ENGLISH

02 ޖުލައި 2025

Advertisement

ކަނޑުފަޅުގެ މުއްސަނދިކަމުގެ ހިސާބުކުރަން ފެށުމާ ގުޅޭ މަގުޗާޓެއް އިފުތިތާހުކޮށްފި

11 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ރާއްޖޭގެ ކަނޑުތަކުގެ މުއްސަނދިކަން މިނެކިރުމާ ގުޅޭ އޮނިގަނޑު އެކުލަވައިލުމުގެ މަގުޗާޓު އިފުތިތާހުކުރުން، ފޮޓޯ: ތިމާވެއްޓާ ބެހޭ ވުޒާރާ

ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން މިނެކިރައި އޭގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތް ފެށުމުގެ މަގުޗާޓެއް އެކުލަވައިލާ އިފްތިތާހުކޮށްފިއެވެ. 

މި މަގުޗާޓު އިފުތިތާހުކުރުމުގެ ރަސްމިއްޔާތު އޮތީ މިހާރު ފްރާންސްގެ ނީސްގައި ކުރިއަށްދާ އދ.ގެ ތިންވަނަ އޯޝަންސް ކޮންފަރެންސްގެ ހަވާސާގައި ގްލޯބަލް އޯޝަންސް އެކައުންޓްސް ޕާޓްނާޝިޕާއެކު ރާއްޖެއިން އިންތިޒާމުކުރި ސައިޑް އިވެންޓުގައެވެ. 

މި މަގުޗާޓު އިފުތިތާހުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. 

މިކަމާ ގުޅޭ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީންް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަގުޗާޓުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އޯޝަން އެކައުންޓްސް އެކުލަވައިލުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާގައި ކުރަންޖެހޭ ކަންކަން އަންނަ އަހަރު ނިމުމުގެ ކުރިން ނިންމައިލުމާއި، 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނޑުތަކުގެ އެކައުންޓްސްތައް ތައާރަފުކޮށް، ގައުމީ ފެންވަރުގައި ކަނޑުތަކުގެ އެކައުންޓްސް ނިޒާމެއް އެކުލަވަައިލުމެވެ. 

އޭގެ އިތުރަށް 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ތަރައްގީގެ ޕްލޭންތައް އެކުލަވައިލުމުގައި ކަނޑުތަކުގެ އެކައުންޓްސް ނިޒާމުގެ ތެރެއިން އެއްކުރެވޭ މައުލޫމާތުތައް ބޭނުންކުރަން ފެށުމަކީވެސް މަގުޗާޓުގެ އަމާޒެކެވެ. 

މަގުޗާޓު އިފުތިތާހުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޠާރިޤުވަނީ ރާއްޖޭގެ އިޖުތިމާއީ އިގުތިސާދީ ދުޅަހެޔޮކަމާއި ދިވެހި ކަނޑުތަކާއި އެ ކަނޑުތަކުގެ ދިރުމާ ލާމެހިފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ މުއްސަނދިކަމާއި މާހައުލީ ނިޒާމުތައް ހިމާޔަތްކުރުމަކީ މުހިއްމު އެކަމަށް ސަރުކާރުން އިސްކަންދޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ. 

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އޯޝަން އެކައުންޓްސްއަކީ ކަނޑުފަޅާއި، އައްސޭރިފަށުގެ ގުދުރަތީ މާހައުލާއި އެތަންތަނުގެ ދިރުންތަކަކީ ގުދުރަތީ ވަސީލަތްތަކުގެ ގޮތުގައި މިންކޮށް، އެ ވަސީލަތްތަކުގެ ހާލަތު އެނގިގަނެ، އެ ވަސީލަތްތަކުން ލިބޭ އިގުތިސާދީ އަދި އިޖުތިމާއީ ފައިދާ ދެމެހެއްޓެނެވި ގޮތަކަށް ހާސިލުކުރެވޭނެ ނިޒާމުތައް އެކަށައެޅުމަށް ބޭނުންކުރާ އޮނިގަނޑެކެވެ. 

ކިޔުންތެރިންގެ ހިޔާލު