ENGLISH
02 ޖުލައި 2025
އަންނަ ހުކުރުދުވަހު ހުކުރު ނަމާދަށްފަހު ހުރިހާ ރަށެއްގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރާނެ
11 ޖޫން 2025
|
ޝައިޚް ފަރީދުގެ ދަރުހެއްގެ ތެރެއިން، ފޮޓޯ: މިއަދު
ރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދު އަޙްމަދު މައްޗަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އަންނަ ހުކުރުދުވަހުގެ ހުކުރު ނަމާދަށްފަހު ޣައިބަށް ކަށުނަމާދުކުރުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަަޢީދު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޝައިޚު ފަރީދުގެ މައްޗަށް 13 ޖޫންވާ ހުކުރުދުވަހުގެ ހުކުރު ނަމާދަށްފަހު މާލޭގެ އިތުރަށް މުޅި ރާއްޖޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޑރ.ޝަހީމުވަނީ ޝައިޚް ފަރީދުގެ މައްޗަށް ކަށުނަމާދުކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް ހުރިހާ ރަށްރަށުގެ ކައުންސިލުތަކުންނާއި ހުރިހާ މިސްކިތްތަކެއްގެ މުދިމުން ސަމާލުވުމަށްވެސް އެދިވަޑައިގެންފައެވެ. އަދި އެކަމާ ގުޅޭ ރަސްމީ ނޯޓެއް ކައުންސިލުތަކާއި މުދިމުންނަށް ފޮނުވޭނެ ކަމުގައި ވިދާޅުވިއެވެ.
ޝައިޚް ފަރީދާ ގުޅޭ ގޮތުން ޑރ.ޝަހީމު ވިދާޅުވީ އޭނާއަކީ ދިވެހިރާއްޖޭގެ ދީނީ ދަޢުވަތުގެ މައިދާނުގައި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށާއި، އޭނާ ވަކިވެވަޑައިގަތީ އެންމެހައި ދިވެހިން ރޮއްވާލާފައި ކަމަށެވެ.
"ޝައިޚު ފަރީދު ދަންނަ އެންމެހައި މީސްތަކުންގެ ހިތްތަކުގައި މިއަދު އާލާވަމުން ދަނީ އެ ބޭފުޅާގެ ހެޔޮ ހަނދާންތައް. އެ ބޭފުޅާއަކީ ހިތްވަރު ގަދަ، ޚުލްޤު ހެޔޮ، މީހުންނާ ގާތް ރަޙުމަތްތެރި ބޭފުޅެއް،" ޑރ.ޝަހީމް އިތުރަށް ވިދާޅުވިއެވެ.
އަދި ޝަހީމު ފާހަގަކުރެއްވީ ފަރީދުގެ އަސަރުގަދަ ދަރުސްތަކުގެ ސަބަބުން ހިތްތަކށް ފުން އަސަރުކުރުވި ކަމާއި، އަދި ރީތި އަޑުފުޅުން ޤުރުއާން ތިލާވަތުކުރެއްވުމާއި، މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ ދީނުގެ ދައުވަތު ފެތުރުއްވުމުގައި ކަމެވެ.
"މުޅި ޙަޔާތް ހޭދަކުރެއްވީ އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި. ދުނިޔެއާ ވަކިވެގެން އެ ދިޔައީ ވެސް އެ މަގުގައި ހިންގަވައިފައި ވަޑައިގަންނަވަނިކޮށް. މާތް ﷲ ޝައިޚް ފަރީދުއަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި.،"
ޝައިޚު ފަރީދު ފަދަ ބޭފުޅުންގެ ޙަޔާތުން ފިލާވަޅުތައް ލިބިގަނެ، އެ ބޭފުޅުން ކޮށައިދެއްވި މަގުން ހިނގައި، އިސްލާމް ދީނާއި ވަޠަނުގެ ދިފާޢުގައި ދެމި ތިބޭނެ ޒުވާން އިލްމީ ޖީލެއް ބިނާކުރުމުރުމުގެ ބުރަ ބޮޑު މަސްއޫލިއްޔަތު ދިރިތިބިންގެ ކޮނޑުގައި އެޅިފައިވާކަމަށްވެސް ޑރ.ޝަހީމު ވިދާޅުވިއެވެ.