑު ސެންޓަރުތަކަށް ގެންގޮސް ފަރުވާދިނުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން 178 މީހަކު މަގުމަތިން ނަގައި ރިމާންޑު ސެންޓަރުތަކަށް ގެންގޮސް ފަރުވާދިނުމުގެ މަސައްކަތްވަނީ ފަށާފައެވެ. 

އެކަމަށްޓަކައި ރިމާންޑު ސެންޓަރުތައް އިތުރުކުރުމުގެ މަސައްކަތްވެސް ސަރުކާރުންވަނީ ފަށާފައެވެ. އެގޮތުން  މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި އަލަށް ޤާއިމުކުރެވޭ ރިމާންޑް ސެންޓަރުތައް ހުންނާނީ ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހުޅުދޫގައެވެ. މިހާރު ހުޅުމާލެއާއި ހިންމަފުށީގައި ރިމާންޑު ސެންޓަރުތައް ހުރެއެވެ. 

މިއީ މިހާތަނަށް މި މަސައްކަތުގެ ތެރެއިން ހޯދުނު ކާމިޔާބުތަކެވެ. ކުރަންހުރި މަސައްކަތް ގިނައެވެ. ބައި ގަރުނެއްހައި ދުވަހަށް ދިގުލައިގެންގޮސްފައިވާ މި މައްސަލަ އަހަރެއް ދެ އަހަރެއްހައި ދުވަހުގެ ތެރޭ ހައްލުކުރުމަކީ މުސްތަހީލުކަމެކެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތާއި ހާސިލުކުރެވިފައިވާ ކާމިޔާބުތަކަށް ބަލާއިރު މިސްރާބު ހުރީ ރަނގަޅަށެވެ. އަމާޒަށް ވާސިލުވެވޭނެކަމުގެ އުންމީދު އެބައޮތެވެ. 

ކިޔުންތެރިންގެ ހިޔާލު